Advertisement

ސަރުކާރާ މެދު ހިތްހަމަނުޖެހި ރ އަތޮޅު ކައުންސިލް ރައީސް ނާސިފް ޕީޕީއެމްއިން ވަކިވެއްޖެ

11 ޑިސެންބަރު 2023 - 22:42 5

އަމަން ހަލީމް

އަމަން ހަލީމް


ސަރުކާރާ މެދު ހިތްހަމަނުޖެހި ރ އަތޮޅު ކައުންސިލް ރައީސް ނާސިފް ޕީޕީއެމްއިން ވަކިވެއްޖެ

11 ޑިސެންބަރު 2023 - 22:42 5

މިހާރުގެ ސަރުކާރުން ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފުވެ، އެ ޕާޓިން ގަބޫލުކުރާ ހަމަތަކާ ބީރައްޓެހި ވެފައިވާ ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ ސެނެޓު މެމްބަރު ކަމުންނާއި ޕާޓީގެ މެމްބަރުކަމުން ރ. އަތޮޅު ކައުންސިލުގެ ރައީސް ހުސެއިން ނާސިފް އިއްޔެ އިސްތިއުފާ ދީފި އެވެ.

ޕީޕީއެމްއިން ވަކިވިކަން އަންގައި އެއް ޖުމްލައިން ނާސިފް ލިޔުއްވާފައިވާ ސިޓީގައި، މި ސަރުކާރުން ވައުދުވެ މިހާތަނަށް ނުވެވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައި ވެ އެވެ. އޭގެ ތެރޭގައި ރައީސް ޔާމީން މިނިވަންކުރުމާއި ކުރީ ސަރުކާރުން އިންޑިއާއާ އެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރުމާއި އިންޑިއާ ސިފައިން ބޭލުމުގެ މައްސަލަ ހިމެނެ އެވެ. އަދި މިއީ ސަރުކާރާ ހަވާލުވާތާ ފުރަތަމަ ދުވަހުގެ ތެރޭގައި ކުރާނެ ކަންކަން ކަމުގައި ވެސް ނާސިފް ސިޓީގައި ލިޔުއްވި އެވެ.

އެހެން ނަމަވެސް މި ސަރުކާރުގެ ސިޔާސަތުތައް ތަރުތީބުވަމުންދާ ގޮތަށް ބަލާއިރު، ފެންނަނީ ތަފާތު ބަހަނާތައް އުފަންކޮށް ރައްޔިތުން ކުރި އުއްމީދުތަކަށް ފުރަގަސްދީފައިވާ ކަމަށް ނާސިފް ވިދާޅުވި އެވެ.

މިހާރު ފެންނަމުންދަނީ "އިހުނަށްވުރެ ބޮޑަށް ހަރާބުގެ މަގު އިހުތިޔާރު ކުރަމުންދާ މަންޒަރު ކަމަށް ގަބޫލު ކުރެވި" އެފަދަ ސިޔާސަތުތަކަށް ނިސްބަތްވާ ޕާޓީއެއްގައި ހުންނަން ބޭޏުން ނުވާތީ އެ ޕާޓީން އިސްތިއުފާ ދިނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި ސަރުކާރަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި، މިހާރުގެ ސަރުކާރާ މެދު އެންމެ ނުތަނަވަސްކަން ބޮޑުވެގެން އުޅެނީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ކުރީގެ ލީޑަރު އަދި ޕީއެންސީގެ ބާނީ އަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވަ އެވެ.

ޔާމީން ވަނީ މި ސަރުކާރަށް ހަފުތާއެއް ނުވަނީސް ޕީޕީއެމްއާ ވަކިވެ، ޕީޕަލްސް ނޭޝަނަލް ފްރަންޓުގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ޔާމީންގެ އާ ޕާޓިއާ ނާސިފް ގުޅިވަޑައިގަތުމާ މެދު ގޮތެއް ނުނިންމަވާ ކަމަށް ވެސް ނާސިފް ވިދާޅުވި އެވެ.