4 ޑިސެންބަރު 2023 - 10:31 0
އަހުމަދު އާއިދު
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު : ޝިޔާން އަދި ޖާބިރު ވިޕް ލައިނާ ހިލާފުވި މައްސަލައެއް އެމްޑީޕީއަށް - ފޮޓޯ: އަދަދު
4 ޑިސެންބަރު 2023 - 10:31 0
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެއް ހޮވަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހިލާފުވި މައްސަލައެއް އެޕާޓީގެ ސެކްރެޓޭރިއަޓަށް ހުށަހަޅަން ނިންމައިފި އެވެ.
އެ މައްސަލަ ހުށަހަޅަން ނިންމާފައިވާކަން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ތަރުޖަމާނު، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ އެމްޑީޕީއަށް އެ މައްސަލަ ހުށަހަޅުއްވަން ނިންމެވީ ޕީޖީ ގްރޫޕުގެ ލީޑަރު އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން ކަމަށެވެ.
މުހައްމަދު "އަދަދު" އަށް ވިދާޅުވީ އެ ދެ މެންބަރުންގެ މައްސަލަ ބަލާނެ ކޮމިޓީއެއް ނިންމާނީ ޕާޓީގެ ޗެއާޕާސަން ކަމަށެވެ.
ރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރަން، އެ ޕާޓީގެ ޕީޖީ ގްރޫޕުން ހޮވީ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް އެވެ. އެ ނިންމުމާ އެއްގޮތަށް ސަލީމްގެ ނަން ހުށަހަޅާފައިވަނިކޮށް ޝިޔާން ވަނީ ޖާބިރުގެ ނަން ހުށަހަޅާފަ އެވެ. އެ ނަމަށް ތާއީދުކުރެއްވީ ގައްދޫ ދާއިރާގެ ދަ ޑިމޮކްރެޓްސް މެންބަރު އަހުމަދު ޒާހިރެވެ. ނަމަވެސް ޒާހިރުގެ ނަން މައްސަލާގައި ނެތެވެ.
ރޭ ނެގި ވޯޓުން ސަލީމް ކާމިޔާބުކުރެއްވީ 51 މެމްބަރުންގެ ވޯޓުންނެވެ. ޖާބިރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު އަލުން އަނބުރާ އެމްޑީޕީގެ އަތްމައްޗަށް މިހާރު ވަނީ ފުރޮޅިފަ އެވެ. އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލިސް 19 ގެ ރައީސަކަށް އިންތިހާބުވީ މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދެވެ. ނައިބު ރައީސަކީ އީވާ އެވެ.
އެމްޑީޕީގެ ތެރޭގައި ޖެހުނު މައްސަލަތަކުގައި އެ ޕާޓީ ދޫކުރައްވައި އާ ޕާޓީއެއް އީވާ އާއި ނަޝީދު އިސްވެ ތިއްބަވައި އުފެއްދެވި އެވެ. އެއާއެކު އެ ދެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅަން މަސައްކަތް ކޮށް އެންމެ ފަހުން އެކަން ކާމިޔާބުވީ ވެރިކަން ބަދަލުވާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment