9 ޑިސެންބަރު 2023 - 08:54 0
އަޒްލިފާ އަބްދުﷲ
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ފޮތް -- ފޮޓޯ: އަދަދު
9 ޑިސެންބަރު 2023 - 08:54 0
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުން ކުރިއަށް ދިޔައިރު ވެސް މިނިވަން މުއައްސަސާތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ކުރިއެކޭ އެއްފަދައިން އެއް ވާހަކަ އެކެވެ. ޒިންމާ އަދާކުރުމަށް ބަޖެޓުން ނުފުދުމެވެ. އެހެން މިފަހަރު ބަޖެޓު ކޮމިޓީން ވަނީ އެހެން އަހަރުތަކަށް ވުރެ ދީލަތިވެ، ބައެއް މުއައްސަސާތަކަށް ބަޖެޓު ބޮޑުކޮށްދީފަ އެެވެ.
އެ ބަދަލުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓަރީ ސާވިސްގެ މުވައްޒަފުންނަށް ހާއްސަ އެލަވަންސްއެއްގެ ގޮތުގައި އަސާސީ މުސާރައިގެ 20 ޕަސެންޓު އެލަވަންސެއްގެ ގޮތުގައި ދިނުމަށް 4.7 މިލިއަން ރުފިޔާ އިތުރުކުރި އެވެ. އަދި މުވައްޒަފުންނަށް މަތީ ތައުލީމުގެ އެލަވަންސް ދިނުމަށް 508،200ރ. އާއި މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދިނުމަށް 685،000ރ. ވެސް ހިމެނާފައިވެ އެވެ.
މަޖިލީހުގެ ބަޖެޓަށް ކޮމިޓީން ގެނައި އެހެން ބަދަލުތަކާއެކު ޖުމުލަ ބަޖެޓު 207.2 މިލިއަން ރުފިޔާ އަށް އަރަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް އިތުރުކޮށްދީފައި ވަނީ ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލުކުރުމަށް 15 މިލިއަން ރުފިޔާ އާއި ހައިކޯޓު ޕެރަލީގަލް މަސައްކަތަށް 2.2 މިލިއަން ރުފިޔާ އަދި މަދަނީ އިޖުރާއަތުގެ ކޯޑު ތަންފީޒުކުރަން 500،000ރ. އެވެ. އެ ބަދަލުތަކާއެކު ޑީޖޭއޭގެ ބަޖެޓު 585.8 މިލިއަން ރުފިޔާ އަށް އިތުރުވެ އެވެ.
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު ހުޅުމާލެ އަށް ބަދަލުކުރަން ނިންމީ، އެ ކޯޓު މިހާރު ހިންގަމުންދާ އިމާރާތް ބާއްވެ، ވާރޭ ވެހޭ ދުވަސްތަކުގައި ކޯޓުގެ އިމާރާތުގެ ތެރެއިން ފެން ވަދެ ތަކެއްޗަށް ގެއްލުންވާން ފަށާފައި ވަނިކޮށެވެ. އަދި ޖާގައިގެ ދަތިކަމުގެ ސަބަބުންނެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 1.6 މިލިއަން ރުފިޔާ އިތުރުކޮށްދީފައި ވާއިރު، އެ ބަޖެޓުގެ ބޮޑުބަޔަކަށް އޮތީ މުވައްޒަފުންނަށް އަލަށް ލިވިން އެލަވަންސް ދިނުމެވެ. އަންނަ އަހަރު އެ އޮފީހުގެ ބަޖެޓު 7.4 މިލިއަން ރުފިޔާ އަށް ވަނީ ބޮޑުވެފަ އެވެ.
ސިވިލް ސާވިސް ސާވިސްގެ ތަފާސްހިސާބު ޑޭޓާބޭސްއެއް ގާއިމުކުރުމަށާއި ހައިބްރިޑް އެޑްވާންސް ޓްރޭނިން ދިނުމަށް އެ އޮފީހުގެ ބަޖެޓަށް އެއް މިލިއަން ރުފިޔާ އިތުރުކޮށްދީފައިވާއިރު، ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް 980،183 ރުފިޔާ އިތުރުކޮށްދިނެވެ.
މި ފައިސާގެ އިތުރުން މޮރިޝަސް ކަނޑުގެ މައްސަލަ އަލުން ހުށަހެޅުމަށްޓަކައި ކުރަންޖެހޭ ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ ވެސް ހިމަނާފައިވެ އެވެ.
އަންނަ އަހަރުގެ ބަޖެޓަށް މަޖިލީހުގެ ބަޖެޓު ކޮމިޓީން ގެނައި ބަދަލުތަކާއެކު 306 މިލިއަން ރުފިޔާ އިތުރުވެ، ޖުމުލަ ބަޖެޓު 49.5 ބިލިއަން ރުފިޔާއިން 49.8 ބިލިއަން ރުފިޔާ އަށް ވަނީ އިތުރުވެފަ އެވެ.
Comment