Advertisement

ޕީއެންސީ/ޕީޕީއެމްގެ މޭޔަރު ކެންޑިޑެސީ އާޒިމާ ޝުކޫރަށް

4 ޑިސެންބަރު 2023 - 20:24 1

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މިދިޔަ ސަރުކާރުގައި ދިވެހި ކަނޑުން ބައެއް ވިއްކާލި ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމެއްގައި އާޒިމާ ބައިވެލައްވަނީ -- ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޕީއެންސީ/ޕީޕީއެމްގެ މޭޔަރު ކެންޑިޑެސީ އާޒިމާ ޝުކޫރަށް

4 ޑިސެންބަރު 2023 - 20:24 1

ވެރިކަން ކުރާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން މާލޭގެ މޭޔަރު ކެންޑިޑެސީ ކުރީގެ އެޓާނީ ޖެނެރަލް، އައިޝަތު އާޒިމާ ޝުކޫރަށް ލިބިއްޖެ އެވެ.

އޭނާއަށް އެ ކޯލިޝަނުގެ ކެންޑިޑެސީ ލިބުނީ ޕީއެންސީ/ޕީޕީއެމްއިން މާލެ މޭޔަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އިތުރު އެހެން ބޭފުޅަކު އެކަމަށް ކުރިމަތި ނުލުމުންނެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު، ހުސައިން ވަހީދު ވެސް މީގެ ކުރިން އެ ކޯލިޝަނުގެ މޭޔަރު ޕްރައިމަރީއަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރެއްވި އެވެ. ނަމަވެސް އެ ކޯލިޝަނުގެ މަތީފަޑީގައި އުފެދުނު ހިޔާލުތަފާތުވުން ތަކަކަށް ފަހު ޕީއެންސީ/ޕީޕީއެމްގެ އަސްލު ލީޑަރު، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެ ކޯލިޝަނުން ވަކިވެވަޑައިގެން ޕީޕަލްސް ނެޝަނަލް ފުރަންޓުގެ ނަމުގައި އައު ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށްޓެވުމުން މިހާރު ހުސައިން ވަހީދު ވަނީ ޕީއެންއެފްގެ ކެންޑިޑޭޓެއްގެ ގޮތުގައި މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވައިފަ އެވެ.

މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާނެކަން އާޒިމާ އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ހުސްވި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މޭޔަރު ހޮވުމަށް އަންނަ ޖެނުއަރީ 13 ގައި ބާއްވާ ބައި އިލެކްޝަންގައި ވާދަ ކުރައްވަން އާޒިމާ ނިންމެވީ އުމުރުން 17 އަހަރުން ފެށިގެން ގައުމީ ހިދުމަތުގައި ދެމި ހުރި މީހަކަށް ވެފައި ރައްޔިތުންނާ ގާތުން ހިދުމަތް ކުރުމުގެ ޝައުގު އަދިވެސް ހުރުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ތިޔަ ބޭފުޅުންނަށް އަރުވާނެ ޔަގީން ކަމަކީ އަޅުގަނޑަކީ މުރާލިކަމާއެކު ރެޔާއި ދުވާލު ހިދުމަތުގައި ދެމިހުންނާނެ، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މަސައްކަތް ކުރާނެ މީހަކަށް ވާނެ ކަމެވެ. އަދި ކޮންމެ ހާލެއްގައި ވެސް ދިވެހި ގައުމުގެ މަސްލަހަތުތައް އިސްކުރާނޭ މީހެއްގެ ގޮތުގައި އަބަދު ވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަމެވެ،" ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރުކަން ެވސް ކުރެއްވި އާޒިމާ ޕޯސްޓުކުރެއްވި ލިޔުމުގައި ވިދާޅުވެފައިވެ އެވެ.

ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އާޒިމާ ތާއިދު ކުރެއްވީ އެމްއެންޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާޒިމާ ތާއީދު ކުރެއްވީ ދެ ވަނަ ބުރުގަ އެވެ.

މާލޭ މޭޔަރު ކަމުގެ ގޮނޑި ހުސްވެފައި ވަނީ އެ މަގާމުގައި ހުންނެވި ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމުންނެވެ.

ހުސައިން ވަހީދުއާއި އާޒިމާގެ އިތުރުން ދެން މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވަނީ އެމްޑީޕީގެ ޓިކެޓުގައި އެމްޓީސީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އެވެ.

މާލޭ މޭޔަރު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އޮންނަ ދުވަހު މާލޭ ސިޓީ ކައުންސިލުން ހުސްވެފައިވާ ކައުންސިލަރުންނާއި ވ. ރަކީދޫ ކައުންސިލުގެ މެންބަރެއްގެ އިތުރުން 18 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބު ވެސް އޮންނާނެ އެވެ.