Advertisement

ޕެޓް-ސީޓީ ސްކޭންގެ ހިދުމަތާއެކު ކެންސަރު ބަލިމީހުންނަށް އޭޑީކޭއިން މިދެނީ ލުޔެއް

23 ޑިސެންބަރު 2023 - 10:40 0

ނިމާ ހަސަން

ނިމާ ހަސަން

އޭޑީކޭގެ ޕެޓް-ސީޓީ ސްކޭން މެޝިން; މި ހިދުމަތް ގާއިމު ކުރެވުމާއެކު ކެންސަރު ބަލީގެ މީހުންނަށް ބޮޑު ލުޔެއް ލިބިގެންދޭ -- ފޮޓޯ: އިޔާން/ އަދަދު


ޕެޓް-ސީޓީ ސްކޭންގެ ހިދުމަތާއެކު ކެންސަރު ބަލިމީހުންނަށް އޭޑީކޭއިން މިދެނީ ލުޔެއް

23 ޑިސެންބަރު 2023 - 10:40 0

އަހަރަކު 1000 އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފުރަނީ ޕެޓް ސްކޭންގެ ހިދުމަތް ހޯދުމަށެވެ. އެންމެ ސްކޭނެއް ހަދަން ބޮޑު ހަރަދުކޮށްފައި ދަތުރު ހަދާފައި ދާން ޖެހެނީ ކެންސަރު އަދި ހިތާއި ފުއްޕާމޭގެ ބޮޑެތި ބަލިތައް ހުންނަ މީހުންނަށެވެ. އެ ދަތުރުތަކަށް ނިމުން އައީ ޖުލައި މަހު އޭޑީކޭއިން ތައާރަފު ކުރި ޕެޓް ސީޓީ ސްކޭންގެ ހިދުމަތާއެކު އެވެ.

ޕޮޒިޓްރޮން އެމިޝަން ޓޮމޮގްރަފީ - ކޮމްޕިއުޓެޑް ޓޮމޮގްރަފީ (ޕެޓް-ސީޓީ) ސްކޭނަކީ, ހަށިގަނޑުގެ އެނަޓޮމީ ބަލައި, ކެންސަރު ފަދަ ބަލިތައް ދެނެގަތުމުގައި އެންމެ މުހިންމު އެއް ސްކޭނެވެ. މިއީ ރޭޑިއޯ އެކްޓިވް ޓްރޭސާއެއް ހަށިގަނޑަށް ޖަހައިގެން ހަދައި ސްކޭނެކެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ކެންސަރު ބައްޔަށް ހާއްސަ ޑޮކްޓަރު, ޑރ. ކަމާލް ރާޖް ސޮޓީ ވިދާޅުވި ގޮތުގައި ޕެޓް ސީޓީ ސްކޭނުން މީހާގެ ހަށިގަނޑު އެތެރޭގެ އިމޭޖުތަމާއި ޓިޝޫތަކުގެ ބައޯކެމިކަލް އަދި މެޓަބޮލިކް ޕްރޮޕަޓީތައް ދެނެގަތުމުގައި އެހީތެރިވެދޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސްކޭން މެދުވެރިކޮށް ކެންސަރު ފަދަ ބަލިތައް ހުރިތޯ ދެނެގަތުމުގެ އިތުރަށް, ހަށިގަނޑަށް ބަލި ފެތުރިފައިވާ މިންވަރާއި ފަރުވާގެ އަސަރު ކުރާ މިންވަރު ވެސް ދެނެގަނެވޭނެ އެވެ.

ކެންސަރުގެ އިތުރުން ހިތުގެ ބަލިތަކާއި ކަށީގެ ބަލިތަކާއި ނާރުގެ ބަލިތައް ދެނެގަތުމުގައި ވެސް މި ސްކޭންގެ ބޭނުންކުރެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ޕެޓް-ސީޓީ ސްކޭން ރޫމް -- ފޮޓޯ: އިޔާން/އަދަދު


"ކެންސަރަށް ތުހުމަތު ކުރެވޭ ނަމަ, ޕެޓް ސްކޭން ހަދައިގެން މައްސަލަ ހުރި ސީދާ ޕޮއިންޓު ދެނެގަނެ, އެތަނުން ސާމްޕަލް ނަގައިގެން ޓެސްޓު ކުރެވޭނެ،" ޑރ. ކަމާލް ވިދާޅުވި އެވެ.

އެ ސްކޭނަށް ބޭނުންވާ ރޭޑިއޯއެކްޓިވް މާއްދާއަކީ, އުފައްދާތާ ގަޑިއިރުތަކެއް ތެރޭ ބޭނުންކުރަން ޖެހޭ މާއްދާ އެކެވެ. އިންޑިއާގެ ކާރުހާނާއެއްގައި މި މާއްދާ އުފައްދައިގެން ރާއްޖެ ގެންނަނީ, އެ ދުވަހަކު ސްކޭން ހަދަން ބޭނުންވާ މިންވަރަށެވެ.

"ކާރުހާނާގައި ޓްރޭސަރު އުފައްދައިގެން ރާއްޖެއާ ހަމައަށް ގެނެވޭއިރު, އޭގެ ހުންނާނީ ދެބައިކުޅަ އެއްބައި, އޭގެއިން ބަލިމީހުންގެ ސްކޭން ހަދަނީ،" ޑރ. ކަމާލް ވިދާޅުވި އެވެ.

ކޮންމެ ދެ ހަފްތާއަކުން އެއް ފަހަރުހެން ސްކޭން ތާވަލު ކުރަނީ ހިދުމަތް ދޭން 7-8 ބަލި މީހުން ހަމަވުމުންނެވެ. ޖުލައި މަހުން ފެށިގެން މިހާތަނަށް އައިއިރު އޭޑީކޭއިން 59 މީހުން ވަނީ މި ސްކޭންގެ ހިދުމަތް ހޯދާފަ އެވެ.

ޕެޓް ސްކޭންގެ ހިދުމަތަށް ނަގާނެ ކަމަށް އޭޑީކޭ އިން ބުނީ 7،500ރ. އާއި 8،500ރ. އާ ދެމެދުގެ އަގެކެވެ. އެހެން ނަމަވެސް އެންސްޕާ މެދުވެރިކޮށް, މި ސްކޭން ހެދުމަށް އެހީ ލިބެ އެވެ.

ޕެޓް ސީޓީ ސްކޭންގެ ހިދުމަތް ތައާރަފުކުރީ, ރޭޑިއޯއެކްޓިވް މާއްދާތައް ބޭނުންކުރެވޭނެހެން ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްފަހު -- ފޮޓޯ: އިޔާން/ އަދަދު


ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރި މި ހިދުމަތަކީ ކެންސަރު ބަލިތައް ދެނެގަތުމަށް އެންމެ މުހިންމު އެއް ހިދުމަތެކެވެ. ޑރ. ކަމާލް ވިދާޅުވި ގޮތުގައި މި ހިދުމަތާއެކު ރާއްޖެއިން ބޭރަށް ފޮނުވަން ޖެހޭ ބަލި މީހުންގެ އަދަދު ބޮޑުތަނުން ދަށްވެފައިވެ އެވެ.

"ޕެޓް ސީޓީ ސްކޭންގެ ހިދުމަތް އޭޑީކޭއިން ތައާރަފު ކުރެވުމަކީ ގެނެވުނު އިންގިލާބީ ކުރިއެރުމެއް" ޑރ. ކަމާލް ވިދާޅުވި އެވެ.

ރާއްޖެއަށް ބޭނުންތެރި މި ހިިދުމަތް ތައާރަފުކުރުމުގެ ގޮތުން ސްކޭން ހަދާއިރު ބޭނުންކުރާ ނިއުކްލިއާ މާއްދާ ބޭނުންކުރަން ފެށުމުގެ ކުރިން ގިނަ ހުއްދަތަކެއް ހޯދަން ޖެހުނެވެ. އެގޮތުން, އޭޑީކޭއިން ވަނީ ނިއުކްލިއާ މެޑިސިން ޑިޕާޓްމަންޓެއް އުފައްދާ, ރޭޑިއޯއެކްޓިވް މާއްދާތައް ބޭރަށް ނުދާނެ ފަދަ ރައްކާތެރި މާހައުލެއް ގާއިމްކޮށްފަ އެވެ.