21 ޑިސެންބަރު 2023 - 10:08 1
މުހައްމަދު ޝަހްޒާން
21 ޑިސެންބަރު 2023 - 10:08 1
މަރުގެ ހުކުމް މި ސަރުކާރުން ތަންފީޒު ކުރާނެކަން އިއުލާނު ކުރުމާއެކު ކުރީގެ ރައީސް އެކަމަށް ފާޑުވިދާޅުވުމުން އާންމުންގެ ނުރުހުން އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން އިއުލާނު ކުރެއްވީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އެވެ. އޭނާ ވިދާޅުވީ މި ސަަރުކާރަކީ މަރުގެ ހުކުމް ތަންފީޒު ކުރަން ނިންމާފައިވާ ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" އިހުސާން ވިދާޅުވި އެވެ.
އެ ވާހަކައަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރި ކަމަށާއި މާފު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ ޕޯސްޓަށް ރައްދު ދީ އާންމުންގެ އިތުރުން ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ މީސްމީޑިއާގައި ނުރުހުމުގެ މެސެޖުތައް ލިޔެފަ އެވެ.
އޭގެތެރެއިން ބައެއް މީހުންގެ ޕޯސްޓުތަކުގައި ބުނެފައި ވަނީ މިހާރު މިއޮތް ވަރަށް ރާއްޖޭގައި މީހުން މެރުން އާންމުވެފައި މިއޮތީ ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާތީ ކަމަށާއި މިތަނުގައި 30 އަހަރު ވެރިކަން ކުރެއްވިއިރު ވެސް އެކަން ނުކުރައްވައި އޮތުމުން މައުމޫންގެ ޒިންމާއެއް ވެސް އެކަމުގައި އެބަ އޮތް ކަމަށެވެ.
އާންމުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވަނީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރީންނަށް ރައީސް މައުމޫންގެ ވެރިކަމުގައި އިއްވި މަރުގެ ހުކުމް މާފު ކޮށްދެއްވައި އެމަނިކުފާނު ދެއްވި ލުޔާ ގުޅިގެންނެވެ.
ސިލޯނުގެ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ ގުޅިގެން ނޮވެމްބަރު 3، 1988ގައި ތަމަޅައިގެން ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން ރާއްޖޭގެ ވެރިކަން ވައްޓާލަން ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރީންގެ ގޮތުގައި ތިބި އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރުގެ މައްޗަށް އޭރު އިއްވި މަރުގެ ހުކުމަށް ރައީސް މައުމޫން ލުއި ދެއްވައި އޭރު ވަނީ 25 އަހަރުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
އެ ދެމީހުން ވެސް މިހާރު ވަނީ އެ ހުކުމް ތަންފީޒުކޮށް ނިމުމުން މިހާރު މިނިވަންވެފަ އެވެ.
ދީނީ އިލްމުވެރިޔާ، ޝަފީއު އަބްދުﷲ ފޭސްބުކުްގައި ކޮށްފައިވާ ޕޯސްޓެއް
ރައީސް މައުމޫން ކުރެއްވި ޕޯސްޓާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވުމުން ފަހުން ވަނީ މަރުގެ ހުކުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށް ވިދާޅުވެ އިތުރު ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި މައުމޫން ވަނީ މަރުގެ ހުކުމާ ގުޅޭ ލިޔުމެއް މިއަދު އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިވަގުތު މަރުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައި ހަތަރު މީހަކު އެބަ ތިއްބެވެ. އޭގެ ތެރޭގައި އޮކްޓޯބަރު 1، 2012، ގައި ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ ހުސެއިން ހުމާމް އަހުމަދު ހިމެނެ އެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާ މަރުހަލާގައި ދެން ތިބީ ގ. ރީފް، މާލެ، މުހައްމަދު ނަބީލް އާއި މ. މަސްރޫރާ އަހުމަދު މުއްރަތާއި ދަފުތަރު ނަމްބަރު 3912، މުހައްމަދު ޝައިފަން އެވެ.
ނަބީލްއަކީ، ސ. ހުޅުދޫ، ލިލީމާގޭ، އަބްދުﷲ ފަރުހާދު މާޗް 8، 2009، ގައި މަރާލި މައްސަލައިގައި މަރުގެ ހުކުމް އިއްވާފައިވާ މީހެކެވެ. މުއްރަތަށް މަރުގެ ހުކުމް އިއްވީ ވަކީލު އަހުމަދު ނަޖީބު ޖުލައި 1، 2012، ގައި މަރާލި މައްސަލައިގަ އެވެ. ޝައިފަން މަރަން ހުކުމް ކުރީ އޭޕްރީލް 1، 2012، މ. ފެއާރީކޯނާ، އަލީ ޝިފާން މަރާލި މައްސަލައިގަ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.
Comment