18 ޑިސެންބަރު 2023 - 06:43 0
މުހައްމަދު ޝަހްޒާން
18 ޑިސެންބަރު 2023 - 06:43 0
ފަލަސްތީނު ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް ކަރިމް ޝެލޫމް ކްރޮސިންއިން އެހީގެ ގާފިލާތައް ގާޒާއަށް ވަދެއްޖެ އެވެ.
ގާޒާއާ 40 ކިލޯމީޓަރު ދުރުގައި އޮންނަ ކަރިމް ކްރޮސިންއަކީ ހަނގުރާމަ ފެށުމުގެ ކުރިން ގާޒާއަށް އެހީ ވެެއްދުމަށް ބޭނުން ކުރި ބޯޑަރެކެވެ. ނަމަވެސް ހަނގުރާމަ ފެށުނު ފަހުން އިޒްރޭލުން ވަނީ އެ ސަރަހައްދު އެއްކޮށް ބަންދުކޮށް ގާޒާއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.
ރަފާހު ކްރޮސިންއާ ވެސް މާދުރުނޫން ހިސާބެއްގައި އޮންނަ ކްރިމް ޝެލޫމް ކްރޮސިން އިޒްރޭލުން ހުޅުވާލަން ނިންމީ މިދިޔަ ހަފުތާގަ އެވެ. އެ ނިންމުމާ އެއްގޮތަށް މިއަދު އެ ކްރޮސިން ހުޅުވައިލުމުން ގާޒާއަށް ވަންނަ އެހީގެ އަދަދު ދެގުނަ ވާނެ ކަމަށް އިންސާނީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމާއަތްތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓު ކުރެ އެވެ.
ކަރިމް ޝެލޫމް ހުޅުވައިލުމާއެކު މިއަދު އެ ކްރޮސިންއިން ވަނީ ގާޒާއަށް 79 އެހީގެ ޓުރަކު ވަދެފަ އެވެ. މީގެ ކުރިން ރަފާހު ބޯޑަރު ހުރަސްކޮށް ގާޒާއަށް އެންމެ ގިނަވެގެން ވެސް ދުވާލަކު ވެއްދެނީ 100 ޓުރަކެވެ.
ކަރިމް ޝެލޫމް ކްރޮސިން އިން ވަންނަ އުޅަނދުތައް ދަތުރު ކުރާ މަގު ދައްކައިދޭ ޗާޓެއް
އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން އިޒްރޭލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ގާޒާއަށް މަތިން ބޮން އަޅައި ސުންނާފަތި ކޮށްލުމަށްފަހު އެ ސިޓީއަށް ވަދެގަނެ ހިންގަމުން ގެންދާ ގަތުލުއާއްމުތަކާ ގުޅިގެން ގާޒާއިން ފެން ހުސްވެ ކާބޯތަކެއްޗަށް ޖެހިފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް ބުނެފައިވެ އެވެ.
ވަށައިގެން އިޒްރޭލުން ހިސާރު ކޮށްފައި އޮންނަ ގާޒާއަށް ހަނގުރާމައިގެ ކުރިން ދުވާލަކު 500 ޓުރަކުގެ އެހީ ވައްދަ އެވެ، ނަމަވެސް ހަނގުރާމަ ފެށުމަށްފަހު އިޒްރޭލުން ވަނީ އެތައް ދުވަހެއް ވަންދެން ގާޒާއަށް އެހީ ވެއްދުން މަނާކޮށްފަ އެވެ.
ކަރިމް ޝެލޫމްއިން ވެސް އަދި ރަފާު ހުރަސްކޮށް ވެސް އެހީގެ ޓުރަކުތަކަށް ގާޒާއަށް ވަދެވޭނީ އިޒްރޭލުން ބަލައި ފާސްކުރުމަށްފަހު އެވެ. ނަމަވެސް އިންސާނީ އެހީ ފޯރުކޮށްދޭ ޖަމާއަތްތަކުން ވަނީ އެއްވެސް ހުރަހެއް ނެތި ރަފާހު ބޯޑަރު ހުރަސްކޮށް އެހީގެ ގާފިލާތަކަށް ގާޒާއަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދިފަ އެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުން ދާ ހަނގުރާމައިގައި މިހައިތަނަށް ފަލަސްތީނުގެ 19،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދު ކޮށްލާފައިވެ އެވެ. ގާޒާއަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވާއިރު، ގާޒާގެ 70 ޕަސެންޓަށް ވުރެ ބޮޑު ބައި ވަނީ އެއްކޮށް ބިމާ ހަމަކޮށްލައިފަ އެވެ.
Comment