Advertisement

ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަމާ އެކު ސިޓީ އަށް ރެކޯޑެއް

23 ޑިސެންބަރު 2023 - 02:10 0


ކްލަބް ވޯލްޑް ކަޕް ޗެމްޕިއަންކަމާ އެކު ސިޓީ އަށް ރެކޯޑެއް

23 ޑިސެންބަރު 2023 - 02:10 0

ޖިއްދާ، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 23) - ބްރެޒިލްގެ ފްލުމިނެންސޭ އަތުން 4-0 އިން މޮޅުވެ، ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައި، މެންޗެސްޓާ ސިޓީން ކަލަންޑަރު އަހަރެއްގައި ފަސް ތަށި ހޯދި އިނގިރޭސި ފުރަތަމަ ޓީމުގެ ޝަަރަފް ހޯދައިފި އެވެ.

ސިޓީ އަކީ ކްލަބް ވޯލްޑް ކަޕް ތަށި އުފުލާލި އިނގިރޭސި ހަތަރު ވަނަ ޓީމެވެ. މީގެ ކުރިން، ލިވަޕޫލް، ޗެލްސީ އަދި މެންޗެސްޓާ ޔުނައިޓެޑުން ވަނީ އެކަން ހާސިލްކޮށްފަ އެވެ.

އެކަމަކު، ސިޓީގެ މި ކާމިޔާބީ ހާއްސަވަނީ އެ ޓީމުން ކަލަންޑަރު އަހަރެއްގައި ފަސް ތަށި އުފުލާލި އިނގިރޭސި ފުރަތަމަ ޓީމަކަށް ވުމެވެ. ސިޓީން ވަނީ މިިދިޔަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕްގެ އިތުރުން ޔުއެފާ ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފަ އެވެ.

ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗު ފެށިގެން 40 ސިކުންތު ތެރޭގައި ސިޓީ އަށް ލީޑުނަަގައިދިނީ ހޫލިއަން އަލްވަރޭޒް އެވެ. މިއީ ސިޓީގެ ނޭތަން އަކޭ ކުރި އެޓޭކަކުން، އަލްވަރޭޒް ޖެހި ލަނޑެކެވެ. ސިޓީން ވަނީ މެޗުގެ 27 ވަނަ މިނިޓްގައި ލީޑުފުޅާކޮށްފަ އެވެ. މިއީ ސިޓީގެ ފިލް ފޯޑެން ކުރި އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ފްލުމިނެންސޭގެ ނީނޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލްވަރޭޒް ދިން ބޯޅައަކުން 72 ވަނަ މިިނިޓްގައި ފޯޑެން ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ސިޓީގެ ފަހު ގޯލު ޖެހީ އަލަވަރޭޒް އެވެ. މިއީ މަތެއުސް ނޫނޭޒް ދިން ބޯޅައަކުން އަލްވަރޭޒް ޖެހި ގޯލެކެވެ.

މިއީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ، ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން، ބާސެލޯނާއާ އެކު ދެ ފަހަރު އަދި ބަޔާން މިއުނިކާ އެކު މި މުބާރާތް ކާމިޔާބުކޮށްފައިވެ އެެވެ.