Advertisement

ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސެލޯނާ އިން ނަޕޯލީއާ ދެކޮޅަށް

18 ޑިސެންބަރު 2023 - 18:00 0

ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގައި ބާސެލޯނާ އާއި ނަޕޯލީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ


ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސެލޯނާ އިން ނަޕޯލީއާ ދެކޮޅަށް

18 ޑިސެންބަރު 2023 - 18:00 0

ޕެރިސް (ޑިސެމްބަރު 18) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގައި ބާސެލޯނާ އިން ނަޕޯލީއާ ބައްދަލުކުރަން ޖެހިއްޖެ އެވެ.

ދެ ސީޒަނުގެ މެދުކެނޑުމަކަށް ފަހު، ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުން ފުރުސަތު ހޯދި ބާސެލޯނާ އިން ގަދަ 16 ބުރުގައި އިޓަލީގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާ ދެކޮޅަށް ކުޅެން ޖެހޭއިރު، މި ދެ ޓީމު މީގެ ކުރިން ވަނީ ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގައި ކުޅެފަ އެވެ. މިދިޔަ ސީޒަނުގައި ނަޕޯލީ ކަޓުވާލުމަށް ފަހު، ބާސެލޯނާ އިން ވަނީ ޔޫރޮޕާ ލީގުގެ ގަދަ 16 ބުރުން ފުރުސަތު ހޯދައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން ބައްދަލުކުރާނީ ޑެންމާކްގެ ކޯޕެންހާގެންއާ އެވެ. ކޯޕެންހާގެން އިން ގަދަ 16 ބުރުން ފުރުސަތު ހޯދީ މެންޗެސްޓާ ޔުނައިޓެޑް އޮތް ގްރޫޕުންނެވެ. އެންމެ ފަހުގެ ރަނަރަޕް، އިޓަލީގެ އިންޓަ މިލާނުން ނޮކައުޓް ފުރަތަމަ ބުރުގައި ކުޅޭނީ އެތުލެޓިކޯ މެޑްރިޑާ އެެވެ. މި މެޗަކީ އެތުލެޓިކޯގެ ކޯޗު ސިމިއޯނީ އަށް ހާއްސަވާނެ މެޗެކެވެ. ސިމިއޯނީ ވަނީ ކުޅުމުގެ ކެރިއަރުގައި އެތުލެޓިކޯ އާއި އިންޓަ އަށް ކުޅެފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން، 14 ފަހަރު ހޯދާފައިވާ ރެއާލް މެޑްރިޑުން ގަދަ 16 ބުރުގައި ބައްދަލުކުރާނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ މެޗުތައް.


ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު، ޗެމްޕިއަންސް ލީގުގައި މި ފަހަރު ކުޅެމުން އަންނަ އާސެނަލުން ނޮކައުޓް ބުރުގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޓޯއާ އެވެ. ޕީއެސްޖީން ގަދަ 16 ބުރުގައި ނުކުންނާނީ ރެއާލް ސޮސިއެޑާޑާ ދެކޮޅަށެވެ.

ނެދަލެންޑްސްގެ ޕީއެސްވީ އައިންދޯވަން އިން ނޮކައުޓް ފުރަތަމަ ބުރުގައި ކުޅޭނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހަ ފަހަރު ހޯދާފައިވާ ޖަރުމަނުގެ ގަދަބާރު، ބަޔާން މިއުނިކުން ނޮކައުޓް ބުރުގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ މައުރީޒިއޯ ސާރީގެ ކޯޗުކަމުގައި ކުޅޭ ލާޒިއޯއާ އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ޓީމު ވާދަކުރާ ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅޭނީ އަންނަ ފެބްރުއަރީ މަހުގެ 13، 14 އާއި 20، 21 ގަ އެވެ. އަދި ދެ ވަނަ ލެގުގެ މެޗުތައް ޝެޑިއުލްކޮށްފައިވަނީ، މާޗް 5، 6 އާއި 12، 13 އަށެެވެ.

ޗެމްޕިއަންސް ލީގުގެ ކޮންމެ ގްރޫޕެއްގެ ތިން ވަނަ ޓީމު ވަނީ ޔޫރޮޕާ ލިގުގެ ނޮކައުޓް ޕްލޭއޮފް ބުރަށް ދަތުރުކޮށްފަ އެވެ. ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގެ ގުރުއަތުލުން ވެސް ވަނީ މިއަދު ކުރިއަށް ގޮސްފަ އެވެ.

ޔޫރޮޕާ ލީގުގެ ގަދަ 32 ޓީމު ވާދަކުރާ ބުރުގެ މެޗުތައް:

ފެޔަނޫޑް - ރޯމާ

އޭސީ މިލާން - ރެނެސް

ލޯންސް - ފްރައިބާގް

ޔަންގް ބޯއީސް - ސްޕޯޓިން ސީޕީ

ބެންފީކާ - ޓޮލޫސް

ސްޕޯޓިން ބްރާގާ - ގަރަބަގް

ގަލަސަތަރާއި - ސްޕާޓާ ޕްރާގް

ޝަހުތަރު ޑޮނެސްކް - މާސޭ

ޔޫރޮޕާ ލީގުގެ ނޮކައުޓް ޕްލޭއޮފްގެ ފުރަތަމަ ބުރުގެ މެޗުތައް ކުޅޭނީ ފެބްރުއަރީ 15 ގަ އެވެ. އަދި ދެ ވަނަ ލެގުގެ މެޗުތައް ފެބްރުއަރީ 22 ކުޅޭނެ އެވެ. ޔޫރޮޕާ ލީގުގެ އަށް ގްރޫޕްގެ ޗެމްޕިއަނުންނާ ގަދަ 16 ޓީމުގެ ބުރުގައި ކުޅޭ ޓީމުތައް ކަނޑައެޅޭނީ ޕްލޭއޮފް ބުރުންނެވެ.