Advertisement

ވެސްޓް ހޭމް އިން ޓޮޓެންހަމް ބަލިކޮށްފި، އެވަޓަން އަށް ބޮޑު މޮޅެއް

8 ޑިސެންބަރު 2023 - 09:41 0


ވެސްޓް ހޭމް އިން ޓޮޓެންހަމް ބަލިކޮށްފި، އެވަޓަން އަށް ބޮޑު މޮޅެއް

8 ޑިސެންބަރު 2023 - 09:41 0

ލަންޑަން (ޑިސެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑުން 2-1 އިން ޓޮޓެންހަމް ހޮޓްސްޕާސް ބަލިކުރިއިރު، ނިއުކާސަލް ޔުނައިޓެޑް އަތުން 3-0 އިން ހޯދި ބޮޑު މޮޅާ އެކު އެވަޓަން އިން ރެލިގޭޝަން ޒޯނުން ސަލާމަތްވެއްޖެ އެވެ.

ލީގުގެ ނުވަ ވަނައިގައި އޮތް ވެސްޓް ހޭމް އިން ފަސް ވަނައިގައި އޮތް ޓޮޓެންހަމް އަތުން މޮޅުވުމާ އެކު، އެ ޓީމަށް މި ވަނީ ކުރިއަށް ޖެހިލަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. ޓޮޓެންހަމް މި ވަގުތު ފަސް ވަނައިގައި އޮތީ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވުރެ ލަނޑުގެ ތަފާތު ރަނގަޅުވުމުންނެވެ.

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފުވެގެން އެވަޓަންގެ 10 ޕޮއިންޓް އުނިކުރުމުން އެ ޓީމު ވެއްޓުނީ ލީގުގެ އެންމެ ފުލަށެވެ. އެކަމަކު، ޖެހިޖެހިގެން ލީގުގައި ދެ މޮޅު ހޯދައި، އެވަޓަން އިން މި ވަނީ ރެލިގޭޝަން ޒޯނާ ފެޔަށް ޖެހިލައިފަ އެވެ. ރޭގެ ތިން ޕޮއިންޓާ އެކު އެވަޓަން އޮތީ 15 މެޗުން 10 ޕޮއިންޓާ އެކު ލީގުގެ 17 ވަނައިގަ އެވެ.

ޓޮޓެންހަމް ހޮޓްސްޕާސް ސްޓޭޑިއަމްގައި ރޭ އެ ޓީމުން ލީޑުނެގީ 11 ވަނަ މިނިޓްގައި ކްރިސްޓިއަން ރޮމޭރޯ ޖެހި ގޯލުންނެވެ. މިއީ ޕެޑްރޯ ޕޯރޯ ދިން ބޯޅައަކުން ރޮމޭރޯ ޖެހި ގޯލެކެވެ. ވެސްޓް ހޭމް އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައިގެންނެވެ. އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ ޖެރޮޑް ބޮވެން އެވެ.

ވެސްޓް ހޭމް މޮޅުކޮށްދިން ގޯލު ޖެހީ މި ސީޒަނުގައި އެ ޓީމަށް ބަދަލުވެ، ތަފާތު ދައްކަމުން އަންނަ މިޑްފީލްޑަރު، ޖޭމްސް ވޯޑް ޕްރައުސް އެވެ.

ގުޑިސަން ޕާކުގައި އެވަޓަން އިން ނިއުކާސަލް ބަލިކުރި މެޗުގައި ލަނޑުތައް ޖެހީ ފަހު ވަގުތު އެވެ. މެޗުގެ 79 ވަނަ މިނިޓްގައި އެވަޓަންގެ ފުރަތަމަ ލަނޑު ޖެހީ ޑްވައިޓް މެކްނީލް އެވެ. އޭގެ ހަތް މިނިޓް ފަހުން، އަބްދުﷲ ޑޮކޫރޭ ވަނީ އެވަޓަންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގައި އެވަޓަންގެ ތިން ވަނަ ގޯލު ޖެހީ ބެޓޯ އެވެ.