Advertisement

ޑިމޮކްރެޓްސްގެ އިންތިހާބު: ނަތީޖާ އިއުލާނެއް ނުކުރޭ، އެކަމަކު ދެ ކެންޑިޑޭޓުން ވެސް ވިދާޅުވަނީ މޮޅުވެއްޖެ ކަމަށް

3 ޑިސެންބަރު 2023 - 10:49 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ޑިމޮކްރެޓްސްގެ އިންތިހާބު: ނަތީޖާ އިއުލާނެއް ނުކުރޭ، އެކަމަކު ދެ ކެންޑިޑޭޓުން ވެސް ވިދާޅުވަނީ މޮޅުވެއްޖެ ކަމަށް

3 ޑިސެންބަރު 2023 - 10:49 0

އިއްޔެ ކުރިއަށްދިޔަ ދަ ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގެ ނަތީޖާ އިއުލާނު ނުކުރަނީސް ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރި ދެ ކެންޑިޑޭޓުން ވެސް ކާމިޔާބީ އިއުލާނުކޮށްފި އެވެ.

ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ވާދަކުރައްވަނީ ނިމިދިޔަ ސަރުކާރުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަން ކުރެއްވި ހުސެއިން އަމްރު އާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި މިވަގުތު ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފެވެ.

އިއްޔެ ހެދުނު 10:00 ހަވީރު 16:00 އަށް ވޯޓުލުން ނިމި ނަތީޖާ ޝީޓުތަކުގެ ޖުމްލަތައް ޕާޓީ އޮފީހަށް ފޮނުވާފައި ވާއިރު، ޕާޓީއިން ރަސްމީ ސިފައެއްގައި އިންތިހާބާއިގުޅޭ މައުލޫމާތުތައް އާންމުކޮށްފައި ނުވެ އެވެ. ވަގުތީ ނަތީޖާ އިއުލާނުކުރުން ލަސްވާތީީ އެ ޕާޓީގެ އާންމު މެމްބަރުން ވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ނަތީޖާ އިއުލާނު ނުކުރި ނަމަވެސް އިންތިހާބުން ކާމިޔާބުވެއްޖެ ކަމަށް ހަސަން ލަތީފް އާއި އަމްރު ވެސް ވަނީ އިއުލާނުކޮށްފަ އެވެ.

"ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން މި އިންތިހާބު ކާމިޔާބު ވެއްޖެކަން. މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން،" ހަސަން އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ނަމަވެސް އަމްރު އާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވާ އިންތިހާބުގެ ވަގުތީ ނަތީޖާ ޝީޓުތަކަށް ބަލާއިރު ރައީސް ކަމުގެ ގޮނޑި ކާމިޔާބުކުރެއްވީ ކާމިޔާބުކުރެެއްވީ އޭނާ އެވެ. ނަމަވެސް އިންތިހާބުގެ ކަންތައްތައް ދިޔައީ ގޯސްކޮށް ކަމަށާއި ޕާޓީ އޮފީހާއި ހަރުގެ ނަހަމަގޮތުގައި ބޭނުންކޮށްގެން އިނދިކޮޅު ކެންޑިޑޭޓް ކެމްޕޭންކޮށް އަމްރު އާ ދެކޮޅަށް އެންޓި ކެމްޕޭނު ވެސް ކުރި ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޑިމޮކްރަޓްސްގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 5،835 މެމްބަރުންނަށް ލިބިފައިވެ އެވެ. އެ އަދަދަށް މީހުން ވޯޓުލާ އިންތިހާބެއްގެ ވަގުތީ ނަތީޖާ މިވަގުތާ ހަމައަށް ގެނެސްދެވެން ވާނެ ކަމަށް ބައެއް ޑިމޮކްރެޓުން ދަނީ ބުނަމުންނެވެ.