Advertisement

އަހަންނަށް އިޓަލީ ބަހުން ވާހަކަ ދައްކަން ނޭނގެނީ ކަމަށް ވެދާނެ: މޮރީނިއޯ

5 ޑިސެންބަރު 2023 - 08:33 0


އަހަންނަށް އިޓަލީ ބަހުން ވާހަކަ ދައްކަން ނޭނގެނީ ކަމަށް ވެދާނެ: މޮރީނިއޯ

5 ޑިސެންބަރު 2023 - 08:33 0

ރޯމް (ޑިސެމްބަރު 5) - އިޓާލިއަން ލީގުގެ ރެފްރީ، މަޓެއޯ މާސެނާރޯއާ ބެހޭގޮތުން، ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ މީޑިއާގައި ދެއްކި ވާހަކައިގެ ތަހުގީގު ކުރިއަށްދަނިކޮށް، ދިފާއުގައި އޭނާ ވާހަކަ ދައްކައިިފި އެވެ.

ލީގުގައި ސަސުއޯލޯއާ ދެކޮޅަށް ކުޅުނު މެޗުން ރޯމާ ވަނީ 2-1 އިން މޮޅުވެފަ އެވެ. އެ މެޗުގެ ކުރިން މީޑިއާގައި ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ރެފްރީ މާސެނާރޯ އަކީ އިޓަލީގެ އެންމެ މަތީ ފަންތީގައި ރެފްރީކަން ކުރުމުގެ ގާބިލްކަން ނެތް މީހެއް ކަމަށް ދޭހަވާ ގޮތަށް ވާހަަކަ ދައްކައިފަ އެވެ.

މޮރީނިއޯ ބުނެފައިވަނީ މާސެނާރޯ އަކީ ވަރަށް އަވަހަށް "ޖަޒުބާތުގައި" ޖެހިގެން ނިންމުންތައް ނިންމާ މީހެއް ކަމަށެވެ.

އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންނަނީ މޮރީނިއޯގެ މި ވާހަކަތަކާ ގުޅޭ މައްސަަލަ ބަލަމުންނެވެ. އެ ތަހުގީގާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން މޮރީނިއޯ ބުނީ އޭނަ ދެއްކި ވާހަކަ ގިނަ ބަޔަކަށް ރަނގަޅަށް ނޭނގެނީ ކަމަށް ވެދާނެ ކަމަށެވެ.

"އަހަރެން ބައެއް ފަަހަރު ޕޯޗުގީސް ބަހުން ވާހަކަ ދައްކަނީ ބުނަން ބޭނުންވާ ވާހަަކަ ރަނގަޅަށް އޮޅުންފިލުވައިދެވޭނެތީވެ، އަހަރެން ދައްކާ ވާހަކަ މި އޮޅެނީ، އަހަންނަށް ރަނގަޅަށް އިޓަލީ ބަހުން ވާހަކަ ދައްކަން ނޭނގޭތީ ކަމަށް ވެދާނެ، އެއީ ތި އެންމެންނަށް ފަސޭހަވާނީ އިޓަލީ ބަސް،" މޮރީނިއޯ ބުންޏެވެ.

އިޓަލީގެ ރެފްރީސް އެސޯސިއޭޝަނުން މޮރީނިއޯ ދެއްކި ވާހަކަ ކުއްވެރިކޮށްފައިވާތީ އެކަމާ ބެހޭގޮތުން ދެކެނީ ކިހިނެއްތޯ ސުވާލުކުރުމުން މޮރީނިއޯ ބުނީ، ދެއްކި ވާހަކައަކީ އިޓަލީ ފުޓްބޯޅައިގެ ކޮލިޓީ ރަނގަޅު ކުރަން ކުރި ކަމެއް ކަމަށެވެ.

އިޓާލިއަން ލީގުގެ އެއް ވަނައިގައި އޮތީ އިންޓަ މިލާން އެވެ. އެންމެ ފަހުން ކުޅުނު މެޗުގައި އިންޓަ އިން ވަނީ 3-0 އިން އެންމެ ފަހުގެ ޗެމްޕިއަން، ނަޕޯލީ ބަލިކޮށްފަ އެވެ. އެއް ވަނައިގައި އޮތް އިންޓަ އަށް 14 މެޗުން 35 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ޔުވެންޓަސްގެ އޮތީ 14 މެޗުން 32 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނަށް 14 މެޗުން ވަނީ 29 ޕޮއިންޓް ލިބިފަ އެވެ.