Advertisement

ސިޓީން ހާސްކަން ފިލުވާލައިފި، ޗެލްސީ ގުޑައެއްނުލި

10 ޑިސެންބަރު 2023 - 21:17 0

ލޫޓަން ކޮޅަށް ގޯލު ޖެހުމަށް ފަހު ސިޓީ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ސިޓީން ހާސްކަން ފިލުވާލައިފި، ޗެލްސީ ގުޑައެއްނުލި

10 ޑިސެންބަރު 2023 - 21:17 0

ލަންޑަން (ޑިސެމްބަރު 10) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހަތުން އަރައި 2-1 އިން ލޫޓަން ޓައުން ބަލިކޮށް މެންޗެސްޓާ ސިޓީން ޕްރެޝަރު ދަނޑިވަޅަކުން އަރައިގަތްއިރު، އެވަޓަން އަތުން 2-0 އިން ބަލިވެ، ޗެލްސީ އަށް އިތުރު ޕްރެޝަރުތަކެއް ކުރިމަތިވެއްޖެ އެވެ.

މިރޭގެ މެޗާ ކުރިމަތިލިއިރު، ސިޓީން ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ނުލިބެ އެވެ. އެކަމަކު، ލޫޓަން އަތުން މޮޅުވެ، ސިޓީ ލީގުގެ އެއް ވަނައިގައި އޮތް ލިވަޕޫލާ މެދު އޮތް ފަރަގު ވަނީ ކުޑަކޮށްފަ އެވެ. ލިވަޕޫލް، ލީގުގެ އެއް ވަނައިގައި އޮތީ 16 މެޗުން 37 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާސެނަލަށް 16 މެޗުން 36 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އެސްޓަން ވިލާ އޮތީ 16 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ސިޓީގެ އޮތީ ހަތަރެއްގައި، 16 މެޗުން 33 ޕޮއިންޓް ހޯދައިގެންނެވެ.

އަމިއްލަ ދަނޑުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ލޫޓަން އިން ވަނީ ސިޓީ ކައިރިން ވެސް ލީޑުނަގައިފަ އެވެ. އެގޮތުން، މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީ ކޮޅަށް ލޫޓަންގެ ގޯލު ޖަހައިދިނީ އެލައިޖާ އަޑެބާޔޯ އެވެ.

އަނިޔާގެ ސަބަބުން ސިޓީގެ އެއް ވަނަ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ނުލައި އެ ޓީމުން ކުޅުނު މި މެޗުގައި އެ ޓީމު މޮޅުވީ ތިން މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. ސިޓީން އެއްވަރުކުރީ 62 ވަނަ މިނިޓްގައި ބެނާޑޯ ސިލްވާ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ޖެކް ގްރީލިޝް ވަނީ ގޯލެއް ޖަަހައި ސިޓީ އަށް ލީޑުނަގައިދީފަ އެވެ.

ޗެލްސީ ބަލިކޮށް، އެވަޓަން އިން 2021 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މި ވަނީ ލީގުގައި ޖެހިޖެހިގެން ތިން މޮޅު ހަމަކޮށްފަ އެވެ. އަނެއްކޮޅުން މިއީ، މި ފަހަރު ލީގުގައި ޗެލްސީ ބަލިވި ހަތް ވަނަ މެޗެވެ. ޗެލްސީ މި ވަގުތު އޮތީ ލީގުގެ 12 ވަނައިގަ އެވެ. އެއީ 16 މެޗުން 19 ޕޮއިންޓް ހޯދައިގެންނެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެގެން، 10 ޕޮއިންޓް އުނިކުރި ނަމަވެސް އެވަޓަން އިން މި ވަނީ ފަސް ބެލުމެއްނެތި ކުރިއަށް އަމާޒުހިފައިފަ އެވެ. މި ވަގުތު އެ ޓީމު އޮތީ 16 މެޗުން 13 ޕޮޮއިންޓާ އެކު 17 ވަނައިގަ އެވެ.

ލީގުގައި މިރޭ ފުލަމް އިން ވަނީ އަމިއްލަ ދަނޑުގައި 5-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެެވެ.