Advertisement

ކޫޕާ ވަކިކޮށް ފޮރެސްޓްގެ ކޯޗަކަށް ނޫނޯ

20 ޑިސެންބަރު 2023 - 16:23 0

ފޮރެސްޓް ކޯޗަކަށް ހަމަޖެއްސި ނޫނޯ: އޭނާ އަކީ ކުރިން ޕްރިމިއާ ލީގުގެ ދެ ކްލަބަކުން ފެނުނު ކޯޗެއް.


ކޫޕާ ވަކިކޮށް ފޮރެސްޓްގެ ކޯޗަކަށް ނޫނޯ

20 ޑިސެންބަރު 2023 - 16:23 0

ލަންޑަން (ޑިސެމްބަރު 20) - އިނގިރޭސި ޕްރިމިއާ ލީގުގެ ނޮޓިންހަމް ފޮރެސްޓްގެ ކޯޗުކަމުގެ މަގާމުން ސްޓީވް ކޫޕާ ވަކިކޮށް، ވުލްވްސް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ހަމަޖައްސައިފި އެވެ.

ކޫޕާ މަގާމުން ވަކިވިއިރު، ފޮރެސްޓުން މި ސީޒަނުގައި ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އޭނާ ވަކިކުރަން ފޮރެސްޓުގެ މެނޭޖުމަންޓުން އޮތީ ނިންމާފައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މި ސީޒަނުގައި ފޮރެސްޓުން ކުޅުނު 17 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ ތިން މެޗުންނެވެ. ފަސް މެޗު އެއްވަރުވެގެން ނިމުނުއިރު، ނުވަ މެޗުން ވަނީ އެ ޓީމު ބަލިވެފަ އެވެ. އެހެންވެ، ފޮރެސްޓް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. އެ ޓީމުން ލީގު ތާވަލުގެ 17 ވަނައިގައި އޮތީ 14 ޕޮއިންޓާއެކުގަ އެވެ.

ފޮރެސްޓުން ނެރުނު ބަޔާނެއްގައި ބުނީ އެ ޓީމުގެ ކޯޗުކަމުން ކޫޕާ ވަކިވެފައިވާ ކަމަށާއި، އަދި މިދިޔަ ދެ އަހަރު ދުވަހު ކޫޕާ ކޮށްދިން ކަންކަމަށް ޝުކުރުއަދާކުރާ ކަމަށެވެ.

ކޫޕާ، ފޮރެސްޓްގެ ކޯޗުކަން ދޫކޮށްލީ ދެ އަހަރު މަަގާމުގައި މަސައްކަތްތަކެއް ކުރުމަށް ފަހު.


ފޮރެސްޓްގެ ވެރިޔާ އެވެންޖެލަސް މަރްނާކޭސް ބުނީ ސްޓީވްކޮށްދިން ކަންކަމަކީ ފޮރެސްޓުގެ ސަޕޯޓަރުން ހެޔޮ ހިތުން ބަލައިގަންނަ ކަންކަން ކަމަށާއި، ހާއްސަކޮށް ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގަށް ކުލަބް ޕްރޮމޯޓް ކޮށްދިނުމަށް އެއީ ސަޕޯޓަރުން އަދި ކުލަބްގެ މެނޭޖުމަންޓުން ހަނދާނުން ނުފިލާނެ ކަންކަން ކަމަށެވެ.

ފޮރެސްޓުގެ ކޯޗުކަމުގެ މަގާމާއި ކޫޕާ ހަވާލުވީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. އޭގެ ފަހުން ޗެމްޕިއަންޝިޕްގައި ރަނގަޅު ނަތީޖާތަކެއް ނެރުމަށްފަހު ޕްރިމިއާ ލީގަށް ފޮރެސްޓް ގެނައުމުގައި ކޫޕާގެ ދައުރު ބޮޑެވެ. އަދި ޕްރިމިއާ ލީގުގައި ފޮރެސްޓުން ކުޅުނު 55 މެޗުގައި ކޯޗުކަން ކޮށްދިނީ ކޫޕާ އެވެ.

ޕޯޗުގަލް ގައުމީ ޓީމަށް ކުރިން ކުޅުނު ނޫނޯ، ފޮރެސްޓާ ހަވާލުވުމުގެ ކުރިން އެންމެ ފަހުން ހުރީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިހާދުގެ ކޯޗަކަށެވެ. އޭނާ އެ މަގާމުން ވަކިކުރީ މިދިޔަ މަހު އެވެ. ފޮރެސްޓާ އެކު ނޫނޯ ސޮއި ކުރީ ދެ އަހަރާއި ބައި މުއްދަތުގެ ކޮންޓްރެކްޓެއްގަ އެވެ.

ހަތަރު މަސް ދުވަހު ޓޮޓެންހަމް ކޯޗަކަށް ހުރި، ނޫނޯ ވަނީ ޕޯޗުގަލްގެ ޕޯޓޯ އާއި ސްޕެއިންގެ ވެލެންސިއާ އަށް ކޯޗުކޮށްދީފަ އެވެ.