15 ޑިސެންބަރު 2023 - 05:13 0
ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ލީގު ބުރުގައި އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
15 ޑިސެންބަރު 2023 - 05:13 0
ދިހަ ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އޮރިކްސް ހޭންޑްބޯޅަ ކުލަބާއި ރެޑްހޯކްސް ސްޕޯޓްސް ކުލަބު ޖާގަ ހޯދައިފި އެވެ.
މި ދިޔަ މަހުގެ 25 ވަނަ ދުވަހު ފެށި މުބާރާތުގެ ފުރަތަމަ ބުރުގައި ބާކީ އޮތީ ތިން މެޗެވެ. އެއީ ފިރިހެން ބައިގެ ތިން މެޗެވެ. އަންހެން ބައިގެ ފުރަތަމަ ބުރުގެ މެޗުތައް ނިމުނުއިރު، ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ވާދަކުރާ ދެ ޓީމާއި، ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލުގައި ވާދަކުރާ ޓީމުތައް ވަނީ ކަށަވަރުވެފަ އެވެ.
ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ފައިނަލުގައި ޗެމްޕިއަން އޮރިކްސް ނުކުންނާނީ ރެޑްހޯކްސްއާ ދެކޮޅަށެވެ. ލީގު ބުރުގައި މި ދެ ޓީމުން ދެ ފަހަރެއްގެ މަތިން ކުޅުނެވެ. މި ގޮތުން ފުރަތަމަ މެޗުގައި ރެޑްހޯކްސް އިން 23-16 އިން އޮރިކްސް ބަލިކުރިއިރު، ދެ ވަނަ މެޗުގައި 15-19 އިން އޮރިކްސް ވަނީ މޮޅުވެފަ އެވެ.
އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރާ ފައިނަލް އޮންނާނީ މި މަހު 20 ވަނަ ދުވަހު އެވެ.
އަންހެން ބައިގެ ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލަށް ބަލާއިރު، ގްރޫޕް އެކެއްގެ އެއް ވަނަ ހޯދި ތުޅާދޫ ޔަންގް އީގަލްސް ސްޕޯޓްސް ނުކުންނާނީ ޒެނިތު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. ސޯޅަ ޓީމު ވާދަކުރި ދެ ވަނަ ޑިވިޝަންގެ ގްރޫޕް ދޭއްގެ އެއް ވަނަ ހޯދީ ސުޕަ ޖެނެރޭޝަން ކުލަބެވެ. އެ ޓީމު ކުއާޓާގައި ނުކުންނާނީ ބޮންތި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލް ތިން ވަނަ މެޗުގައި ކުލަބު ޒެފްރޯލް ނުކުންނާނީ ހޯކެޓްސްއާ ދެކޮޅަށެވެ. އަދި ކުއާޓަ ފައިނަލް ފަހު މެޗުގައި ޔޫތު ސްޕޯޓްސް ކުލަބު ނުކުންނާނީ ޕްރޯ ސްޕޯޓްސް އެކަޑެމީއާ ދެކޮޅަށެވެ.
ކުއާޓާ ފައިނަލް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހުގަ އެވެ.
މުބާރާތުގެ ފިރިހެން ބަޔަށް ބަލާއިރު، ޓެންޓް ސްޕޯޓްސް ކުލަބުން ވަނީ ގްރޫޕް އެކެއްގެ އެއް ވަަނަ ޔަގީންކޮށް ސެމީގެ ޖާގައެއް ހޯދައިފަ އެވެ. މި ގްރޫޕުން ސެމީގެ ޖާގަ ލިބޭ ދެ ވަނަ ޓީމު ޔަގީން ވާނީ ފަހު މެޗުގައި ބޮންތި އާއި ސީންސް ސްޕޯޓްސް ކުލަބު ވާދަކުރާ މެޗުގެ ނަތީޖާއިންނެވެ.
ގްރޫޕް ދޭކުން ސެމީގެ ޖާގަ ޔަގީންކޮށްފައިވަނީ ފިއޮންތި ސްޕޯޓްސް ކުލަބާއި، ފްލައިން އީގަލްސް ސްޕޯޓްސް ކުލަބެވެ.
މުބާރާތުގެ ކުރިއަށް ހުރި މެޗުތައް ކުޅޭނެ ދުވަސްތައް އިއުލާންކޮށްފައިވި ނަމަވެސް މި ދުވަސްވަރު މާލެ ސަރަހައްދަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން މުބާރާތުގެ މެޗުތައް އެތަށް ފަހަރަކު ވަނީ ލަސްކޮށްފަ އެވެ. ވާރޭވެހި ކޯޓުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ މެޗުތަކެއް ފަސްކޮށް މުބާރާތް ވަނީ ދިގުލައިގެންގޮސްފަ އެވެ.
Comment