Advertisement

މަތިވެރިފިނޮޅުގެ ބަދަލުގައި މެމްބަރު ޖާބިރުގެ ކުންފުންޏަށް ދޫކުރި ފަޅު ވިއްކާލަނީ

5 ޑިސެންބަރު 2023 - 16:54 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ދިގުދުނި ފަޅު: މި ފަޅު އޮންނަނީ ހެލެނގެލި ރިސޯޓު ކައިރީގައި -- ފޮޓޯ/ގޫގުލް އާތު


މަތިވެރިފިނޮޅުގެ ބަދަލުގައި މެމްބަރު ޖާބިރުގެ ކުންފުންޏަށް ދޫކުރި ފަޅު ވިއްކާލަނީ

5 ޑިސެންބަރު 2023 - 16:54 0

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓްސްއަށް އއ. މަތިވެރިފިނޮޅުގެ ބަދަލުގައި ދޫކުރި ކ. ދިގުދުނި ފަޅު ވިއްކާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ނިމުނު ހަފުތާގެ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ވަނީ މި ފަޅު ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިފައިވާ ހުރިހާ ހައްގުތަކެއް އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ.

މިނިސްޓްރީގެ އެ އިއުލާނަކީ ރަށާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮއްތޯ ބަލަން ކުރި އިއުލާނެކެވެ. މިއީ ޓޫރިޒަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމާ ގުޅޭ ހައްގުތައް ބަދަލުކުރާ ނަމަ އަމަލުކުރަން އޮންނަ އުސޫލުގެ ތެރެއިން ކުރަން ޖެހޭ ކަމެކެވެ.

މި ފަޅު، ޓޫރިޒަމް މިނިސްޓްރީގެ ތަރައްގީކުރަމުން އަންނަ ރިސޯޓުތަކުގެ ލިސްޓުން ފެންނަން ނެތެވެ. މި ފަޅުގެ ވެރިފަރާތް 'އަދަދު' ނޫހުން ކަށަވަރުކުރީ ޓޫރިޒަމް މިނިސްޓްރީއަށް ގުޅައިގެންނެވެ.

އިންޓަނޭޝަނަލް ޓްރެވަލް ކޮންސަލްޓަންޓްސްއިން މަތިވެރިފިނޮޅު ގަތީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ދުވަސްވަރެވެ. އޭރު އެ ކުންފުނީގައި ތިބީ ބޭރުގެ ހިއްސާދާރުންތަކެކެވެ. ޖާބިރު މަތިވެރިފިނޮޅު ހޯއްދެވީ ބޭރު މީހުންގެ ހުރިހާ ހިއްސާތައް ބައްލަވައިގަނެގެންނެވެ. މިހާރު އެ ކުންފުނީގައި ހިއްސާދާރުންގެ ގޮތުގައި ތިބެެނީ އޭނާ އާއި ދޮށީ ފިރިހެން ދަރިފުޅު މުހައްމަދު ޖާބިރެވެ.

މަތިވެރިފިނޮޅުގެ ބަދަލުގައި މާލެ އަތޮޅުން ފަޅެއް ދޭން ނިންމީ ކުރީ ސަރުކާރުން، މިދިޔަ ޖުލައިގަ އެވެ. ސަރުކާރުން މިގޮތަށް ނިންމި ސަބަބެއް ކަމަށް ބުނީ މަތިވެރި ރައްޔިތުންގެ އެދުމުގެ މަތިން، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި މި ފިނޮޅު ހިމެނުމަށް ކަމަށެވެ.

މި ނިންމުމާ އެއްގޮތަށް ސަރުކާރުން އޮގަސްޓުގައި މި ފަޅު މަތިވެރީގެ އިހުތިސާސްގައި ހިމަނައިފަ އެވެ.