Advertisement

މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ދިވެހި ސަރުކާރަށް ގޮވާލައިިފި

22 ޑިސެންބަރު 2023 - 10:08 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ދިވެހި ސަރުކާރަށް ގޮވާލައިިފި - ފޮޓޯ: ރައީސް އޮފީސް


މަރުގެ ހުކުމް ތަންފީޒު ނުކުރުމަށް ހިއުމަން ރައިޓްސް ވޮޗް އިން ދިވެހި ސަރުކާރަށް ގޮވާލައިިފި

22 ޑިސެންބަރު 2023 - 10:08 1

މަރުގެ ހުކުމް ދިވެހިރާއްޖޭގައި ތަންފީޒު ނުކުރުމަށް ބައިނަލްއަގުވާމީ ޖަމްއިއްޔާ، ހިއުމަން ރައިޓްސް ވޮޗް އިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާނެކަން ބުދަ ދުވަހު ސަރުކާރުން އިއުލާނުކޮށްފައި އޮއްވައި، ހިއުމަން ރައިޓްސް ވޮޗް އިން ބުނީ ރާއްޖޭގެ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމުމުން ރާއްޖެ އާއި ރާއްޖޭއިން ބޭރުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. ކަންބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ، ޖުޑިޝަރީ ކޮރަޕްޓުވުމާއި ސިޔާސީވުމާއި މީގެ ކުރިން ހިންގާފައިވާ ކުށްތަކަށް އިންސާފު ނުހޯދުން ކަމަށް ޖަމިއްޔާއިން ބުނެ އެވެ،

"މި ނިންމުން ވަގުތުން ވަގުތަށް އަނބުރާ ގެންދެވުމަށް ރާއްޖޭގެ ރައީސް މުހައްމަދު މުއިއްޒުއަށް ގޮވާލަން، އަދި ދުނިޔޭގެ އެހެން ޝަރުއީ ނިޒާމުތަކެކޭ އެއް ގޮތަށް ރާއްޖޭގެ ޝަރުއީ ނިޒާމުންވެސް މި އަނިޔާވެރި އަދަބާ ދެކޮޅަށް ތެދުވުމަށް ގޮވާލަން،" އެ ޖަމްއިއްޔާގެ އޭޝިއާ ސަރަހައްދުގެ އެސޯސިއޭޓް ޑިރެކްޓާ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވެފައިވެ އެވެ.

މަރުގެ ހުކުމް ސަރުކާރުން ތަންފީޒު ކުރާނެ ކަމަށް އިއުލާނު ކުރެއްވީ ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.

މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 1، 2012، ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް އަހުމަދު ހިމެނެ އެވެ.

މަރުގެ ހުކުމް ތަންފީޒު ކުރާ މަރުހަލާގައި ދެން ތިބީ ގ. ރީފް، މާލެ، މުހައްމަދު ނަބީލް އާއި މ. މަސްރޫރާ އަހުމަދު މުއްރަތާއި ދަފުތަރު ނަމްބަރު 3912، މުހައްމަދު ޝައިފަން އެވެ.

ނަބީލްއަކީ، ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މާޗް 8، 2009، ގައި މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. މުއްރަތަށް މަރުގެ ހުކުމް އިއްވީ ވަކީލު އަހުމަދު ނަޖީބު ޖުލައި 1، 2012، ގައި މަރާލި މައްސަލައިގަ އެވެ. ޝައިފަން މަރަން ހުކުމް ކުރީ އޭޕްރީލް 1، 2012، މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގަ އެވެ.

ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.