Advertisement

ބެންޒެމާ އަށް ކްލަބް ވޯލްޑް ކަޕްގައި ރެކޯޑެއް

13 ޑިސެންބަރު 2023 - 09:19 0

ގޯލު ޖެހުމަށް ފަހު ބެންޒެމާ އުފާފާޅުކުރަނީ.


ބެންޒެމާ އަށް ކްލަބް ވޯލްޑް ކަޕްގައި ރެކޯޑެއް

13 ޑިސެންބަރު 2023 - 09:19 0

ޖިިއްދާ، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 13) - ފީފާ ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގައި އޮސްޓްރޭލިއާގެ އޯކްލޭންޑް ސިޓީ އަތުން 3-0 އިން މޮޅުވި، މެޗުގައި ގޯލު ޖަހައި އަލް އިއްތިހާދުގެ ފޯވާޑް، ކަރީމް ބެންޒެމާ މުބާރާތުގެ ތާރީހުގައި ހާއްސަ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ރޭގެ މެޗުގައި ބެންޒެމާ ޖެހި ގޯލާ އެކު، އޭނާ ވެފައިވަނީ ފީފާ ކްލަބް ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

މީގެ ކުރިން ބެންޒެމާ ވަނީ ތިން ކްލަބް ވޯލްޑް ކަޕެއްގައި ގޯލު ޖަހައިފަ އެވެ. އަދި ރެއާލާ އެކު މި މުބާރާތުގެ ތަށި ފަސް ފަހަރެއްގެ މަތިން ކާމިޔާބުކުރި އެވެ. އެއީ، 2014، 2016، 2017، 2018 އަދި 2022 ވަނަ އަހަރު އެވެ.

އަލް އިއްތިހާދުގެ ކެޕްޓަންކަން ކުރަމުން އަންނަ ބެންޒެމާގެ އިތުރުން އެ ޓީމުގެ އަނެއް ގޯލުތައް ޖެހީ ރޮމަރީނިއޯ އާއި އެންގޯލޯ ކާންޓޭ އެވެ.

އަންނަ ހުކުރު ދުވަހު، ކްލަބް ވޯލްޑް ކަޕްގެ ދެ ވަނަ ބުރުގައި އަލް އިއްތިހާދުން ކުޅޭނީ އެފްރިކާގެ ޗެމްޕިއަން، މިސްރުގެ އަލް އަހްލީއާ އެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި ކުޅެން ޖެހޭނީ ދެކުނު އެމެރިކާގެ ޗެމްޕިއަން، ބްރެޒިލްގެ ފްލުމިނެންސޭއާ އެވެ.

ޔޫރަޕްގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީން، ކްލަބް ވޯލްޑް ކަޕްގައި ކުޅެން ޖެހެނީ ސެމީ ފައިނަލާ ހަމައިންނެވެ. ސެމީގައި އެ ޓީމު ބައްދަލުކުރަން ޖެހެނީ ދެ ވަނަ ބުރުގައި މެކްސިކޯގެ ލެއޯން އާއި ޖަޕާންގެ އުރާވާ ރެޑްސް ކުޅެގެން މޮޅުވާ ޓީމަކާ އެވެ.