Advertisement

ހަތަރު އިދާރާއެއްގެ ބޮޑު އޮޕަރޭޝަނެއް: ގަވާއިދާ ހިލާފު 53 ބިދޭސީން ބަންދު، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 5.5 މިލިއަނަށް!

18 ޑިސެންބަރު 2023 - 00:38 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ބިދޭސީންތަކެއް މާލޭގައި މަގެއްގެ އަރިމަތީގައި މަޑުކޮށްލައިގެން. -- އަދަދު ފައިލް ފޮޓޯ


ހަތަރު އިދާރާއެއްގެ ބޮޑު އޮޕަރޭޝަނެއް: ގަވާއިދާ ހިލާފު 53 ބިދޭސީން ބަންދު، އަތުލައިގަތް މަސްތުވާތަކެތީގެ އަގު 5.5 މިލިއަނަށް!

18 ޑިސެންބަރު 2023 - 00:38 0

ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ، އަދި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 53 ބިދޭސީއަކު ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ހޯމްލޭންޑު ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ އެ އޮޕަރޭޝަންތައް ހިންގީ ފުލުހުންނާއި އިމިގްރޭޝަން، ކަސްޓަމްސް އަދި ކަރެކްޝަންސް ގުޅިގެން ކަމަށެވެ. އިތުރު ތަފްސީލެއް މިނިސްޓަރު ހާމައެއް ނުކުރައްވަ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެ އޮޕަރޭޝަންތަކުގައި ކޯޓު އަމުރު ހޯދައިގެން ވެސް ބައެއް ތަންތަނަށް ވަދެ ބަލައި ފާސްކޮށްފައިވެ އެވެ.

ވޭތުވެދިޔަ ދެ ހަފުތާގައި 700 އަށް ވުރެ ގިނަ މީހުން ބަލައިފާސްކޮށްފައި ވާއިރު، މަސްތުވެގެން ތިބި ގިނަ އަދަދެއްގެ ބިދޭސީންނާއި ބައެއް ދިވެހިން ވެސް ބަންދުކުރި އެވެ.

ކުށުގެ ވެށީގައި އުޅެމުންދާ ބިދޭސީން އިތުރުވަމުން އަންނައިރު، ބަންގްލަދޭޝްއިން މީހުން އެތެރެ ކުރުން މަނާކުރުމަށް ކުރީގެ ސަރުކާރުން ނިންމާފައި އޮތް އޮތުން މި ސަރުކާރުން ވަނީ ބާތިލުކޮށްފަ އެވެ. ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ބޮޑުވެ ބަންގަލަދޭޝް އިން ރާއްޖެއަށް ލޭބަރުން ގެނައުން ސަރުކާރުން މަނާކޮށްފައި އޮންނަތާ ގާތްގަނޑަކަށް ހަތަރު އަހަރު ވަނީ ވެފަ އެވެ.