17 ޑިސެންބަރު 2023 - 09:56 0
17 ޑިސެންބަރު 2023 - 09:56 0
މެންޗެސްޓާ (ނޮވެމްބަރު 17) - މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކްރިސްޓަލް ޕެލަސްގެ މައިކަލް އޮލީސޭ ކާމިޔާބުކުރި ލަނޑާ އެކު، އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޕެލަސް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެއްޖެ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޖެކް ގްރީލިޝް ޖެހި ލަނޑާއި ދެ ވަނަ ހާފުގައި ރީކޯ ލުއިސް ޖެހި ލަނޑާ އެކު، މެޗުގެ ފަހު 20 މިނިޓަށް ދިޔައިރު ވެސް ސިޓީ އޮތީ ދެ ލަނޑުގެ ލީޑަކާއެކު އެވެ.
އެކަމަކު، މެޗުގެ 76 ވަނަ މިނިޓުގައި ޕެލަސްގެ ޖޯން ފިލިޕް މަޓޭޓާ ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޕެލަސް އިން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، ޒުވާން މިޑްފީލްޑަރު އޮލީސޭ ވަނީ ޕެލަސް އަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.
ޕްރިމިއާ ލީގުގައި ސިޓީ އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ސިޓީ މޮޅުވީ އެންމެ މެޗަކުންނެވެ. މިއީ ފީފާ ކްލަބު ވޯލްޑް ކަޕްގައި ބައިވެރިވުމަށް ސައުދީ އަރަބިއްޔާ އަށް ފުރުމުގެ ކުރިން ލީގުގައި ސިޓީ ކުޅުނު ފަހު މެޗެވެ.
މި ނަތީޖާއާ އެކު ސިޓީ އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ސިޓީ އޮތީ ތާވަލްގެ އެއް ވަނައިގައި އޮތް ލިވަޕޫލަށްވުރެ ތިން ޕޮއިންޓް ފަހަތުގަ އެވެ. ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓަޑާ ދެކޮޅަށް ލިވަޕޫލް ނުކުންނާނެ އެވެ.
މެޗަށް ފަހު ވާހަކަދައްކަމުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ ސިޓީ އަށް މޮޅެއް ހައްގު މެޗެއް ނޫން ކަމަށެވެ.
"މި މެޗުގައިވެސް އަހަރަމެން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު މިއަދުވެސް ކޮންމެ ވެސް ސަބަބުތަކަކާހެދި މޮޅަކާއެކު މެޗު ނިންމާނުލެވުނު. މިއީ އަހަރަމެން މޮޅުވާން ހައްގު މެޗެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
"ނަސީބު ދެރަވެގެނެއް ނޫން މި މެޗު ގެއްލުނީ. ފަހު ވަގުތު އިދިކޮޅު ޓީމަށް ލިބުނީ ޕެނަލްޓީއެއް. އެހެންވީމަ އަހަރަމެން މި ނަތީޖާގެ ޒިންމާ ނަގަންޖެހޭ."
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން އާއި ބޯންމަތު ބައްދަލުކުރި މެޗުގެ ދެ ވަނަ ހާފުގައި ލޫޓަންގެ ކެޕްޓަން ޓޮމް ލޮކްޔާ އަށް ކާޑިއެކް އެރެސްޓެއް ކުރިމަތިވެ، އެނާ ދަނޑު މައްޗަށް ވެއްޓުމާ އެކު އެ މެޗުގެ ކުޅުން ވަނީ މެދުކަނޑާލައިފަ އެވެ. މެޗުގެ ކުޅުން މެދުކަނޑާލިއިރު، ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ލޮކްޔާގެ ހާލު ރަނގަޅު ކަމަށް ލޫޓަން އިން ވަނީ ފަހުން ބުނެފަ އެވެ.
ތާވަލްގެ ފުލުގައި އޮތް ޝެފީލްޑް ޔުނައިޓަޑް އަތުން ޗެލްސީ މޮޅުވީ 2-0 އިންނެވެ. މިއީ މި ސީޒަންގެ ޕްރިމިއާ ލީގުގައި ޗެލްސީ އަމިއްލަ ދަނޑުގައި މޮޅުވި ތިން ވަނަ މެޗެވެ.
Comment