5 ޑިސެންބަރު 2023 - 15:56 0
ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ވެލިދޫ ޔުނައިޓެޑު ކުޅުނު މެޗެއްގެ ތެރެއިން، އެޓީމްގެ އުމޭސް ބޯޅަ ހިފައިގެން ކުރިއަށްދަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
5 ޑިސެންބަރު 2023 - 15:56 0
މިހާރު ކުރިއަށްދާ 10 ވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ވެލިދޫ ޔުނައިޓެޑުން ކުލަބު ޒެފްރޯލް ބަލިކޮށްފި އެވެ.
ގައުމީ މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި ވާދަކުރަނީ ތިން ޓީމެވެ. އެއީ ވެލިދޫ ޔުނައިޓެޑް، ޒެފްރޯލް އަދި އެންމެ ފަހުގެ ޗެމްޕިއަން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ އެވެ. މި ބައިގެ ފައިނަލުން ފުރުސަތު ލިބޭނީ ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު ކުރި ހޯދާ ދެ ޓީމެވެ.
މުބާރާތަށް ބޮޑު ހޭދައެއްކޮށްގެން ވަރުގަދައަށް ތައްޔާރުވި ޒެފްރޯލް އިއްޔެ ކުޅުނު މެޗުގައި ބަލިވީ ޒުވާން ކުޅުންތެރިން ހިމެނޭ ވެލިދޫ ޔުނައިޓެޑް އަތުންނެވެ. މި މެޗު ވެލިދޫ އިން ކާމިޔާބުކުރީ 30-28 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލިދޫގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.
މިހާތަނަށް ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި ކޮންމެ ޓީމަކުން އެއް މެޗު ކުޅެފައިވާއިރު، ކޮންމެ ޓީމަކަށްވެސް ލިބިފައިވަނީ އެންމެ މޮޅެކެވެ. އެހެންކަމުން ދެ ވަނަ ބުރުގެ މެޗުތައް ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.
މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގައި ރެޑްހޯކްސް އިން ވަނީ 29-19 އިން ކީންސް ބަލިކޮށް ފައިނަލްގެ ފުރުސަތު ބޮޑުކޮށްފަ އެވެ. ދެ ވަނަ ބުރުގައި އެ ޓީމު ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިޔަސް އެ ޓީމަށް ފައިނަލް ޔަގީންވާނެ އެވެ. އަނެއްކޮޅުން، ކީންސް އެއް މެޗުން ބަލިވިޔަސް ފައިނަލުގެ ޖާގައެއް ރެޑްހޯކްސް އަށް ޔަގީންވާނެ އެވެ.
ދެ ވަނަ ޑިވިޝަނަށް ބަލާއިރު އަންހެން ބައިގައި ތުޅާދޫ ޔަންގް އީގަލްސް އިން ވަނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. އެ ގޮތުން ހޯކެޓްސް އާއި ޕާލްސް އަތުން ހޯދި މޮޅާ އެކު ބާކީ އެއް މެޗު އޮއްވައި އެ ޓީމަށް ވަނީ ނޮކްއައުޓް ބުރުން ފުރުސަތު ލިބިފަ އެވެ.
ދެ ވަނަ ޑިވިޝަންގެ ފިރިހެން ބަޔަށް ބަލާއިރު ޓެންޓް ސްޕޯޓްސް ކުލަބުން ބުނީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފަ އެވެ. ވަކަންޑާ އިން ވެސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ސީންސް ސްޕޯޓްސް ކުލަބުން ވަނީ މޮޅެއް ހޯދައިފަ އެވެ.
މުބާާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވަނީ އަންހެން ބައިގެ މެޗުތަކެވެ. ދެ ވަނަ ޑިވިޝަންގައި މިއަދު ފުލިދޫ ޔޫތު ޔުނައިޓެޑާއި، ބޮންތި ސްޕޯޓްސް ކުލަބު ވާދަކުރާއިރު، މިރޭ ގެލެކްޓީކޯސް އާއި ޒެފްރޯލް ވާދަކުރާނެ އެވެ. ފަހު މެޗުގައި ވާދަކުރާނީ ޕްރޯ ސްޕޯޓްސް އެކަޑެމީ އާއި ސުޕަ ޖެނެރޭޝަން ކުލަބެވެ.
Comment