5 ޑިސެންބަރު 2023 - 18:11 0
ނިމާ ހަސަން
ނަދީމް މަރާލުމުގެ ދައުވާކޮށްފައިވާ މީހުން -
5 ޑިސެންބަރު 2023 - 18:11 0
ދަށު ކޯޓުން ނިންމާފައިވާ ނިންމުމެއްގައި މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ހާލަތުގައި ވެސް އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ތުހުމަތު ކުރެވޭ މީހާ ބަންދު ކުރެވޭނެ ކަމަށް ދައުލަތުން ބުނެފި އެވެ.
ދައުލަތުން މިހެން ބުނީ, މީގެ ހަ އަހަރު ކުރިން ޓާމިނަލް ކެފޭގެ ތެރެއަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ތޫނު އެއްޗަކުން ހަމަލާދީ ނަދީމް އިބްރާހިމް މަރާލި މައްސަލާގައި ދައުވާކުރާ މީހުން ބަންދު ކުރަން އަމުރު ނުދެވެނޭ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް, މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.
ނަދީމްގެ މަރުގެ މައްސަލާގައި ތުހުމަތުވާ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން, ދައުލަތުން އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތް ނިމެންދެން އެ މީހުން ބަންދު ކުރުމަށް އެދުނެވެ. އެކަމަކު ހައި ކޯޓުން ނިންމީ އެ އަމުރު ނުދެވޭނެ ކަމަށެވެ.
ހައި ކޯޓުން އެހެން ނިންމީ, ދަށު ކޯޓުން ކުށް ސާބިތު ނުވާކަމަށް ނިންމާފައި ތިބި ބަޔަކު އިސްތިއުނާފުގެ މަރުހަލާގައި ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ހާލަތު ވަޒަން ކުރާނެ ގޮތާއި އެކަން ތަންފީޒު ކުރާނެ ގޮތެއް ގާނޫނެއްގައި ވެސް އިޖުރާއަތެއްގައި ނެތް ކަމަށް ބުނެ އެވެ.
އެ މައްސަލައިގައި މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އެ އަޑުއެހުމުގައި ދައުލަތުން ވަނީ އިސްތިއުނާފީ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެ ހަމަތައް ގާނޫނުގައި ހުރި ކަމަށް ބުނެފަ އެވެ. އެހެން ބުނެ ދައުލަތުން ހަތް ނުކުތާއެއް ފާހަގަކުރި އެވެ. އެއީ:
ދައުލަތުން ބުނީ, ހައި ކޯޓުގެ ނިންމުމަކީ މި މާއްދާތަކާއި ހިލާފު ނިންމުމެއް ކަމަށެވެ.
ދައުލަތުގެ ފަރާތުން ވަކާލާތު ކުރެއްވި ޕަބްލިކް ޕްރޮސެކިއުޓާ އިބްރާހިމް ނާސިހު ވިދާޅުވީ ޝަރީއަތުގެ މަރުހަލާގައި މީހަކު ބަންދުގައި ބަހައްޓާ ނަމަ, ބަންދާ ގުޅިގެން ނިންމި ނިންމުމުގެ ބާރު ކޯޓަށް ނުވަތަ ފަނޑިޔާރަށް ލިބިދީފައިވާ ކަމަށެވެ. އަދި އެ ބާރުގެ ދަށުން ބަންދާމެދު ގޮތް ނިންމުމުގައި ހެކިތައް ވަޒަން ކުރަންވީ ގޮތުގެ އާންމު އިޖުރާއަތާއި އޭގެ ސަބަބު ދަނެގަތުމުގެ އާންމު އިޖުރާއަތްތައް ވެސް ބަޔާންކޮށްފައި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
ވަކީލު ނާސިހު ފާހަގަކުރެއްވި ގޮތުގައި ކުށް ސާބިތުނުވާ މައްސަލަތަކުގައި އިސްތިއުނާފު ކުރުމާ ބެހޭގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ތަފްސީލީ އިޖުރާއަތްތަކެއް ބަޔާންކޮށްފައެއް ނެތެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތުގައި ކޯޓަށް ފުޅާ ދާއިރާއެއްގައި އެ ބާރު ލިބިދެ އެވެ.
"ބާރު ބޭނުން ކުރުމުގައި އޭގެ ފުޅާ މިނުގައި ކަންކަން ނިންމުމަށްވުރެ މީގައި އިސްކަން ދިނުން މުހިންމީ އެއްވެސް ހަމައެއް ނެތި ނުވަތަ އަމިއްލައަށް ފެންނަ ހަމަތަކެއް ނެރެގެން އެކަންކަން ނިންމެވުމަށްވުރެ އެކަން އެކަށައެޅިފައި ހުރި އުސޫލުތަކުގެ ތެރެއިން ވަޒަން ކުރެވެން ހުރި ކަންތައްތަކަށް ބައްލަވައިގެން އެކަންތައްތަކަށް ރިއާޔަތްކުރައްވާފައި ގޮތެއް ނިންމެވުމަށް،" ނާސިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓަށް އެ ބާރު އޮވެމެ, ގާނޫނުތަކުގައި ތަފްސީލީ އިޖުރާއަތު ނެތް ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާ ނުކުތާ މުޅިން ރަނގަޅު ނޫން ކަމަށެވެ.
އޭގެ އިތުރުން ދައުލަތުގެ ފަރާތުން ވަނީ ޝަހީބް އިބްރާހިމް ވ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް، ގަޒިއްޔާގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ރިއާޔަތްކޮށްފަ އެވެ. އެގޮތުން ބަންދާ ގުޅިގެން ގޮތް ނިންމުމުގެ އާންމު އޮނިގަނޑުން އެކަން މިންކުރަންޖެހޭ ގޮތްތައް އެ ގަޒިއްޔާގައި ބަޔާންކޮށްފައިވާކަން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވެ އެވެ.
"އެހެންވިއްޖިއްޔާ އިޖުރާއަތުގެ ތަފްސީލު ބަޔާންވެފައި ނުހުންނަ ހާލަތުގައި އާންމުކޮށް ކަން ކުރެވޭ ގޮތްތައް, ހަމަތައް ބޭނުންކުރެވިގެން ކުރިއަށް ދެވެން ވާނެ ކަމަށް ދައުލަތުން އިސްތިއުނާފީ ނުކުތާގެ ފުރަތަމަ ބައިގައި ޗެލެންޖު ކުރަނީ،" ނާސިހު ވިދާޅުވި އެވެ.
އާންމުކޮށް ބަންދާ ގުޅިގެން ގޮތް ނިންމާއިރު, ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިތޯ އާއި ބަންދުގައި ބަހައްޓަން ޖެހޭ ސަބަބުތައް ވަޒަންކުރަން ޖެހެ އެވެ.
ހއ. ތަކަންދޫ އިބްރާހިމީހިޔާ، ނަދީމް (ނަޑޭ) މަރާލި މައްސަލާގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މެރުމުގެ ދައުވާ އުފުލީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމްގެ މައްޗަށެވެ.
އޭގެ އިތުރުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ރ. އިންނަމާދޫ، ސަމަންތާ، ހުސައިން ޝާމިން އާއި ގއ. ގެމަނަފުށި، ހަވާސް، މުހައްމަދު ކަރަމް ސުހައިލް އަދި ލ. ގަން، ވިދާތަރި، އަލީ ނިފާޒުގެ މައްޗަށް އުފުލި އެވެ.
ޓާމިނަލް ކެފޭ ތެރޭގައި ނަދީމް އިންދައި، މޫނު ނިވާކޮށްގެން ވަން ބަޔަކު އޭނާގެ ބޮލަށް ވަޅިން ހަމަލާދިނީ ޖުލައި 27، 2017 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ހާއިރު އެވެ. އޭނާ މަރުވީ އޭގެ ދެ ދުވަސް ފަހުން އޭޑީކޭގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ހިންގި ކުށަކަށް ވާއިރު، އެ މީހުންގެ މޫނު ފެނުނު ކަމަށް ހެކިބަސް ދިނީ ދައުލަތުން ހުށަހެޅި އެންމެ ދެ ހެކިންނެވެ. ސިއްރު ހެކިންގެ ގޮތުގައި ނެގި އެ ދެ ހެކިން ވަނީ ފަހުން އެ މީހުންގެ ހެކިބަސް އަނބުރާ ގެންދިޔުމަށް އެދި ޝަރީއަތަށް ސިޓީއެއް ފޮނުވައިފަ އެވެ.
ކްރިމިނަލް ކޯޓުގައި ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައެޅީ އެ ކަމުގެ މައްޗަށް ބިނާކޮށްފަ އެވެ.
Comment