5 ޑިސެންބަރު 2023 - 14:12 0
މިންހާ އަބްދުﷲ
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
5 ޑިސެންބަރު 2023 - 14:12 0
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމު ބަދަލުކުރަން ރައްޔިތުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކުރާ ހާލަތެއްގައި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ނަގަން ހުށަހެޅި ބިލު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި ދަ ޑިމޮކްރެޓްސް އިން ކުރާ މަސައްކަތުގައި އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ފާސްކުރުމާ މެދު ނެގި ވޯޓުގައި އިސްލާހު ފާސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 12 މެމްބަރުންނެވެ. ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވި އެވެ.
ގާނޫނު އަސާސީގެ 262 ގައި ވާ ގޮތުން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ރައީސުލްޖުމްހޫރިއްޔާއަށް ތަސްދީގު ކުރެއްވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެންނެވެ.
އިމްތިޔާޒް ހުށަހެޅުއްވި ބިލުގައި އޮތީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ އާއްމު ބާރުތަކުގެ ތެރެއިން ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައިވާ ކަމަކާ ގުޅިގެން ގެންނަ ބަދަލާ މެދު އާންމުންގެ ހިޔާލު އިތުރަށް ހޯދަންނުޖެހޭ ގޮތަށް ހެދުމަށެވެ.
ގާނޫނު އަސާސީގެ 262 ވަނަ މާއްދާ އެގޮތަށް ބަދަލުކުރުމުގެ ހިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އަދި ރާއްޖޭގެ ކުުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
އެމަނިކުފާނު އެ ހިޔާލު ފާޅުކުރެއްވީ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ކުރާ މަސައްކަތުގައި އޮންނަން ފެންނަ ނިޒާމެއް ކަަނޑައަޅަން، އާންމު ވޯޓެއް ނަގަން ގޮވާލައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ރައްޔިތުންގެ މަޖިިލީހަށް ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާ ކުރި ބައްދަލުވުމުގަ އެވެ.
Comment