Advertisement

ޑރ. ޖަގްދީޝް ކިޔައިދެއްވަނީ ކިޑްނީ ބައްޔާ ބެހޭގޮތުން އެނގެން ޖެހޭ ހުރިހާ ކަމެއް

14 މާރިޗު 2024 - 21:30 0

ނިމާ ހަސަން

ނިމާ ހަސަން

ކިޑްނީއެއް ރަމްޒުވާ ކުރެހުމެއް -- އާޓްވޯކް: ރައްޔާން/ އަދަދު


ޑރ. ޖަގްދީޝް ކިޔައިދެއްވަނީ ކިޑްނީ ބައްޔާ ބެހޭގޮތުން އެނގެން ޖެހޭ ހުރިހާ ކަމެއް

14 މާރިޗު 2024 - 21:30 0

ކިޑްނީ ބައްޔަކީ ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ދިރިހުރުމަށްޓަކައި ކޮންމެ ދުވަހަކު ޑަޔަލިސިސް ހަދައި, އެ ވޭނުގައި ދިރިއުޅެން ޖެހޭ މީހުން ވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް ކިޑްނީ ބައްޔާ ބެހޭ ގޮތުން މުޖުތަމައު ހޭލުންތެރި މިންވަރު ދަށެވެ.

އަރިކަށްޓަށްވުރެ ތިރީގައި ބީން ބައްޓަމަށް ހުންނަ ކިޑްނީ އަކީ އިންސާނެއްގެ ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުނަވަނެވެ. ކޮންމެ ކިޑްނީއެއް އުފެދިގެން ވަނީ މިލިއަނެއްހާ ނެފްރޮންގެ މައްޗަށެވެ.

ކިޑްނީގެ މައިގަނޑު ބޭނުމަކީ ލޭގައި އުފެދޭ ޔޫރިއާ އަދި ކްރޭޓިނިން ފަދަ މާއްދާތަކާއި ދިޔާ ތަކެތި ފިލްޓާކޮށް, ހަށިގަނޑަށް ފައިދާހުރި މާއްދާތައް ލޭގެ ތެރެއަށް ފޯރުކޮށްދިނުމެވެ. އޭގެ އިތުރަށް ލޭގެ ޕްރެޝަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމާއި, ވިޓަމިން ޑީ ފަދަ މާއްދާތައް ބޭނުންކޮށްގެން ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަކީ ވެސް ކިޑްނީގެ ޒިންމާ އެކެވެ.

ކިޑްނީ ބަލި އެހާ އާންމުވާ އެއް ސަބަބަކީ ބަލީގައި ބޮޑުވަރުވުމުގެ ކުރިން ބަލި ހުރިކަން ދެނެ ނުގަނެވޭތީ އެވެ. އޭޑީކޭ ހޮސްޕިޓަލުގެ ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރު, ޖަގްދީޝް ލަމްސަލް ވިދާޅުވި ގޮތުގައި ބަލީގެ އަލާމާތްތައް ބޭރަށް ފެންނަން ފަށަނީ ކިޑްނީގެ 50 ޕަސަންޓު ނެފްރޮންސް ހަލާކުވާ ފަހުންނެވެ. ކިޑްނީ ބައްޔަކީ 'ސައިލެންޓް ކިލާ' އެއްގެ ގޮތުގައި މަޝްހޫރުވެފައި ވަނީ އެ ސަބަބާހެދި ކަމަށް އޭނާ ބުނެ އެވެ.

ކިޑްނީ ބަލީގެ ވައްތަރުތަކާއި އަލާމާތްތައް

ކިޑްނީ ބަލީގެ މައިގަނޑު ދެ ވައްތަރެއް ހުރެ އެވެ. އެއީ ކުރު މުއްދަތުގެ ކިޑްނީ ބަލި އޭކޭއައި (އެކިއުޓް ކިޑްނީ އިންޖަރީ) އަދި ދިގު މުއްދަތަށް ދެމިގެންދާ ސީކޭޑީ (ކްރޯނިކް ކިޑްނީ ޑިޒީސް) އެވެ.

ކިޑްނީ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ޕްރޮޓީން ލީކުވުމުގެ ސަބަބުން ފަޔާއި ލޯ ކައިރި (އާންމުކޮށް ހެނދުނު ވަގުތު) ދުޅަވުން, ކުޑަކަމުދާ ތަކެތީގައި ފޮނު ހުރުން, ކުޑަކަމުދާ ތަކެތީގައި ލޭ ހުރުން އަދި ބައެއް ފަހަރު ކުޑަކަމުދާ ތަކެތި މަދުވުން ހިމެނެ އެވެ.

ބަލީގައި ބޮޑުވަރުވާ މީހުންގެ ލޭގައި ޔޫރިއާ އިތުރުވުމުގެ ސަބަބުން ކާ ހިތް ނުވުން, ގިނައިން ހޮޑުލެވުން, އަވަސް އަވަހަށް ބަލިވުން އަދި ނޭވާލާން އުނދަގޫވުމުގެ އިތުރުން މޭގައި ފެން އުފެދުން ފަދަ އަލާމާތްތައް ވެސް ފެނިދާނެ އެވެ.

ލަސްނުކޮށް ޑޮކްޓަރެއްގެ ލަފާ ހޯދަން ޖެހޭ އަލާމާތެއްގެ ގޮތުގައި ޑރ. ޖަގްދީޝް ފާހަގަ ކުރެއްވީ ލޯ ކައިރި ދުޅަވުމެވެ.

ސީކޭޑީ (ކްރޯނިކް ކިޑްނީ ޑިޒީސް) އަދި އޭކޭއައި (އެކިއުޓް ކިޑްނީ އިންޖަރީ)

ސީކޭޑީއާ ހިލާފަށް އޭކޭއައިގައި ކިޑްނީއަށް ލިބޭ ގެއްލުންތައް, ކުރުމުއްދަތެއްގައި ރަނގަޅު ވާނެ އެވެ. އޭކޭއައި ދިމާވާ ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުން ލޭ ނުވަތަ ދިޔާ ތަކެތި ބޭރުވުމުން ކިޑްނީއަށް ލޭ ފޯރުކޮށްދޭ މިންވަރު ދަށްވުން, ގިނައިން ހޮޑުލެވުން, ގިނައިން ބޭރަށް ހިންގުން, ޕެއިންކިލާ ކެއުން, އެންޓިބައޮޓިކް ކެއުން ހިމެނެ އެވެ.

ދިގު މުއްދަތަށް ދެމިގެންދާ ސީކޭޑީގައި ހުންނަނީ ފަސް ސްޓޭޖެކެވެ. ޑރ. ޖަގްދީޝް ވިދާޅުވި ގޮތުގައި ސީކޭޑީގެ ފުރަތަމަ ތިން ސްޓޭޖުގައި ބަލިމީހާއަށް އެއްވެސް އަލާމާތެއް ނުފެނި ހިނގާދާނެ އެވެ. އެއީ މަޑުމަޑުން ހާލު ބޮޑުވާ, އަދި ރަނގަޅު ނުކުރެވޭ ބާވަތުގެ ކިޑްނީ ބައްޔެވެ.

ބަލީގައި ބޮޑުވަރުވުމުގެ ކުރިން ބަލި ހުރިތޯ ދެނެގަތުމަށް އޭނާ ދެއްވި ލަފައަކީ އަހަރަކު އެއްފަހަރު ހެލްތު ޗެކަޕް ހެއްދުމެވެ. ޓެސްޓުތައް ހައްދައިގެން ލޭގައި ޔޫރިއާ އަދި ކްރޭޓިނިން ހުންނަ މިންވަރު ދެނެގަނެވުމުން ކިޑްނީ މަސައްކަތް ކުރާ މިންވަރު ދެނެގަނެވޭނެ ކަމަށް ޑރ. ޖަގްދީޝް ވިދާޅުވި އެވެ.

"ޔޫރިއާ އަދި ކްރޭޓިނިން ހުންނަ މިންވަރު ދެނެގަނެވުމުން, ކިޑްނީން ފިލްޓާ ކުރާ މިންވަރު ދެނެގަތުމަށް ޖީއެފްއާރް ހިސާބު ކުރެވޭނެ. ޑަޔަލިސިސްއަށް ދަން ޖެހޭނީ އާންމުކޮށް 125 ގައި ހުންނަ ޖީއެފްއާރް ދަށްވެގެން ގޮސް 15 އާ ހިސާބަށް ދިއުމުން," ޑރ. ޖަގްދީޝް ވިދާޅުވި އެވެ.

ދިގުމުއްދަތުގެ ކިޑްނީ ބަލި ޖެހެން ދިމާވާ އެންމެ އާންމު ސަބަބަކީ ހަކުރު ބައްޔެވެ. އޭގެ އިތުރުން ހައިޕަޓެންޝަން, ޕްރޮޓީން ލީކުވާ ބަލިތައް އަދި ހިލަ އުފެދޭ ބަލިތަކަކީ ވެސް ކިޑްނީ ބައްޔަށް ހުށަހެޅިދާނެ ސަބަބުތަކެވެ.

ސީކޭޑީ ހުރިކަން އެނގެނީ ހަށިގަނޑުގައި ކްރޭޓިނިން މާއްދާ, ތިންމަހަށްވުރެ ގިނަ ދުވަސްވަންދެން މަތީގައި ހުރުމުންނެވެ. އާންމުކޮށް ހަދާ ލޭގެ ޓެސްޓުން ކްރޭޓިނިން ހުންނަ މިންވަރު ދެނެގަނެވޭނެ އެވެ.

ދުޅަހެޔޮ މީހެއްގެ ލޭގައި ކްރޭޓިނިން މާއްދާ ހުންނާނީ 1.2 އަށްވުރެ ދަށުގަ އެވެ. ޑރ. ޖަގްދީޝް ވިދާޅުވީ ކްރޭޓިނިން އެއަށްވުރެ އިތުރު ކަމަށް ޓެސްޓަކުން ދައްކައިފިނަމަ އިތުރު ޓެސްޓުތައް ހަދައި, އެ މާއްދާ ދަށަށް ދޭތޯ މޮނިޓާ ކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ ލޭގައި ކްރޭޓިނިން އިތުރު ކަމަށް ފެންނަ ނަމަ, ލޭގައި ޔޫރިއާ ހުންނަ މިންވަރާއި ކުޑަކަމުދާތަކެތީގައި ޕްރޮޓީން, ލީކު ވޭތޯ ބަލާނެ ކަމަށެވެ. މި ކަންކަމުގެ އިތުރަށް އަލްޓްރަސައުންޑް ސްކޭނަކުން ކިޑްނީގެ ބައްޓަމާއި ބޮޑު މިން ބެލުމަކީ ވެސް ކިޑްނީ ބަލި ދެނެގަތުމަށް ހަދާ ޓެސްޓެކެވެ.

ޑރ. ޖަގްދީޝް ފާހަގަކުރެއްވި ގޮތުގައި ކިޑްނީ ބަލި ހުންނަ ގިނަ މީހުންނަށް އެކަން އެނގެނީ އެހެން ބައްޔަކަށް ފަރުވާ ކުރުމުގެ ތެރޭގައި ހަދާ ޓެސްޓަކުން ކްރޭޓިނިން މާއްދާ އިތުރުކަން ފާހަގަވެގެންނެވެ.

އޭޑީކޭގެ ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރު, ޑރ. ޖަގްދީޝް ލަމްސަލް -- ފޮޓޯ: އޭޑީކޭ


ބަލިން ރައްކާތެރިވެވޭނީ ކިހިނެތް؟

ކިޑްނީގެ ދުޅަހެޔޮކަމަށް ޑރ. ޖަގްދީޝް ދެއްވީ ހަ 'ގޯލްޑެން ޓިޕްސް' އެވެ.

  • ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުން
  • ދުވާލަކު 30 މިނިޓު ކަސްރަތުކޮށް, ހަށިގަނޑު ދުޅަހެޔޮކޮށް ބެހެެއްޓުން
  • ދުޅަހެޔޮ ކާނާ ކެއުން
  • ބަންދުކުރި ކާނާ (ޕްރޮސެސްޑް ފުޑް) ކެއުމާއި ދުރުހެލިވުން
  • ގިނައިން ފެން ބުއިން
  • ލޭގެ ޕްރެޝަރު ހުންނަންޖެހޭ މިންގަނޑުގައި ހިފެހެއްޓުން

ކިޑްނީ ފެއިލްވާ އެންމެ އާންމު ސަބަބަކީ ހަކުރު ބައްޔަށް ވާއިރު, ރާއްޖޭގައި 2021 ގައި ހެދި ސްޓެޕް ސާވޭއަކުން ދައްކާ ގޮތުގައި އާބާދީގެ 14 ޕަސަންޓު މީހުންނަކީ ހަކުރު ބަލި ހުންނަ މީހުންނެވެ. އެހެންކަމުން ހަކުރު ބަލި ހުންނަ މީހުން, ކިޑްނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.

ހަކުރު ބަލި ހުންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރާއި ލޭގެ ޕްރެޝަރު އަދި ކޮލެސްޓްރޯލާއި ޔުރިކް އެސިޑު ހުންނަންޖެހޭ މިންގަނޑުގައި ހިފެހެއްޓުމަށް ޑރ. ޖަގްދީޝް ލަފާ ދެއްވި އެވެ. އޭނާ ވިދާޅުވީ ހަކުރު ބަލި ހުންނަ ނަމަ, ކިޑްނީ ބައްޔަށް ގަވައިދުން ސްކްރީން ކުރުމަކީ މުހިންމު ކަމެކެވެ.

ކިޑްނީގެ ބަލިތަކުން ރައްކާތެރިވެވޭނެ އެންމެ ފަސޭހަ ގޮތެއްގެ ގޮތުގައި ޑރ. ޖަގްދީޝް ފާހަގަ ކުރެއްވީ, އެއްވެސް ބައްޔެއް ހުންނަ މީހަކަސް, ނުހުންނަ މީހަކަސް ކޮންމެ އަހަރަކު އެއްފަހަރު ހެލްތް ޗެކަޕް ހެއްދުމެވެ. އެމީހެއްގެ އުފަންދުވަސް ނުވަތަ އެނިވާސަރީއެއް ފަދަ ދުވަހާ ދިމާކޮށް އަމިއްލަ ނަފްސަށް ހެލްތް ޗެކަޕެއް ހަދިޔާ ކުރުމަށް އޭނާ ލަފާ ދެއްވި އެވެ.

ކިޑްނީ ބައްޔާގުޅޭ އިތުރު ހިދުމަތްތައް ރާއްޖެއަށް މުހިންމު

ޑރ. ޖަގްދީޝް ވިދާޅުވީ އެހެން ގައުމުތަކާ އަޅާބަލާއިރު, ރާއްޖޭގައި ބަލި ޖެހިފައިވާ މީހުންގެ އަދަދު ދެނެގަނެވޭނެ ޑޭޓާ ބޭސްއެއް ނެތެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކިހާ މިންވަރަކަށް އޮތް ބައްޔެއްތޯ ދެނެގަތުމަކީ އޭނާ ފާހަގަ ކުރެއްވި ގޮތުގައި މުހިންމު ކަމެކެވެ.

ރާއްޖޭގައި ޑަޔަލިސިސް ހަދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު, ކިޑްނީ ފެއިލްވުމުން އެކަމުގެ ފަރުވާއަކަށް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ބޭނުންކުރަނީ ކިޑްނީ ޓްރާންސްޕްލާންޓެވެ. ނަމަވެސް, ގުނަވަން ބަދަލު ކުރުމަށް ރާއްޖޭގައި ގާނޫނު, ގަވައިދު އަދި އުސޫލުތަކެއް ހެދިފައި ނެތުމުގެ ސަބަބުން ރާއްޖޭގައި އެ ހިދުމަތެއް ނެތެވެ.

ބަލި ޖެހިފައިވާ ސީދާ އަދަދުތައް ނޭނގުނު ނަމަވެސް, ކިޑްނީ ބަލިތައް ރާއްޖޭގައި އިތުރުވަމުންދަނީ ހަލުވި ކަމާއެކުކަން ޖަގްދީޝް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން އަތޮޅުތަކުގައި ކިޑްނީ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ނުތިބޭތީ, ބަލި މީހުންނަށް ފަރުވާ ނުލިބުމުގެ ކަންބޮޑުވުން އޭނާ ފާހަގަކުރެއްވި އެވެ.

ކިޑްނީ ބަލިތައް ތަހަންމަލު ކުރަމުންދާ އެންމެނަށް ސިއްހީ ހިދުމަތަށް ވާސިލުވުމަކީ މިއަދު ފާހަގަކުރަމުންދާ މިއަހަރުގެ ދުނިޔޭގެ ކިޑްނީ ދުވަހުގެ ޝިއާރުވެސް މެ އެވެ.