Advertisement

ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިނުުން ވެސް ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލައިފި

18 ޑިސެންބަރު 2023 - 17:21 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ލައިނުުން ވެސް ރަތް ކަނޑުން ދަތުރު ކުރުން ހުއްޓާލައިފި

18 ޑިސެންބަރު 2023 - 17:21 0

ޔަމަނުގެ ބޮޑު ބައެއްގައި ވެރިކަން ކުރަމުން އަންނަ ހޫތީންގެ ހަމަލާތަކާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި، މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ވެސް ރަތް ކަނޑުން ދަތުރު ކުރުން ވަގުތީގޮތުން ހުއްޓާލިކަން އިއުލާނުކޮށްފި އެވެ.

އެމްއެސްސީއާއެކު ފްރާންސްގެ ސީއެމްއޭ ސީޖީއެމް ކުންފުނިން ވެސް ވަނީ ރަތް ކަނޑުން ދަތުރު ކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ. އެއާއެކު ރަތް ކަނޑު ބޭނުން ކުރުން ވަގުތީ ގޮތުން ހުއްޓާލި ބޮޑެތި ޝިޕިން ކުންފުނިތަކުގެ އަދަދު ވަނީ ހަތަރަކަށް އަރައިފަ އެވެ. މީގެ ކުރިން ޑެންމާކުގެ މެއާސްކް ކުންފުންޏާއި ޖަރުމަނުގެ ހާޕަގް ލޮއީޑް ކުންފުނިން ވެސް ވަނީ ރަތް ކަނޑު ބޭނުން ކުރުން ހުއްޓާލަން ނިންމާފައި ވާކަން އިއުލާނުކޮށްފަ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ހަތަރު ޝިޕިން ކުންފުނިން ރަތް ކަނޑު ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައި މިވަނީ އިޒްރޭލުން ފަލަސްތީނާ ކުރަމުންދާ ހަނގުރާމައާ ގުޅިގެން ރަތް ކަނޑުގެ ދޮރާށި ކަމުގައިވާ ބާބުލް މަންދިބު ހުރަސްކުރާ އިޒްރޭލާ ގުޅުން އޮންނަ ނުވަތަ އިޒްރޭލަށް މުދާ އުފުލާ ބޯޓުފަހަރަށް ތަކުރާރުކޮށް ހޫތީން ހަމަލާދެމުން ދާ ދިއުމާ ގުޅިގެންނެވެ.

ރަތް ކަނޑަކީ އޭޝިއާއިން ވިލާތަށް ދަތުރު ކުރެވޭ އެންމެ ކުރު މަގެވެ. އިންޑިއާ ކަނޑުން ގޮސް ގަލްފް އޮފް އަދަން ހުރަސްކޮށް ރަތް ކަނޑަށް ވަދެވޭ ދޮރާއްޓަކީ ޔަމަނާއި ޖިބޫޓީއާ ދެމެދު އޮންނަ ބާބުލް މަންދިބް އެވެ. އިންޑިއާ ކަނޑުން ވިލާތަށް ދަތުރު ކުރާ ބޯޓަކަށް ސުއެޒް ކެނެލް ހުރަސް ކުރެވޭނީ ބާބުލް މަންދިބުން ރަތް ކަނޑަށް ވަދެގެންނެވެ. ދުނިޔޭގެ ވިޔަފާރި ދަތުރުތަކުގެ 40 އިންސައްތަ ދަތުރު ކުރަނީ ބާބުލް މަންދިބާއި ސުއެޒް ކެނެލްއާ ދެމެދުގައި އޮންނަ ރަތް ކަނޑުންނެވެ.

ރަތް ކަނޑުން ދަތުރު ކުރާ އިޒްރޭލަށް ވާގިވެރިވާ ނުވަތަ އިޒްރޭލާ ގުޅުން އޮންނަ އުޅަނދުތައް ހިފަހައްޓައި، ހަމަލާދިނުމުގެ ސިލްސިލާއާ ގުޅިގެން އިޒްރޭލާއި އެމެރިކާއިން ވެސް ވަނީ އެކަމަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ބުނެފަ އެވެ.

ނަމަވެސް ހޫތީން ބުނެފައި ވަނީ ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާއްމުތައް ހުއްޓައި ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ފަހި ކޮށްނުދެނީސް އިޒްރޭލަށް ވާގިވެރިވާ ނުވަތަ އިޒްރޭލަށް މުދާ އުފުލާ އެއްވެސް އުޅަނދަކަށް ރަތް ކަނޑުގައި އަމާން ކަމެއް ނޯންނާނެ ކަމަށެވެ.

ހޫތީންގެ އަންސާރުﷲ ޕޮލިޓިކަލް ބިއުރޯގެ މެންބަރު، އަލީ އަލް ގަހޫމް ލުބުނާނުގެ އަލް މަޔާދީން ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޔަމަނު އޮތީ ހުޅަނގާއި އިޒްރޭލު އަދި އެމެރިކާއިން ވެސް އަތުވެދާނެ ކޮންމެ ހަމަލާއަކަށް ދިފާއީ ގޮތުން ތައްޔާރަށް ކަމަށެވެ.

"އިޒްރޭލާއި އެމެރިކާއިން ނުވަތަ ހުޅަނގުން އަންނަ އެއްވެސް އިންޒާރަކާ ހެދި އަހަރުމެން، ހޫތީން ފަލަސްތީނު ދޫކޮށެއް ނުލާނަން،" އަލް ގަހޫމް ވިދާޅުވި އެވެ.

ހޫތީން ގެންދަނީ ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން އިޒްރޭލަށް ވެސް ހަމަލާތައް އަމާޒު ކުރަމުންނެވެ. ނަމަވެސް އަމަން ބެލެހެއްޓުމުގެ ނަމުގައި ރަތް ކަނޑުގައި ހަރަކާތްތެރިވަމުންދާ އެމެރިކާއާއި އިނގިރޭސިވިލާތުގެ އިތުރުން ފަރަންސޭސިވިލާތުގެ މަނަވަރުތަކުން ގެންދަނީ އިޒްރޭލަށް އަމާޒުކޮށް ހޫތީން ފޮނުވާ ހަމަލާތަކާއި ބައެއް ބޯޓުފަހަރަށް އަމާޒުކޮށް ދޭ ހަމަލާތައް ދިފާއީ މިސައިލު ބޭނުން ކޮށްގެން ހުއްޓުވުމަށް މަސައްކަތް ކުރަމުންނެވެ.

ހޫސިންނަކީ ބައިނަލްއަގުވާމީ ގޮތުން އެއްވެސް ގައުމަކުން ސަރުކާރެއްގެ ގޮތުގައި ބަލައިގަންނަ ބައެއް ނޫނެވެ. ނަމަވެސް ޔަމަނުގެ ދާހިލީ ހަނގުރާމައަށްފަހު ހޫތީން ގެންދަނީ އަމިއްލަ ދައުލަތެއް ގާއިމުކޮށް ޔަމަނުގެ ބޮޑު ބައެއްގެ މައްޗަށް ވެރިކަން ކުރަމުންނެވެ.