Advertisement

އިންޑިއާ ސިފައިން ގެންދާ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

6 ޑިސެންބަރު 2023 - 10:46 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

ރައީސް ޑރ މުހައްމަދު މުއިއްޒު އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ - ފޮޓޯ: ރައީސް އޮފީސް


އިންޑިއާ ސިފައިން ގެންދާ އެއްބަސްވުން ހާމަކުރަން ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

6 ޑިސެންބަރު 2023 - 10:46 0

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން އެގައުމުން އެއްބަސްވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވާތީ، "އެ އެއްބަސްވުން" ހާމަކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލާގައި ސަރުކާރަށް ގޮވައިލީ އިންޑިއާ ސިފައިން އަނބުރާ ގެންދަން އެއްބަސްވި އެއްބަސްވުމާއި ރާއްޖޭގައި މިލިޓަރީ ވިސާގެ ދަށުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކުރުމަށެވެ. ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާ އެއްބަސްވުންތަކެއް އިންޑިއާއާއެކު ހަދާފައިވާ ކަމަށް ރައީސް މުއިއްޒު ކުރިން ތުހުމަތުކުރައްވާފައިވާތީ އެ އެއްބަސްވުންތައް ހާމަކުރަން ވެސް ކުއްލި މައްސަލާގައި ގޮވައިލި އެވެ.

ބައިނަލްއަގްވާމީ މީޑިޔާތަކުގައި ވެސް، ހަތިޔާރު އެޅި އެތައް ސިފައިންނެއް ރާއްޖޭގައި ތިބި ކަމަށް ބުނެ ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައި ވާތީ އެކަން ވެސް ކުއްލި މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

"ރާއްޖޭގެ އިސްތިގްލާލަށް އުނިކަން އައިސް، ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާކަމަށް ވިދާޅުވާ އެއްބަސްވުންތައް ރައްޔިތުންނަށާއި މަޖިލީހަށް ހާމަކުރުމަށް ގޮވާލަން، އަދި ކޮޕް 28-ގައި މޯދީއާ އެކު ބޭއްވި ސައިޑްލައިން ބައްދަލުވުމުގައި ރައީސް މުއިއްޒު އެ ވިދާޅުވާ އިންޑިޔާ ސިފައިން ބޭލުމާ ގުޅޭ ގޮތުން ވެފައިވާ އެއްބަސްވުން ހާމަ ކުރުމަށް ގޮވާލައި ކުއްލި މައްސަލަ ހުށަހަޅަން،" ކުއްލި މައްސަލާގައި ވެ އެވެ.

ކޮޕް ސަމިޓު ނިންމަވާލެއްވުމަށްފަހު، ރާއްޖެ ވަޑައިގެން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އިންޑިއާ ސިފައިން އަނބުރާ ގެންދަން އިންޑިއާ ސަރުކާރަށް ރަސްމީކޮށް އެންގެވީ ރައީސްކަމުގެ ހުވާކުރެއްވުމަށް ފަހު ޖެހިގެން އައި ދުވަހު ކަމަށެވެ.

"އެހެންވީމާ ރަސްމީކޮށް އެެ އޮތީ ހުށަހެޅިފައި. އަދި އޭގެ ކުރިން ކުރެވުނު މަސައްކަތާ، މިއަދާ ހަމައަށް އައި އިރު މިކުރެވުނު ހުރިހާ މަސައްކަތެއްގައި އިންޑިއާ ސަރުކާރުން އެއްބަސްވެފައި ވަނީ އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް،" ރައީސް ވިދާޅުވެފައިވެ އެވެ.

އަހުމަދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސްކުރަން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 36 މެމްބަރުންގެ ތެރެއިން 33 މެމްބަރުން ތާއީދުކުރައްވައިގެންނެވެ.

އިއްޔެ ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، އިންޑިޔާ ސިފައިންގެ އަދަދާ މެދު ނޫސްވެރިން ސުވާލު ކޮށްފައިވެ އެވެ. ވެރިކަމާ ހަވާލުވުމުގެ ކުރިން އެތައް ހާސް އިންޑިޔާ ސިފައިން ތިބި ކަމަށް ވިދާޅުވި ނަމަވެސް ވެރިކަމާ ހަވާލުވުމަށް ފަހު، ރާއްޖޭގައި ތިބީ 77 އިންޑިޔާ ސިފައިން ކަމަށް ވިދާޅުވި އެވެ.

ތަކުރާރުކޮށް އިއްޔެ ނޫސްވެރިން އެ ސުވާލު ކުރުމުން، ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި ރައީސް އޮފީސް ހިމެނޭ ކޮމިޓީއަކުން އެ މައްސަލަ ބަލަމުންދާ ކަމަށް ވިދާޅުވި އެވެ. އަދި ލިޔުންތަކުން އަންނަނީ އެކި ފަހަރު އެކި އަދަދު ކަމަށާއި ބައެއް ފަހަރު 77 ސިފައިން ކަމަށާއި ބައެއް ފަހަރު 89 ސިފައިން ތިބި ކަމަށް ލިޔުންތަކުން ދައްކާ ކަމަށް ރައީސް ވިދާޅުވި އެވެ.