Advertisement

ކުޅުދުއްފުށި ކުޅި ސަރަހައްދު ޓޫރިޒަމަށް ތަރައްގީކުރަނީ

20 ޑިސެންބަރު 2023 - 14:08 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް އާރްއޭސީއެލް އަދި ކުޅުދުއްފުށި ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފި-- ފޮޓޯ: އާރްއޭސީއެލް


ކުޅުދުއްފުށި ކުޅި ސަރަހައްދު ޓޫރިޒަމަށް ތަރައްގީކުރަނީ

20 ޑިސެންބަރު 2023 - 14:08 0

ހދ. ކުޅުދުއްފުށި އެއާޕޯޓާއި އިންވެގެން، ކުޅި ހިމެނޭހެން އުތުރަށް އޮންނަ ހުސްބިން ޓޫރިޒަމަށް ތަރައްގީކުރުމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އަދި ކުޅުދުއްފުށި ކައުންސިލުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު، މުހައްމަދު އާތިފެވެ. އާރްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު މުބީން އެވެ.

އެ އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށި އެއާޕޯޓާއި އިންވެގެން ކުޅި ހިމެނޭހެން އުތުރަށް އޮތް ހުސްބިމުގައި ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ނިންމައި، އާރްއޭސީއެލްގެ ފަރާތުން ޓޫރިޒަމް ޒޯން ތަރައްގީކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ވަނީ އެއްބަސްވެފަ އެވެ.

އާރްއޭސީއެލުން ބުނީ އެ މަޝްރޫއުގެ ބޭނުމަކީ މިވަގުތު އެބިމަކީ ބޭނުމެއް ނުކުރެވި އޮތް ހުސްބިމަކަށް ވުމާއެކު، ކުޅުދުއްފުއްޓަށާއި އަދި އެ ރަށުގެ ރައްޔިތުންނަށް މަންފާކުރާނެ މަޝްރޫއެއް އެބިމުގައި ކުރިއަށް ގެންދިއުމެވެ.

އެގޮތުން މި މަޝްރޫއުގެ ސަބަބުން ކުޅުދުއްފުށި ސިޓީގައިވާ ގެސްޓްހައުސްތަކާއި ވިޔަފާރިތައް އިތުރަށް ދުނިޔޭގައި މާކެޓަށް ހުޅުވިގެންދާނެކަމަށް އާރްއޭސީއެލުން ބުނެ އެވެ. އަދި ކުޅުދުއްފުށި އެއާޕޯޓަށް ފްލައިޓް މޫވްމަންޓަތައް އިތުރުވުމުގެ އިތުރުން، އެ ރަށަށް އިތުރު ވަޒީފާގެ ފުރުސަތު އުފައްދައި ދިނުމަކީ އާރްއޭސީއެލްގެ އަމާޒުކަމުގައި އެ ކުންފުނިން މައުލޫމާތުދެ އެވެ.

އާރްއޭސީއެލުން މިހާރު އަންނަނީ ރާއްޖޭގެ ޖުމްލަ ހަތް އެއާޕޯޓެއް އޮޕަރޭޓްކުރަމުންނެވެ.