Advertisement

ސިޓީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

20 ޑިސެންބަރު 2023 - 10:04 0


ސިޓީ ކްލަބް ވޯލްޑް ކަޕް ފައިނަލަށް

20 ޑިސެންބަރު 2023 - 10:04 0

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 20) - އޭޝިއާގެ ޗެމްޕިއަން، ޖަޕާނުގެ އުރާވާ ރެޑް ޑައިމަންޑްސް އަތުން 3-0 އިން މޮޅުވެ، ޔޫރަޕްގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

އަންނަ ހުކުރު ދުވަހު ކުޅޭ ފީފާ ކްލަބް ވޯލްޑް ކަޕް ފައިނަލުގައި ސިޓީ ނުކުންނާނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސޭއާ ދެކޮޅަށެވެ.

ރޭގެ މެޗުގައި ސިޓީން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުުތުގަ އެވެ. މިއީ ސިޓީގެ މަތެއުސް ނޫނޭޒް ނެގި ހުރަހަކުން އުރާވާ ރެޑްގެ މާރިއަސް ހޮއިބްރާޓެން އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސިޓީން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިތާ ހަތް މިނިޓް ތެރޭ، މެޗުގެ 52 ވަނަ މިނިޓްގައި މަޓެއޯ ކޮވަސިޗްގެ ގޯލުން ލީޑުފުޅާކޮށްފަ އެވެ. ކޮވަސިޗް މި ލަނޑު ޖެހީ ކައިލް ވޯކާ ދިން ބޯޅައަކުންނެވެ. ދެ ވަނަ ގޯލު ޖެހިތާ ހަތް މިނިޓް ފަހުން، ސިޓީން ތިން ވަނަ ލަނޑު ޖެހި އެވެ. މި ގޯލު ކާމިޔާބުކުރީ ބެނާޑޯ ސިލްވާ އެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުމަކީ ސިޓީ ކަހަލަ ކްލަބަކަށް "އުުމުރުގައި އެއް ފަހަރު" ލިބޭނެ ފުރުސަތެއް ކަމަށާއި ފައިނަލުގައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކުޅެން ޖެހޭނެ ކަމަށެވެ.

"އަހަރެމެން ނުހޯދާ ތަށްޓެއް މިއީ، މި ހޯދައިގެން އަހަރެމެންގެ މި އުންމީދުތައް ހާސިލްކުރެވެން އޮތީ،" ބާސެލޯނާއާ އެކު ދެ ފަހަރު އަދި ބަޔާން މިއުނިކާ އެކު އެއް ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ގާޑިއޯލާ ބުންޏެވެ.

ސިޓީން ކްލަބް ވޯލްޑް ކަޕް ހޯދައިފިނަމަ އެ ޓީމު ވެގެންދާނީ އެކަން ހާސިލްކުރާ އިނގިރޭސި ހަތަރު ވަނަ ޓީމަށެވެ. މީގެ ކުރިން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑް އަދި ޗެލްސީން ވަނީ މި މުބާރާތް ކާމިޔާބުކޮށްފަ އެވެ.