13 ޑިސެންބަރު 2023 - 15:40 0
އަމަން ހަލީމް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ވިނަރެސް ފްލެޓުތައް: އެޗްޑީސީގެ ލޯން ޕްރޮފައިލްގެ ބޮޑު ބަޔަކީ ދެވަނަ ފިޔަވަހި ތަރައްގީކުރަން ނަގާފައިވާ ލޯނުތައް -- ފޮޓޯ/އަބްދުﷲ އިޔާން
13 ޑިސެންބަރު 2023 - 15:40 0
ދައުލަތުގެ އާމްދަނީ އިތުރުކުރުމަށާއި ދަރަނި އަދާކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ފައިސާ އިންވެސްޓު ކުރުމަށް އުފައްދާފައިވާ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް)އިން އާބަންކޯއަށް 252 މިލިއަން ރުފިޔާގެ ލޯނެއް ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާކަން އެނގިއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ފިނޭންސްގައި އެދިގެން "އަދަދު"ން ހޯދި މައުލޫމާތުގައިވާ ގޮތުގައި މިދިޔަ އޮގަސްޓުގެ ނިޔަލަށް އެސްޑީއެފްގައި ހުރީ 7.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ފައިސާއިން ޖަމާކޮށްފައިވާ 2.6 ބިލިއަން ރުފިޔާ އާއި ބޭރު ފައިސާއިން ޖަމާކުރި 299 މިލިއަން ޑޮލަރު (4.6 ބިލިއަން ރުފިޔާ) އެވެ.
ފަންޑަށް ޖަމާކުރި ފައިސާގެ ތެރެއިން ބޮޑު ބަޔެއް ހުރީ ދައުލަތުގެ ދިވެހި ރުފިޔާ އާއި އެމެރިކާ ޑޮލަރުގެ ޓީ-ބިލުތަކަށް އިންވެސްޓުކޮށްފަ އެވެ. އިންވެސްޓު ކުރި ފައިސާގެ ބާކީ ހުރީ ދިވެހި ރުފިޔާ އަދި ޑޮލަރުގެ ފިކްސްޑް ޑިޕޮސިޓު އެކައުންޓުތަކުގަ އެވެ.
އިންވެސްޓްމަންޓުތަކުގެ އިތުރުން އެސްޑީއެފް ފަންޑުން ފައިސާއެއް ބޭނުންކޮށްފައި ހުރީ އާބަންކޯއަށް ދޫކުރި ލޯނަށެވެ. މިއީ ކޮން ބޭނުމެއްގައި ދޫކުރި ލޯނެއް ކަމެއް ނޭނގެ އެވެ. މި ސުވާލު ފިނޭންސް މިނިސްޓްރީއާ ކުރުމުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރު އައިކު އަހުމަދު އީސާ ވިދާޅުވީ ލޯނާ ބެހޭ އިތުރު ތަފްސީލު ހޯދުމަށް ފަހު ހިއްސާކުރެވެން ހުރި މައުލޫމާތެއް ހިއްސާ ކުރާނެ ކަމަށެވެ.
އެސްޑީއެފްއިން އާބަންކޯއަށް ލޯނެއް ދޫކޮށްފައިވާއިރު އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، ދައުލަތުން ގެރެންޓި ދީގެން އެމްއައިބީން 200 މިލިއަން ރުފިޔާގެ ލޯނު ނަގާފައިވާ ކަން ވަނީ ހާމަވެފަ އެވެ. މި ލޯނުތައް ނެގީ އެ ކުންފުނީގެ ވޯކިން ކެޕިޓަލް ހަމަޖެއްސުމަށެވެ.
އާބަންކޯއަކީ މިހާރު ވެސް ދައުލަތުގެ ކުންފުނިތަކުގެ ތެރެއިން ދަރަނީގެ ހިރާސް އެންމެ ބޮޑު އެއް ކުންފުންޏެވެ. އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރަން ނަގާފައިވާ ލޯނުތަކެވެ. އެންމެ ބޮޑު ލޯނަކީ އިންޓަނޭޝަނަލް ކޮމާޝަލް ބޭންކް އޮފް ޗައިނާއިން ހިޔާ ފްލެޓުތައް ތަރައްގީކުރަން ނަގާފައިވާ ލޯނެވެ.
Comment