5 ޑިސެންބަރު 2023 - 14:46 0
ސާއިފް ޝިޔާދު
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދު؛ އޭނާގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ވަނީ ބުނެފައި
5 ޑިސެންބަރު 2023 - 14:46 0
ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ނިންމައި ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ފޮނުވައިފި އެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ ކުރުމަށް ފޮނުވީ މި ހަފުތާގެ ތެރޭގައި ކަމަށް "އަދަދު" ނޫހަށް މައުލޫމާތު ދެއްވި އެ ކޮމިޝަނުގެ އޮފިޝަލަކު ވިދާޅުވި އެވެ. ނަމަވެސް, ކުރާ ދައުވާތަކުގެ ތަފްސީލެއް އަދި ދައުވާ އުފުލަނީ ކޮން ބަޔަކާ ދެކޮޅަށް ކަމެއް ހާމަކޮށްފައި ނުވެ އެވެ.
އެ މައްސަލާގައި ހޯނޑެއްދޫއިން ރަޝީދު ހައްޔަރުކޮށްގެން ލޯންޗަކަށް އަރުވަނިކޮށް އޭނާގެ މެއަށް ވަރަށް ބޮޑު ތަދުވާ ކަމަށް ރަޝީދު ބުނަމުންދިޔަ ކަމަށް އެ ވަގުތު ބަނދަރު ސަރަހައްދުގައި ތިބި މީހުން ވަނީ ބުނެފަ އެވެ. ނަމަވެސ،ް އޭނާ ވަގުތުން ފަރުވާއަށް ގެންދަން ފުލުހުން ނޫޅުނު ކަމަށް ތުހުމަތު ކުރާއިރު، އޭނާ ގެންދިޔައީ މާ ދުރު ރަށެއްގެ ހޮސްޕިޓަލަކަށެވެ.
މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް ތަހުގީގު ކުރި އެވެ. އަދި, އާއިލާގެ ނުރުހުމުގައި ޕޯސްމޯޓަމް ވެސް ހަދާފައިވެ އެވެ. އާއިލާއިން ދެކޮޅު ހެދީ ޕޯސްޓްމޯޓެމް ހެދިޔަސް، އަބްދުﷲ މަރުވިއިރު ފުލުހުން ވެފައިވާ އިހުމާލެއް އެނގެން ނޯންނާނެތީ ކަމަށް ބުނެ އެވެ.
ގދ. ހޯނޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ. މި އޮޕަރޭޝަނުގައި އަބްދުﷲ ގެ އިތުރުން ފުލުހުން ދެ މީހަކު ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ އެ އިދާރާގެ ބެލުމުގެ ދަށުގައި އަބްދުﷲ ހުއްޓާ މެއަށް ތަދުވެ، ސީޒާއެއް ޖެހޭ ފަދަ އަލާމާތްތަކެއް ފެނުމާއި ގުޅިގެން ގދ. މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ.
Comment