Advertisement

އަގު ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ފިޔާ އެތެރެކޮށް ވިއްކަން އެސްޓީއޯ އިން ފަށައިފި

17 ޑިސެންބަރު 2023 - 18:43 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ބާޒާރުގައި ވިއްކަން ހުރި ޕާކިސްތާނު ފިޔާ ތަކެއް، އަގު ކޮންޓްރޯލްކުރުމަށް އެސްޓީއޯ އިން ވަނީ ފިޔާ އެތެރެކުރަން ފަށައިފަ ---- ފޮޓޯ: މިރާން ނާޝިމް/އަދަދު


އަގު ކޮންޓްރޯލް ކުރުމަށް އިންޑިއާއިން ފިޔާ އެތެރެކޮށް ވިއްކަން އެސްޓީއޯ އިން ފަށައިފި

17 ޑިސެންބަރު 2023 - 18:43 0

މާލޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުތަނުން އުފުލެމުންދާތީ އަގު ކޮންޓްރޯލްކުރުމަށް އެސްޓީއޯއިން ފިޔާ އެތެރެކޮށް ހޯލްސޭލް ކުރަން ފަށައިފި އެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓުކުރުން ވަގުތީ ގޮތުން މެދުކަނޑާލާނެކަން އިއުލާނުކުރުމާއެކު ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް ވަނީ އުފުލިފަ އެވެ. ރާއްޖޭގެ ބާޒާރުގައި އާއްމުކޮށް ވިއްކަން ހުންނަނީ ޗައިނާ، ޕާކިސްތާނު އަދި އިންޑިއާ އިން އެތެރެކުރާ ފިޔަ އެވެ. އޭގެތެރެއިން އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފިޔާ އިމްޕޯޓްކުރާ ގައުމެވެ.

އެގޮތުން މި އަހަރުގެ މެދުތެރޭ ހިސާބުގައި ބާޒާރުގައި 200ރ. އާ 400ރ. އާ ދެމެދުގެ އަގެއްގައި ވިއްކަމުން ދިޔާ ފިޔާ ބަސްތާގެ އަގު މިދިޔަ ހަފްތާގައި ވަނީ 800ރ. އަށް އުފުލިފަ އެވެ.

އެސްޓީއޯއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދިވެހިންގެ އާއްމު ކެއުމުގައި ހިމެނޭ އެއްބާވަތެއް ކަމަށްވާ ފިޔާގެ އަގު މި މިންވަރަށް އުފުލުމުން އެކަމުގެ ޝަކުވާ އެކުންފުންޏަށް ވެސް ލިބިފައިވާ ކަމަށެވެ.

އަދި އެސްޓީއޯ ވުޖޫދުވުމުގެ މައިގަނޑު އެއް އަސްލަކީވެސް އާއްމު ކާބޯތަކެތީގެ ރައްކާތެރިކަން ރައްޔިތުންނަށް ކަށަވަރުކޮށްދިނުން ކަމަށާއި އަދި އަސާސީ ކާބޯތަކެތަކެތި އެތެރެކުރުމުގައި ރާއްޖެއަށް ހުރަހެއް ނެތްކަން ސަރުކާރުން ކަށަވަރުކޮށްދީފައި ވާއިރު އާއްމުންގެ ކަންބޮޑުވުމަށް ހައްލު ހޯދައިދިނުމަށް އެކުންފުުނިން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ބުންޏެވެ.

އެގޮތުން ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމަށާއި ފިޔާ ލިބޭނެ ކަމުގެ ޔަގީންކަން ކަށަވަރުކުރުމަށް އެސްޓީއޯއިން މިހާރު އަންނަނީ ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރު ދެނެގަނެ، ފިޔާ އެތެރެކުރަން ފަށާފަ އެވެ. ފުރަތަމަ ޝިމްޕްމަންޓުގެ ގޮތުގައި އިންޑިއާއިން 4,500 ބަސްތާގެ ފިޔާ އެސްޓީއޯއިން މިހާރު ވަނީ އެތެރެކޮށް ހޯލްސޭލަރުންނަށް ވިއްކަން ހުޅުވާލާފަ އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އެތެރެކުރާ ފިޔާ އާއްމުންނަށް ވިއްކާނީ އާންމު ވިޔަފާރިތަކުން ކަމަށާއި ވިޔަފާރިތަކަށް ފީޔާ ދޫކުރާނީ އެއްޓީއޯއިން ކަނޑައަޅާފައިވާ އަގަށްވުރެ ވިއްކާ އަގު ބޮޑު ނުކުރުމަށް އިލްތިމާސްކޮށް ޝަރުތުކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން ފިޔާ ކިލޯއެއްގެ އަގު 20ރ. އަށްވުރެ ބޮޑު ނުވާ އަގެއްގައި ވިއްކުމަށް އާއްމު ވިޔަފާރިތަކަށް އިލްތިމާސް ކޮއްފައިވާނެ ކަމަށް ބުންޏެވެ.

އެސްޓީއޯ އިން ބުނީ މިކަމުގައި އެސްޓީއޯގެ އަމާޒަކީ މާކެޓް ސްޓޭބަލައިޒް ކުރުން ކަމަށާއި ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބި ބާޒާރުގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްގޭގެ ބާޒާރަށް ބޭނުންވާ ފިޔާ ސަޕްލައި ފޯރުކޮއްދެމުންދާނެ ކަމަށެވެ.