Advertisement

45 ރަށެއްގައި ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ގެންނަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި

11 ޑިސެންބަރު 2023 - 17:58 1

އަމަން ހަލީމް

އަމަން ހަލީމް

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް (ވ-2) ކުނި މެނޭޖުކުރާ ސާމާނު ގެންނަން އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި: މި ސާމާނުތައް ގެންނަނީ ކުނި މެނޭޖުކުރާ މަރުކަޒުތައް ހުރި ރަށްރަށާއި މުސްތަގުބަލުގައި ހުންނާނެ ރަށްތަކަށް -- ފޮޓޯ/އެންވަޔަރަމަންޓް މިނިސްޓްރީ


45 ރަށެއްގައި ކުނި މެނޭޖުކުރަން ބޭނުންވާ ސާމާނު ގެންނަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި

11 ޑިސެންބަރު 2023 - 17:58 1

ހަތަރު އަތޮޅެއްގެ 45 ރަށަކަށް ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް ބޭނުންކުރާނެ އިކުއިޕްމަންޓް ފޯރުކޮށްދިނުމުގެ މަސައްކަތް އިންޑިއާގެ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެންވަޔަރަމަންޓް މިިނިސްޓްރީން ބުނި ގޮތުގައި ކުނި މެނޭޖުކުރާ ސާމާނު ގެންނަނީ ނ، ރ، ބ އަދި ޅ އަތޮޅުގެ ރަށްތަކެވެ. މިއީ ވާލްޑް ބޭންކުގެ ހިލޭ އެހީގައި މިނިސްޓްރީން ހިންގަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަންޓް ޕްރޮޖެކްޓުގެ ތެރެއިން ހަރަދުކޮށްގެން ކުރާ މަސައްކަތެކެވެ.

ލަކީ ގްލޯބަލްއާ ހަވާލުކުރީ 12.9 މިލިއަން ރުފިޔާގެ އަގުހުރި ސާމާނު ގެނައުމަށެވެ. އެގޮތުން ގެންނަ ސާމާނުތަކުގެ ތެރޭގައި ކުނި ބަންދުކުރަން ބޭނުންކުރާ ބޭލަރާއި ސްޓްރެޕިން ޓޫލާއި ބިއްލޫރި ފުޅި މުގުރާ ބޮޓްލް ކްރަޝާ އާއި ކުނި އުފުލަން ބޭނުންކުރާ ހޭންޑް ޓްރަކް ޓްރޮލީ އާއި ހައިޑްރޯލިކް ހޭންޑް ޕެލެތް ޓްރަކް ފަދަ އާލާތްތައް ހިމެނެ އެވެ.

އެ ތަކެތި ފޯރުކޮށްދޭން އެ ކުންފުންޏަށް ދީފައި ވަނީ ހަތަރު މަހުގެ މުހުލަތެކެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ދެއްކަވި ވާހަކައިގައި، އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ވިދާޅުވީ މިއީ ރާއްޖެއަށް މުހިންމު މަޝްރޫއެއް ކަމަށާއި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި އިސްކަން ދެއްވާފައިވާ ދާއިރާއެއް ކަމަށެވެ.

ކުނި މެނޭޖުކުރާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ކުނި މެނޭޖުކުރާނެ މަރުކަޒެއް ހުރި ރަށްތަކާއި އެފަދަ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ނޫނީ އަޕްގްރޭޑު ކުރުމުގެ މަސައްކަތް ކުރެވެމުންދާ ނުވަތަ ބީލަން މަރުހަލާގައި ހުރި ތަންތަނެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އުއްމީދަކީ ކުނި މެނޭޖުކުރާ މަރުކަޒުތަކާއި އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދޭން ކުރަމުންދާ މަސައްކަތްތައް ނިމިގެންދާއިރު، ރަށްރަށުގައި ރަށުފެންވަރުގައި ދެމެހެއްޓެނިވި ސިފައެއްގައި ކުންޏާއި ވަސީލަތް މެނޭޖުކުރުމުގެ ގާބިލުކަން ލިބިފައިވާ ރަށްތަކަށް ވުން ކަމަށެވެ.

އޭގެ އިތުރުން މި އާލަތްތައް ގެނެވުމުން، ރަށުގައި އުފެދޭ ކުނިތައް އެކަށީގެންވާ ނިޒާމެއްގެ ދަށުން ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒަށް ގެނެއުމުގެ މަސައްކަތައް އެހީތެރިވެދީ، ގިނަ އަދަދެއްގެ ދަގަނޑު، ޕްލާސްޓިކު އަދި ކަރުދާސް ފަދަ ކުނިތައް ބޭލްކޮށް، ވޮލިއުމް މަދުކޮށް، ރަށުން ބޭރުކުރެވެންދެން ރައްކާކޮށް ބެހެއްޓުމުގެ ގާބިލުކަން ލިބި ބިއްލޫރި ފުޅި ފަދަ ކުނިތައް މެޝިނުން މުގުރާ އެހެނިހެން ކަންކަމަށް އެ ބޭނުންކުރުމުގެ މަގުވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ކުނި މެނޭޖުކުރާ ނިޒާމު ވަށާޖެއްސުމުގެ ގޮތުން އެންވަޔަރަމަންޓް މިނިސްޓްރީން އަންނަނީ ރަށްރަށުގައި އުފެދޭ ކުނި އުފުލުމަށް ބޭނުންވާ އުޅަނދުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިނިސްޓްރީން ބުނި ގޮތުގައި މި މަސައްކަތް ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް އުޅަނދުތައް ފޯރުކޮށްދެވިގެންދާނެ އެވެ.