Advertisement

ފަސްޓްލޭޑީއަށް ހަމަޖެއްސައިދޭ ހާއްސަ އުސޫލު ބޮޑު މައްސަލައަކަށްވެ, ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

6 ޑިސެންބަރު 2023 - 17:20 3

ނިމާ ހަސަން

ނިމާ ހަސަން

ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު; ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ, ސީއެސްސީ މަޖިލީހަށް ހާޒިރުކުރަން ވަނީ ނިންމާފައި -- ފޮޓޯ: ރައީސް އޮފީސް


ފަސްޓްލޭޑީއަށް ހަމަޖެއްސައިދޭ ހާއްސަ އުސޫލު ބޮޑު މައްސަލައަކަށްވެ, ސީއެސްސީ މަޖިލީހަށް ހާޒިރުކުރަނީ

6 ޑިސެންބަރު 2023 - 17:20 3

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި އަދާ ކުރައްވަމުން ގެންދެވި ވަޒީފާގައި ދެމިހުންނެވުމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ބޭނުންވެވަޑައިގަންނަވާތީ އެ ފުރުސަތު ދިނުމުގެ ގޮތުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ހާއްސަ އުސޫލެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ, އެ ކޮމިޝަން މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.

މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ދާންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ފަސްޓް ލޭޑީއަށް ހާއްސަ އުސޫލަކުން ވަޒީފާ އަދާކުރެއްވުމުގައި ގޮތްތަކެއް ހަމަޖައްސައިދޭ މައްސަލަ ބޮޑުވެ, ރައްޔިތުންގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އެހެން ވިދާޅުވެ، އެ މައްސަލަ ކޮމިޓީން ބަލަން އޭނާ ހުށަހެޅުއްވި އެވެ. ކޮމިޓީނ ނިންމީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުން ކޮމިޓީއަށް ހާޒިރުކޮށް އެކަމާ ސުވާލުކުރުމަށެވެ.

"ސާޖިދާ ސީއެސްސީގެ ވަޒީފާގައި ހުންނަން ބޭނުންވާތީ, ފަސްޓް ލޭޑީއަށް ފިޓުވާގޮތަށް މިއިން ދުވަހަކުވެސް މީގެ ކުރީގައި ސީއެސްސީން އަމަލު ނުކުރާ ގޮތަށް މަގާމެއް އުފައްދާ, އެ މަގާމުގައި ވަޒީފާ އަދާކުރެވޭނެ ގޮތަށް މާހައުލު ގާއިމުކޮށް, އެ މަސައްކަތް ސީއެސްސީން ކުރަމުންދާތީ އެކަމުގެ ނުރުހުން ވަރަށް ގިނަ ސިވިލް ސާވެންޓުންގެ މެދުގައި އޮތަތީ [މި މައްސަލަ އަޅުގަނޑު މި ހުށަހަޅަނީ]" މައްސަލަ ހުށަހަޅުއްވަން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުالله ވިދާޅުވި އެވެ.

ޔައުގޫބުގެ އެ ހުށަހެޅުމަށް ތާއިދު ކުރެއްވި، ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުالله ވިދާޅުވީ ފަސްޓް ލޭޑީއަށް ހާއްސަ ގޮތެއް ހަމަޖައްސައިދެނީ ސީއެސްސީން ގާނޫނީ އިމުގެ ތެރެއިން ގާނޫނާ އެއްގޮތަށް ކިހިނެތް ހިނގާ ކަމެއްތޯ ކޮމިޓީން ލިޔުމުން ވިޔަސް ސާފު ކުރަން ޖެހޭ ކަމަށެވެ.

ނަމަވެސް ޔައުގޫބު އެދިވަޑައިގެންނެވީ ކޮމިޓީއަށް ސީއެސްސީ މެންބަރުން ހާޒިރުކޮށް އެކަން ސާފު ކުރުމަށެވެ. ސީއެސްސީ ކޮމިޓީއަށް ހާޒިރުކުރަން ނިންމީ އެއަށްފަހު ކޮމިޓީގައި ނެގި ވޯޓުންނެވެ.

ކޮމިޓީގެ މުގައްރިރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި, ދެން އެންމެ އަވަހަށް ކޮމިޓީ ބޭއްވޭނީ އަންނަ ހޯމަ ދުވަހު ކަމަށް ވާތީ އެ ދުވަހު ސީއެސްސީގެ މެންބަރުންނަށް ވަޑައިގެންނެވެން އޮތް ނަމަ އެކަން ތާވަލުކުރައްވާނެ ކަމަށެވެ. ނޫނީ ސީއެސްސީގެ މެންބަރުންނަށް ވަޑައިގެންނެވެން އޮތް އެންމެ އަވަސް މުއްދަތެއްގައި އެކަން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މެޑަމް ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ރާއްޖޭގައި އެ ދާއިރާއިން ތައުލީމު ހާސިލުކޮށްގެން ހުންނެވި އެންމެ ތަޖުރިބާކާރު ބޭފުޅަކީ އެކަމަނާ އެވެ. ރައީސް މުއިއްޒު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ވެސް މެޑަމް ސާޖިދާ ގެންދަވަނީ, ސީއެސްސީގެ ވަޒީފާ އަދާ ކުރައްވަމުންނެވެ.

ފަސްޓް ލޭޑީގެ މަގާމަކީ ރަސްމީ ވަޒީފާއަކަށް ނުވާތީ, ފަސްޓް ލޭޑީ ސީއެސްސީގެ ވަޒީފާގައި ދެމިހުރުމުގައި އެއްވެސް ގާނޫނީ ހުރަހެއް ނެތެވެ. އެހެން ނަމަވެސް ފަސްޓް ލޭޑީގެ ޒިންމާތައް އަދާ ކުރައްވަމުން, ފުލް-ޓައިމް ވަޒީފާއެއް އަދާ ނުކުރެއްވޭނެތީ, އެކަމަނާ ވަނީ ހިދުމަތް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

ފަސްޓް ލޭޑީ ސާޖިދާ ވަނީ ރިޔާސީ އިންތިހާބު ތެރޭގައި ރައީސް މުއިއްޒުގެ ކެމްޕޭނުގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަންނަވާފަ އެވެ. ނާސިހު ވިދާޅުވި ގޮތުގައި އެކަމަނާ ކެމްޕޭނުގައި ހަރަކާތްތެރިވެ ވަޑައިގެންނެވީ ނޯ-ޕޭ ލީވް އެއް ނަންގަވައިގެންނެވެ.

ފަސްޓް ލޭޑީ ސާޖިދާއަކީ, އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ބޭފުޅާ ކަމަށްވާތީ ސީއެސްސީން މިހާރު ދަނީ ހިދުމަތް ކުރުމުގެ އިންތިޒާމު ހަމަޖައްސަން އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސްގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ދައުލަތުން އެލަވަންސެއް ދޭންޖެހެ އެވެ. އެ އެލަވަންސްގެ މިންވަރަކީ ރައީސުލްޖުމްހޫރިއްޔާގެ މުސާރައިގެ ތިންބައިކުޅަ އެއްބަ އެވެ.