Advertisement

ވައުދާ އެއްގޮތަށް ފައިސާ ޗާޕު ކުރުން މިހާރު ވާނީ ހުއްޓާލާފައި: ރައީސް

16 ޑިސެންބަރު 2023 - 22:59 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައީސް ޑރ މުހައްމަދު މުއިއްޒު، ޕަބްލިކް ބޭންކު އެކައުންޓުން ފައިސާ އޯވަ ޑުރޯ ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުން ނުވާކަން ފިނޭންސް މިނިސްޓްރީން ވަނީ މަޖިލީހަށް އަންގާފައި


ވައުދާ އެއްގޮތަށް ފައިސާ ޗާޕު ކުރުން މިހާރު ވާނީ ހުއްޓާލާފައި: ރައީސް

16 ޑިސެންބަރު 2023 - 22:59 0

މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ހުރަވީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފުރަތަމަ ހަތަރު ހަފްތާ ތެރޭގައި ސަރުކާރުން ކުރުމަށް ނިންމި ކަންކަން، ނިމިފައިވާކަން ފާހަގަކުރެއްވި އެވެ. އަދި ހަފްތާ 14 ގެ ތެރޭގައި ހިމަނައި، ކުރަން ނިންމާފައިވާ ކަންކަން ވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކައިގައި އެމަނިކުފާނުގެ ވައުދާ އެއްގޮތަށް ފައިސާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވި އެވެ. ފައިސާ ޗާޕު ކުރުން ހުއްޓާލުމަކީ ދައުލަތަށް ދިމާވެފައިވާ މާލީ އެތައް މައްސަލައެއްގެ ހައްލުގެ ގޮތުގައި މީގެ ކުރިން ވެސް ރައީސާއި ސަރުކާރުގެ އިސްވެރިން ވިދާޅުވެފައިވެ އެވެ.

"ފައިސާ ޗާޕުކުރުން ހުއްޓާލާނެކަން އެއީ ވެސް އަޅުގަނޑުވީ ވައުދެއް. އަޅުގަނޑުމެން ސަރުކާރު ހިންގަން ފެށުމާއެކު ދައުލަތުން ފައިސާ ޗާޕުކުރުން ހުއްޓައިލައިފިން،" ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ހަފްތާ 14 ގެ ވައުދުތަކަށް އަލިއަޅުއްވާލައްވައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށަށް، މަސްވެރިންނަށް ވެފައިވާ ވައުދުތައް ފެތޭކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފަށައި، މަސްވެރިންނަށް ބަސް ބުނެވޭ ގޮތަށް، ދައުލަތުގެ ކުންފުންޏަކަށް މިފްކޯ ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފައިސާ ޗާޕުކުރުން ނުތަވަ ޕަބްލިކް ބޭންކު އެކައުންޓުން ފައިސާ އޯވަ ޑުރޯ ކުރުމަށް ދިން ހުއްދައިގެ މުއްދަތު އިތުރުކުރަން ބޭނުން ނުވާކަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ރައްޔިތުންގެ މަޖިލީހަށް ވެސް މިހާރު ވަނީ އަންގާފަ އެވެ.

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭ މިންވަރު އޮންނަނީ ލިމިޓުކޮށްފަ އެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަމާއި ގުޅިގެން ސަރުކާރުން އެދިގެން، 2020 ވަނަ އަހަރުގެ އޭޕްރީލް އިން ފެށިގެން ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގާނޫނުގައިވާ މިކަމާ ގުޅޭ މާއްދާއަށް އަމަލުކުރުން ވަކި މުއްދަތަކަށް އިސްތިސްނާކޮށްފަ އެވެ. އެ މުއްދަތު ހަމަވާނީ މި އަހަރުގެ ނިޔަލަށެވެ.

ފިނޭންސް މިނިސްޓަރު، މަޖިލީހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންނެވީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގައި ބަޔާންކުރާ ފަދަ ހާލަތެއް މިހާރު ނެތުމުން އެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ. ރ. އަދި ބ. އަށް ގެނެވުނު އިސްތިސްނާކުރުން ޖެނުއަރީ 1، 2024 އިން ފެށިގެން ނިމުމަކަށް ގެނެސް އެ ގާނޫނު ފުރިހަމައަށް އިއާދަކުރުމަށެވެ.

އިސްތިސްނާ މުއްދަތު ހަމަވާއިރު ދައުލަތުގެ ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯވެފައިވާ މިންވަރު ސެކިއުރަޓައިޒްކޮށް ދިގު މުއްދަތުގެ ބޮންޑަކަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.

ކޮވިޑާ އެކު 2020 ވަނަ އަހަރުން ފެށިގެން ސަރުކާރުން ފައިސާ ޗާޕްކުރަން ފެށި ފަހުން 4.4 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެ އެވެ.