Advertisement

އިޒްރޭލުން ދަނީ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައި ހޫނުކަން ބޭނުން ކުރަމުން: ހިއުމަން ރައިޓްސް ވޮޗް

19 ޑިސެންބަރު 2023 - 07:10 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އިޒްރޭލުން ދަނީ ހަތިޔާރެއްގެ ގޮތުގައި ބަނޑުހައި ހޫނުކަން ބޭނުން ކުރަމުން: ހިއުމަން ރައިޓްސް ވޮޗް

19 ޑިސެންބަރު 2023 - 07:10 0

ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ބަނޑުހައި ހޫނުކަން ޖައްސަނީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ކަމަށް ހިއުމަން ރައިޓްސް ވޮޗުން (އެޗްއާރްޑަބްލިއު) ތުހުމަތު ކޮށްފި އެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އެޗްއާރްޑަބްލިއު އިން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފެނާއި ކާބޯތެކެތީގެ އިތުރުން ދިރިހުރުމަށް ބޭނުންވާ އަސާސީ ހިދުމަތްތަކުން ފަލަސްތީނުގެ ރައްޔިތުން މަހުރޫމު ކުރަމުން އިޒްރޭލުން ދަނީ ވަކި މަގުސަދެއް ހާސިލު ކުރުމަށް ކުރިއާލައި ރާވައިގެން ކަމަށެވެ.

އެ ބަޔާނުގައި އެޗްއާރްޑަބްލިއު އިން ބުނެފައި ވަނީ އާންމު ރައްޔިތުންތަކަކާ ދެކޮޅަށް ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމަކީ ހަނގުރާމައިގެ އުސޫލުތަކާ ހިލާފު ބޮޑު ޖަރީމާއެއްގެ ކަމަށެވެ. އިޒްރޭލުގެ ލާއިންސާނީ އެ އަމަލުތަކާ ދެކޮޅަށް ތެދުވުމަށް ދުނިޔޭގެ ލީޑަރުންނަށް އެ ޖަމާއަތުން ގޮވާލާފައިވެ އެވެ.

އެޗްއާރްޑަބްލިއުގެ ތުހުމަތުތައް ސާބިތު ކޮށްދިނުމަށް އެ ބަޔާނުގައި ވަނީ އިޒްރޭލުގެ އޮފިޝަލުންގެ ސްޓޭޓުމަންޓުތަކާއި އިޒްރޭލުގެ އަތްދަށުން ސަލާމަތްވި މީހުންގެ އިންޓަވިއުތަކާއި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމިއްޔާ ޖަމާއައްތަކުގެ ރިޕޯޓުތަކުގެ އިތުރުން ސެޓެލައިޓު ފުޓޭޖުތައް ހެކީގެ ގޮތުގައި ހިމަނައިފަ އެވެ.

"ދެ މަސްދުވަހަށްވުރެ ގިނަ ދުވަހު އިޒްރާއީލުން ވަނީ ފެނާއި ކާބޯތަކެތިން ގާޒާގެ ރައްޔިތުން މަހުރޫމުކޮށްފައި، އިޒްރޭލުގެ މަތީ މަގާމުތަކުގައި ތިބި އޮފިޝަލުންގެ ރުހުމުގައި އެކަން ކުރަމުން ގެންދިޔުމުން ހާމަވަނީ އެއީ އާންމު ރައްޔިތުންތަކަކާ ދެކޮޅަށް ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާ އުކުޅެއްކަން،" ހިއުމަން ރައިޓްސް ވޮޗުން އިޒްރޭލާއި ފަލަސްތީނަށް ކަނޑައަޅާފައި ހުންނަ ޑިރެކްޓަރު، އުމަރު ޝާކިރުއާ ހަވާލާދީ އެ ރިޕޯޓުގައި ލިޔެފައިވެ އެވެ.

"ގާޒާގެ ރައްޔިތުންނަށް ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ކުރިމަތި ކުރުވާފައިވާ މި ބޮޑު ޖަރީމާއާ ދެކޮޅަށް ދުނިޔޭގެ ލީޑަރުން ވާހަކަދައްކަން އެބަޖެހޭ،"

އެޗްއާރްޑަބްލިއު އިން ނެރުނު އެ ބަޔާނަށް ރައްދު ދީ އިޒްރޭލުގެ ފޮރިން މިނިސްޓަރީން ބުނެފައި ވަނީ އެ ޖަމިއްޔާއަކީ އިޒްރޭލާ ދެކޮޅު ވިސްނުމުގެ ބައެއް ކަމަށެވެ. އެގޮތުން އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްއިން އިޒްރޭލަށް ދިން ހަމަލާ އެ އެޗްއާރްޑަބްލިއު އިން ކުށްވެރި ކޮށްފައި ނުވާތީ ގާޒާގައި ހިނގަމުންދާ ކަންކަމާ މެދު ވާހަކަދެއްކުމުގެ ހައްގެއް އެ ޖަމާއަތަށް ނެތް ކަމަށް އެ މިނިސްޓަރީން ބުނެފައިވެ އެވެ.

އެޗްއާރްޑަބްލިއު އިން ބަޔާނެއް ނެރެފައި މިވަނީ ގާޒާގެ އާންމު ރައްޔިތުންނަށް އަމާޒުކޮށް ހުއްޓުމެއް ނެތި ބޮން އަޅައި ހިންގަމުން ގެންދާ ގަތުލުއާއްމުތަކާ ދެކޮޅަށް އިޒްރޭލުގެ ތެރެއިންނާއި ބޭރުން އަޑުއުފުލުން ގަދަވެފައިވާ ދަނޑިވަޅެއްގަ އެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ހަމަލާއަށް ބަދަލު ހިފުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހައިތަނަށް ފަލަސްތީނުގެ 19،000 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައި ބައިލައްކައަށްވުރެ ގިނަ މީހުން ޒަހަމު ކޮށްލާފައިވެ އެވެ. އަދި ބިމާ ހަމަވެފައިވާ އިމާރާތްތަކުގެ ގާކުނޑިތަކުގެ އަޑީގައި ސަލާމަތް ނުކުރެވި އެތައް ހާސް ބަޔަކު ވަޅުލެވިފައި ވާނެ ކަމަށް ގާޒާގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ސިވިލް ޑިފެންސް އިދާރާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެ އެވެ.

ހަނގުރާމައިގެ ސަބަބުން ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުންގެ ތެރެއިން 80 ޕަސެންޓު މީހުން ގެދޮރު ގެއްލި ވަނީ މަގުމަތިވެފަ އެވެ. ނަމަވެސް އެމީހުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުން އިޒްރޭލުން އަދިވެސް އޮތީ ކޮންޓްރޯލް ކޮށްފަ އެވެ.

އެޗްއާރްޑަބްލިއުގެ އިތުރުން އދ އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެހެން ޖަމާއަތްތަކާއި އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތްތަކުން ވެސް ދަނީ ގާޒާގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ފާހަގަކޮށް، ހަނގުރާމަ ހުއްޓައިލުމަށް ގޮވާލަމުންނެވެ.