19 ޑިސެންބަރު 2023 - 09:55 0
އާމިނަތު ނިއުޝާ
ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް: އާދަމް ޝަރީފް ގޮވާލެއްވީ ތިނަދޫ ސިޓީއަކަށް ހެދުމުގެ މަރުހަލާތައް، އެމްޑީޕީއިން މަޖިލީހުގައި ފުރިހަމަކުރުމަށް -- ފޮޓޯ: ޝާބިން/އަދަދު
19 ޑިސެންބަރު 2023 - 09:55 0
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ކުރީ ސަރުކާރުން އަވަސް އަރުވާލައިގެން ކުރި، ފުރިހަމަ ނުވާ މަސައްކަތެއް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ނިމުމުގެ ކުރިން އެމްޑީޕީއިން އެކަން ފުރިހަމަކުރުމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު ގޮވާލައްވައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ނިމިދިޔަ ވެރިކަމުގެ ދައުރުގައި 10 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް, އަދިވެސް ހައްލު ނުވާ އެތައް ކަމެއް ހުރިކަން މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން, ތިނަދޫއަށް ސިޓީއެއްގެ ދަރަަޖަ ދިނުމުގެ މަސައްކަތް ފުރިހަމަ ނުވެ އޮތްކަން ފާހަގަކޮށް އެކަން އަވަސްކުރުމަށް އެމްޑީޕީއަށް ގޮވާލެއްވި އެވެ.
"ގާތްގަނޑަކަށް ދޭއްބައި އަހަރުގެ ކުރިން އެތަން [ތިނަދޫ] މި އޮންނަން ޖެހެނީ މިހާރު ލާމަރުކަޒީ ގާނޫނު އޮތްގޮތުން ސިޓީއެއްގެ ދަރަޖަ ދީފައި. އެކަމަކު އެތަނުގައި ކުރަން ޖެހޭ މަސައްކަތްތައް ހަގީގަތުގައި ހަމަ ރަށުގެ ކައުންސިލުން މި ހިންގަނީ، އެތަނުގައި ތިއްބެވި ކައުންސިލަރުން އަދި ސެކްރެޓަރީ ޖެނެރަލުން. އެކަމަކު މިއީ މުޅިން ތަފާތު ދަރަޖަތަކެއް," މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގެ މަސައްކަތް ފުރިހަމަ ކުރުމަކީ ގާނޫނު ބަދަލުކޮށްގެން ވިޔަސް ކުރަން މުހިންމު މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑުމެން އުންމީދުކުރިން އެމްޑީޕީން މި މައްސަލަތަކަށް ހައްލު ހޯދައިދީފައި، އެމީހަކު ކެނޑި ކަނޑުލެއްގެ ހިތި އެމީހަކު ފިލުވަން ޖެހޭ ގޮތަށް، އެމްޑީޕީއިން މި ހަޑި ހާވާފައި މެޖޯރިޓީ އޮތް އިރު މަޖިލިސްގެ ތެރެއިން ހައްލެއް ހޯދަވައިދެއްވާނެ ކަމަށް," އާދަމް ޝަރީފް ވިދާޅުވި އެވެ.
ތިނަދޫ މައްސަލައަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް އެމްޑީޕީން ކުރާތަން އަދި ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން މިކަން ހައްލުކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިދިޔަ އަހަރުގެ އޯގަސްޓު 30 ގައި އޭރުގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު އެވެ.
ތިނަދޫ ކައުންސިލުން ވަނީ ސިޓީއެއްގެ ދަރަޖަ ކަށަވަރުކުރަން މަޖިލީހަށް ހުށަހަޅާފަ އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅީ، ސިޓީއެއްގެ ދަރަޖަ ދިން ނަމަވެސް ބައެއް އިދާރާތަކުން އަދިވެސް ކައުންސިލާ މެދު އަމަލުކުރަނީ އާދައިގެ ރަށު ކައުންސިލަކާ އެއް ހަމަކޮށްގެންކަމަށް ބުނެ އެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ބޭއްވި ލާމަރުކަޒީ ކޮމެޓީ ބައްދަލުވުމުގައި ނިންމީ އެކަން ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށެވެ.
ހިނގަމުންދާ ދައުރެއްގެ މެދުތެރެއިން ރަށަކަށް ސިޓީއެއްގެ ދަރަޖަ ދީފިނަމަ، ދައުރު ނިމެންދެން އެ ސިޓީ ހިންގަމުން ގެންދަންޖެހޭނީ އިންތިހާބުވެފައި އޮންނަ ރަށު ކައުންސިލުން ކަމަށް ލާމަރުކަޒީ ގާނޫނުގެ 52 ވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.
ތިނަދޫ ސިޓީއަކަށް ބަދަލުވުމުން ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް ދެމުން ގެންދާނީ މިހާރުވެސް ކައުންސިލު މެންބަރުންގެ ގޮތުގައި އިންތިހާބުވެފައި ތިބި މެންބަރުންނެވެ. އެ ގާނޫނުގައި ބަޔާން ކޮށްފައި ވާގޮތުން ކައުންސިލް ރައީސްއަކީ މިހާރު އެ ސިޓީގެ މޭޔަރެވެ.
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެސް ރިޔާސީ ވައުދެކެވެ. ނަމަވެސް މިދިޔަ ސަރުކާރުން ކެމްޕޭނު ތެރޭގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނީ އެވެ. އެ ނިންމުމެއް އިހުތިރާމު ކުރާނެ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment