Advertisement

ސަރުކާރުން އުޅެނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން: އެމްޑީޕީ

22 ޑިސެންބަރު 2023 - 19:45 1

އަހުމަދު އާއިދު

އަހުމަދު އާއިދު

އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ޗެއާޕާސަން ފައްޔާޒު އިސްމާއިލް : އެ ޕާޓީން ބުނީ ިޕީޕީއެމްގެ ކުރީގެ ވެރިކަން ފަދައިން މި ސަރުކާރުންވެސް އުޅެނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން ކަމަށް - ފޮޓޯ: އަދަދު


ސަރުކާރުން އުޅެނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން: އެމްޑީޕީ

22 ޑިސެންބަރު 2023 - 19:45 1

ޕީޕީއެމް ކުރީގެ ވެރިކަން ގޮތަށް މި ސަރުކާރުން ވެސް އުޅެނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީއިން މިއަދު ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކާއި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދިޔަ ނޫހަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމާ ގުޅިގެން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގަ އެވެ.

އެގޮތުން އެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ މިނިވަން މާހައުލެއްގައި ބަސް ބުނުމުގެ މިނިވަންކަން ހޯދުމަކީ އެ ޕާޓީން އަބަދުވެސް ވަކާލާތު ކުރާ މަގު ކަމަށާއި އެ ހައްގު ހޯދީ ދިވެހި އެތަކެއް ރައްޔިތުންނާއި އެ ޕާޓީ ގުރުބާންވެގެން ކަމަށެވެ.

"ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހެއެވެ. ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައް ވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަން. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޕާޓީގެ ނިމިދިޔަ ވެރިކަމަށް އިޝާރާތް ކޮށް ބުނެފައިވަނީ އެމްޑީޕީގެ ސަރުކާރާއި ދެކޮޅަށް ރޭވިގެން, އިންތިޒާމުވެވިގެން ދޮގު ހަބަރު ފަތުރަމުންދިޔަ އިރުވެސް އެފަދަ މީޑިއާތަކަށް ސަރުކާރުން ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ.

މީޑިއާތައް ބްލޮކް ކުރަން ފެށުމުން ސިޔާސީ ޕާޓީތަކާއި، އެކި ޖަމިއްޔާތަކުން އަދި ނޫސްވެރިންނާއި އާންމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުމާއި ނުރުހުން ފާޅުކުރަމުންނެވެ. މިކަން ރާއްޖޭގެ މީޑިއާ ކައުންސިލުންވެސް ވަނީ ކުށްވެރިކޮށްފަ އެވެ.

ނަމަވެސް ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މިކަން ދިފާއުކޮށް ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރަމުންނެވެ.

އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.