މިލާން (ޑިސެމްބަރު 13) - އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރު ޖިއޯޖިއޯ ކިއޭލީނީ ކުޅުން ހުއްޓާލައިފި އެވެ.
ޔުވެންޓަސް އާޢި އިޓަލީގެ ގައުމީ ޓީމަށް ގިނަ އަހަރުތަކަކަށް ކުޅުނު ކިއޭލީނީ، 39، ކުޅުން ހުއްޓާލަން ނިންމިއިިރު، 23 އަހަރުގެ ދިގު ކެރިއަރުގައި އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
ކިއޭލީނީ ކުޅުން ހުއްޓާލިއިރު އޭނާ އެންމެ ފަހުން ކުޅުނީ އެމެރިކާގެ ލޮސް އެންޖަލިސް އެފްސީ އަށެވެ. އެ ޓީމަށް އޭނާ ކުޅުނު އެންމެ ފަހު މެޗަކީ ހޮނިހިރި ދުވަހު އެމްއެލްއެސް ކަޕްގެ ފައިނަލެވެ. ފައިނަލްގައި ލޮސް އެންޖަލިސް އެފްސީ ވަނީ ކޮލަމްބަސް ކްރޫ އަތުން ބަލިވެފަ އެވެ.
ފަހު ތާރީހުގައި އުފެދުނު އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކިއެލީނީގެ ކެރިއަރުގެ ބޮޑު ބައެއް ހޭދަކުރީ ޔުވެންޓަސްގަ އެވެ.
ޔުވެންޓަސް އަށް 2005 ވަނަ އަހަރު ގުޅުނު ކިއެލީނީ ވަނީ 2012 އިން 2020 އަށް އެ ކްލަބާ އެކު ޖެހިޖެހިގެން ނުވަ ފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށްފަ އެވެ.
އިޓަލީގެ ގައުމީ ޓީމުން 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކުރީ ކިއެލީނީގެ ކެޕްޓަންކަމުގެ ދަށުންނެވެ. އިޓާލީގެ ގައުމީ ޓީމަށް 117 މެޗު ކުޅުމަށް ފަހު، ކިއޭލީނީ ގަައުމީ ޓީމަށް ކުޅުން ހުއްޓާލީ މިިދިޔަ އަހަރުގެ ތެރޭގަ އެވެ.
Comment