Advertisement

ހުލާސާކޮށް އިއްޔެ: އދ. ގެ ގަރާރާ ގުޅިގެން ރައީސް މުއިއްޒުގެ ބަސް

24 ޑިސެންބަރު 2023 - 07:34 0


ހުލާސާކޮށް އިއްޔެ: އދ. ގެ ގަރާރާ ގުޅިގެން ރައީސް މުއިއްޒުގެ ބަސް

24 ޑިސެންބަރު 2023 - 07:34 0

އިޒްރޭލާއި ހަމާސްއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާރާ އެއް ގޮތަށް ކުރިއަށް ދެވޭނީ، ހަމަލާތައް ހުއްޓުވައިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އދ. ގެ ސެކުއިރިޓީ ކައުންސިލުން ފާސްކުރި އެ ގަރާރަކީ ރަނގަޅު މިސްރާބަށް އެ ހާލަތު ގެންދިޔުމަށް އެޅުނު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ރައްކާތެރިކަމާއެކު ފޯރުކޮށްދެވޭނެ މާހައުލެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.

އެހެން ކަމުން ރާއްޖޭން އުންމީދުކުރަނީ އދ. ގެ ގަރާރާ އެއް ގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދީ، ހަމަލާތައް ހުއްޓުވުމަށް ނެގެން އޮތް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް މަގުފައި ކޮށްދިނުމަށް ވެސް ބާރުއަޅާފައިވާ އެ ގަރާރު ފާސްކޮށްފައި ވަނީ ސެކިއުރިޓީ ކައުންސިލުގެ 15 މެންބަރު ގައުމުގެ ތެރެއިން 13 ގައުމުގެ ތާއީދާ އެކު އެވެ. އެ ވޯޓުގައި ދުނިޔޭގެ އެންމެ ބޮޑު ދެ ބާރު، އެމެރިކާ އާއި ރަޝިޔާއިން ބައިވެރި ނުވެ އެވެ.

އެންމެ ފުރަތަމަ ގަރާރު ޑްރާފްޓު ކުރިއިރު، ވީހައި ވެސް އަވަހަކަށް ދެމެހެއްޓިނިވި ގޮތެއްގައި ހަނގުރާމަ ހުއްޓައިލުމަށް ގޮވާލައި އިބާރާތެއް ހިމަނާފައި އޮތެވެ. އަދި ގާޒާއަށް ފޮނުވާ އިންސާނީ އެހީ ބަލައި ފާސް ކުރުމާއި އެފަދަ ހުރިހާ ބާރެއް އދ. އަށް ދިނުމަށް ވެސް ޑްރާފްޓުގައި ހިމަނާފައި އޮތެވެ. ނަމަވެސް ފަހުން އެ އިބާރާތްތައް ބަދަލު ކުރީ މީގެ ކުރިން އެ އިބާރާތުން ލިޔެ އެ ކައުންސިލުން ފާސް ކުރަން އުޅުނު ގަރާރުތައް ވެސް އެމެރިކާއިން ވީޓޯ ކޮށްފައި ވާތީ އެވެ.

ގަރާރު ފާސްކުރީ ހަނގުރާމަ ހުއްޓައިލުމަށް ގޮވާލުމަށް ހިމަނާފައި އޮތް އިބާރާތް ހަނގުރާމަ ހުއްޓައިލުމަށް މަގުފަހިކޮށްދިނުމަށް ބަދަލުކޮށް ގާޒާއަށް ވައްދާ އެހީގެ މައްޗަށް އިޒްރޭލަށް ބާރު ފޯރުވޭ ގޮތަށް ބަދަލު ކޮށްގެންނެވެ.

ގަރާރުގެ އިބާރާތް ބަދަލު ކުރުމުން ރަޝިޔާއިން ވަނީ ނުރުހުން ފާޅުކޮށް ހަނގުރާމަ ހުއްޓައިލުމަށް އޮތް އިބާރާތް އެ އޮތް ގޮތަށް ބޭއްވުމަށް ގޮވާލައިފަ އެވެ. ރަޝިޔާއިން ބުނީ އެ ގަރާރަކީ އެމެރިކާއިން މެދުހަމަ ކޮށްފައިވާ ގަރާރެއް ކަމަށެވެ. ވޯޓުގައި އެ ގައުމުން ބައިވެރި ނުވީ އެ ސަބަބާ ހުރެ އެވެ.

މުހިއްމު ބައެއް ހަބަރު