22 ޑިސެންބަރު 2023 - 10:30 3
އަހުމަދު އާއިދު
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް : ފައްޔާޒު ވިދާޅުވީ ސަރުކާރާ ދެކޮޅު ސައިޓުތައް ބްލޮކް ކުރުމަކީ ނުރައްކާތެރި މަންޒަރެއް ކަމަށް - ފޮޓޯ: އަދަދު
22 ޑިސެންބަރު 2023 - 10:30 3
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑުކިޔައި ހަބަރާއި ލިޔުންތައް ގެނެސްދެމުންދިޔަ ދެ ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދައި ބްލޮކު ކުރުމަކީ އަނދިރި، އަދި ނުރައްކާތެރި މަންޒަރެއްގެ ގޮތުގައި އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ސިފަކުރައްވައިފި އެވެ.
ރޭގެ ވަގުތަކުން ފެށިގެން "ދިޔަވަރު.ކޮމް" އަދި "ކުރުސީ.ކޮމް" އަށް ނުވަދެވެ އެވެ. މި ދެ ވެބްސައިޓަކީ ވެސް ރައީސް މުއިއްޒު ހުވާ ކުރެއްވި ފަހުން އެމަނިކުފާނަށް ފާޑުކިޔައި އެކި ތުހުމަތުތައް އަމާޒުކޮށް ލިޔުންތައް ޝާއިއު ކުރަމުންދާ ވެބްސައިޓުތަކެކެވެ.
އެކަމާ ގުޅިގެން ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ސަރުކާރަށް ފާޑުކިޔާ ހަބަރު ސައިޓުތައް ބްލޮކް ކުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ސަރުކާރުގެ އަނިޔާވެރިކަން ނުފެތުރި ކިރިޔާވެސް ހުއްޓުވިފައި މިއޮތީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނެތުމުން ކަން މިހާރު ސާފުވެއްޖެ،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.
ފައްޔާޒުގެ އިތުރުން ވެސް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން އަދި އާންމުންގެ ގިނަ ފަރާތްތަކަކާއި ނޫސްވެރިން އަންނަނީ މިކަމާ ގުޅިގެން ސޯޝަލް މީީޑިއާގައި ނުރުހުމާއި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް ރާއްޖޭގައި ދެނީ ތިން ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ވަކި ވެބްސައިޓަކަށް ނުވަދެވޭ ގޮތް ހަދަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން އެންގުމުންނެވެ. އެ އޮތޯރިޓީ މިވަގުތު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަމެންޓު އެންޑް ޕަބްލިކް ވޯކްސްގެ ދަށުން ހިންގާ އިދާރާއެއްގެ ގޮތުގަ އެވެ.
އެ މިނިސްޓްރީ އަދި އެ އޮތޯރިޓީގެ ރަސްމީ ބަހެއް މިކަމުގައި މިހާތަނަށް ލިބިފައި ނުވެ އެވެ. އެކަމާ ގުޅިގެން ސަރުކާރުގެ ޓެކްނޮލޮޖީ ޕޯޓްފޯލިއޯ ހަވާލުކޮށްފައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ވެބްސައިޓެއް ބްލޮކް ކުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ.
މިވަގުުތު މި ދެ ވެބްސައިޓަށް ވެސް ނުވަދެވޭއިރު ވީޕީއެން ބޭނުންކޮށްގެން ވަދެވެ އެވެ.
މިއީ ކޮން ބައެއް ހިންގާ ވެބްސައިޓުތަކެއްކަން މިހާތަނަށް އެނގިފައި ނުވާއިރު މިފަދަ އެތައް ވެބްސައިޓެއް ރާއްޖޭގައި މީގެކުރިން ވެސް ހިންގާފައިވެ އެވެ. މިއީ ފަހުގެ ތާރީހެއްގައި މިފަދަ ވެބްސައިޓެއް ބްލޮކްކޮށް ނުވަދެވޭ ގޮތް ހެދި ފުރަތަމަ ފަހަރެވެ.
Comment