Advertisement

ވާގޮތް: ކުޅަނދުރުގެ މުއާސަލާތުގެ އަޖައިބު

2 ޑިސެންބަރު 2023 - 07:48 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު


ވާގޮތް: ކުޅަނދުރުގެ މުއާސަލާތުގެ އަޖައިބު

2 ޑިސެންބަރު 2023 - 07:48 0

ކުޅަނދުރު ހަތައިގެ ހަލަބޮލި ކުޑަ ކައުނަކީ، ދުނިޔޭގެ އެންމެ ބުރަ އެއް މަސައްކަތެރިންގެ މާހައުލެވެ. ނަށާ، އަތްލާ، ތަފާތު ވަސްތައް ދައްކަމުންދިޔުން ފަދަ، މުއާމަލާތުކުރުމުގެ އާދަޔާހިލާފު އަޖައިބުތަކުން ފުރިގެންވާ ތަނެކެވެ. ގުދުރަތުގެ މި ކުދިކުދި މަންދޫބުނަކީ ހަމައެކަނި މާމަލުން ފޮނިބޯ ސޫފިތަކެއް ނޫނެވެ. އޭގެ އިތުރުން މިއީ އާދަޔާ ހިލާފު ގުދުރަތެއްގެ ތެރެއިން، ފޮނިކަމުން ފުރިފައިވާ ދަނޑުތަކާއި ކުރިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަތައް ގަތާލާ މުއްސަނދިކަމާއެކު މުއާސަލާތު ކުރާ ބައެކެވެ.

ހަތާގެ ތެރޭގައި އަދާކުރާ ދައުރުތައް

ކުޅަނދުރު ހަތާގެ ފަންގިފިލާތަކަށް ނަޒަރު ހިންގާލުމުން، ކޮންމެ ކުޅަނދުރަކަށް ވެސް ފަރުވާތެރިކަމާއެކު ކަނޑައެޅިފައިވާ ދައުރެއް އޮންނަކަން ފާހަގަކުރެވޭނެ އެވެ.

ރާނީ ކުޅަނދުރު

މި ހަލަބޮލި މުޖުތަމައުގެ މެދުގައި ވަނީ ރާނީ ކުޅަނދުރެކެވެ. ކޮންމެހެންވެސް މުހިންމު، ހައިބަތު ހުރި ޝަހުސިއްޔެތެކެވެ. މައިގަނޑު މަސްއޫލިއްޔަތުތަކަކީ ބިސް އެޅުމާއި، ކުޅަނދުރުތަކުގެ ދެމިއޮތުން ކަށަވަރުކުރުމެވެ.

ޑްރޯން ކުޅަނދުރު

ކުޅަނދުރުތަކުގެ އާބާދީގެ 99 އިންސައްތަ އަކީ އަންހެން ކުޅަނދުރެވެ. އަންހެން ކުޅަނދުރުތަކު ބާރު ބޮޑު ހަތާގެ ތެރޭގައި، މައިނޯރިޓީއެއް ކަމަށްވާ ފިރިހެން ޑްރޯންތަކަށް ވެސް ހާއްސަ މަސައްކަތެއްވެ އެވެ. އެއީ ރާނީ ކުޅަނދުރަކާއި ގުޅުން ހިންގާ ނަސްލު ދެމެހެއްޓުމަށް މަސައްކަތްކުރުމެވެ. ޑްރޯން ކުޅަނދުރުގެ ކުރު ހަޔާތް ހޭދަކުރަނީ މިކަމުގަ އެވެ.

ވޯކާ ކުޅަނދުރު

ހަތާގެ ހަލަބޮލިކަމުގެ އަސްލުކަމުގައިވާ ވޯކާ ނުވަތަ މަސައްކަތްތެރި ކުޅަނދުރުތަކުން ދައްކުވައިދެނީ ވަރުބަލިކަމެއް ނެތް ހިދުމަތްތެރިކަމާއި ގިނަ ކަންތައްތަކެއް ކުރެވޭ ކަމެވެ. ވާޖިބުތަކުގެ ތެރޭގައި މާމެލާމެލީގެ ނެކްޓާ އާއި ޕޮލެން ހޯދުމާ، ކާނާ ހޯދުމާއި، ތަރުބިއްޔަތު ކުރުމާއި، މާމުއި ހެދުން އަދި ހަތާގެ މުގައްދަސްކަން ރައްކާތެރި ކުރުން ހިމެނެއެވެ. މި ޒިންމާތައް އެއްވެސް ދަތިކަމެއް ނެތި އަދާކުރުމަށް އެކި ކުޅަނދުރުތައް އަބަދުވެސް އެމީހުންގެ ރޯލުތައް ބަދަލުކުރަމުންދެ އެވެ.

މާތަކާއި މުއާސަލާތު

މާތަކުގެ ދިރުމުގެ ކުލަތައް ދުނިޔެއަށް އޮއްސާލެވޭ ވަގުތުތަކުގައި، ކުޅަނދުރުތަކުން މާ ބަގީޗާތަކަށް ކުރާ ޒިޔާރާތްތަކަކީ އާދައިގެ ބައްދަލުވުންތަކެއް ނޫނެވެ. އެއީ ގިނަ އަދަދެއްގެ ހިއްސުތަކެއް އެއްވެގެން ވިޔާލެވޭ ފޮނި އަދި މުއްސަދި މުއާސަލާތީ ގުޅުންތަކެކެވެ. މާމެލާމެލީގެ ފިޔަތަކުގެ ތެރެއިން މުހިންމު މައުލޫމާތުތައް ދެނެގަނެ ހިއްސާ ކުރުމުގެ ގާބިލްކަމަކީ، ގުދުރަތުގެ ހުށަހެޅުންތައް "ޑީކޯޑް" ކުރުމަށް ކުޅަނދުރަށް ލިބިފައިވާ މޮޅުކަމުގެ ހެއްކެކެވެ.

އަތްލުން

މުއާސަލާތުގެ ތެރޭގައި އަތްލުމަކީ، ހިމޭން ނަމަވެސް މާނަ ފުން ގޮތެއްގައި ހިދުމަތްކުރާ ކަމެކެވެ. ސޫފިތަކުގެ މެދުގައި ކާނާ ބަދަލުކުރުމަށް ބޭނުންކުރާ "ޓްރޮފަލެކްސިސް" އުކުޅު މެދުވެރިކޮށް ކުޅަނދުރުތަކުން ތަފާތު މައުލޫމާތު ބަދަލުކުރެ އެވެ. އޭގެތޭރެގައި ކާނާ ހުރި ތަނާއި ކޮލިޓީގެ އިތުރުން ހަތާގެ އެތެރޭގައި ހިނގާ ބައެއް ކަންކަން ހިމެނެ އެވެ.

ޓްރޮފަލެކްސިސްގެ ޒަރީއާއިން ދެ ކުޅަނދުރު މުއާމަލާތްކުރަނީ


ނެށުން

ކުޅަނދުރުތައް މުއާސަލާތު ކުރާ ގޮތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ގޮތަކީ ނެށުމުން މުއާސަލާތު ކުރުމެވެ. މި ނެށުމަށް އިނގެރޭސިން ދީފައިވާ ނަމަކީ "ވެގްލް ޑާންސް" އެވެ. "ވެގްލް" މާނަ އަކީ ހަލުވިކަމާއެކު ހަރަކާތް ކުރުން ނުވަތަ ތެޅުމެވެ. މަސައްކަތްތެރި ކުޅަނދުރެއްގެ އުމުރުން 21 ދުވަސްވުމުން ހަތާގެ ބޭރުގައި ކުރެވޭ މަސައްކަތްތައް ހަވާލުކުރެވެ އެވެ. އޭގެތެރޭގައި ފެނާއި މާމެލާމެލި ހޯދުން ހިމެނެ އެވެ.

މިއަކީ "ފޮރޭޖާ" ކުޅަނދުރުތަކެވެ. ފޮރޭޖާ ކުޅަނދުރުތައް ތަނެއް ހޯދައިގެން ހަތައަށް އެނބުރި އައުމަށް ފަހު، އެ ތަނުގެ މައުލޫމާތު ހިއްސާކުރުމަށް ނެށުން ބޭނުންކުރެ އެވެ. ވަރަށް ފަރުވާތެރިކަމާ އެކު ގެންނަ ކޮންމެ ހަރަކާތަކުން ބުނެދެނީ މާމެލާމެލި ހުރި މިސްރާބާއި ދުރުމިނާއި އެތަނުގެ މުއްސަދިކަމެވެ.

ވެގްލް ޑާންސް


ފެރޮމޯންސް

ފެރޮމޯންސް އަކީ އެއް ނަސްލެއްގެ ދިރުންތަކުގެ ތެރޭގައި، އެކެތި އަނެކެއްޗަށް ސިގްނަލެއް ނުވަތަ މެސެޖެއް ދިނުމަށް ވައިގެތެރަށް ދޫކޮށްލާ ކެމިކަލްތަކެކެވެ. އެހެން އެތައް ދިރުންތަކެކޭ އެއްގޮތަށް ކުޅަނދުރުތަކުގެ މެދުގައި ވެސް މުއާސަލާތު ކުރުމަށް މިފަދަ މާއްދާއެއް ބޭނުންކުރެ އެވެ. ކުޅަނދުރުތަކުން އެކި ހާލަތްތަކުގައި މިފަދަ ތަފާތު ފެރޮމޯންސް ދޫކުރެ އެވެ. އެގޮތުން ނުރައްކާތައް ސަމާލުކަމަށް ގެނައުމަށް "އެލާމް ފެރޮމޯންސް" ދޫކުރެ އެވެ. އަދި މާތައް އަލުން ހޯދުމަށް "ސެންޓް ފެރޮމޯންސް" ބޭނުންކުރެ އެވެ.

އަޑު

އެންމެ މަދުން ދިރާސާކުރެވިފައިވާ، އެހެނަސް ކުޅަނދުރުތަކުގެ މުއާސަލާތީ ގުޅުން އިތުރަށް މުއްސަނދިކޮށްލަދޭ އެކެއްޗަކީ އަޑެވެ. ބައެއް ހާލަތްތަކުގައި ނެރެލާ މަޑުމަޑު "ހަމް" ތަކާއި ވައިބްރޭޝަންތަކަކީ ކުޅަނދުރުތަކުން މުއާސަލާތު ކުރުމަށް ބޭނުންކުރާ އުކުޅެއްކަމަށް ދިރާސާވެރިން ގަބޫލުކުރެ އެވެ.

މާހައުލުން މުއާސަލާތަށް ކުރާ އަސަރު

މާހައުލުގެ ނިޝާންތަކަކީ ވެސް ކުޅަނދުރުތަކުގެ މުއާސަލާތަށް މުހިންމު ބައެކެވެ. އަބަދުމެ ބަދަލުވަމުންދާ މާހައުލުން، ކުޅަނދުރުތަކުގެ މުއާސަލާތީ އުކުޅުތައް ކުދި ނަމަވެސް މުހިންމު ބަދަލުތައް ގެނެ އެވެ. އެގޮތުން ފިނިހޫނުމިނާއި ވައިގެ ތެއްކަމާއި އަދި މާތަކުގެ ވަސީލަތްތައް ލިބެން ހުރި މިންވަރަށް އަންނަ ބަދަލުތަކާއެކު މުއާސަލާތުގެ އުސޫލުތަކަށް ބަދަލު އާދެ އެވެ. މާހައުލުގެ ބަދަލުވަމުންދާ ތާލުތަކާ އެއް ހަމަ ކުރުމަށް ކުޅަނދުރުތަކުން ނަށާ ގޮތްތަކާއި، ފެރެމޯން ދޫކުރާ މިންވަރު ބަދަލުކުރުން ފަދަ ކަންކަން ކުރެ އެވެ.

ބޭރުގެ ނުފޫޒުތަކުން މުއާސަލާތަށް ކުރާ އަސަރު

ގުދުރަތީ ގޮތުން އަންނަ ބަދަލުތަކުގެ އިތުރުން ހަތާގެ ބޭރުން އަންނަ ނުފޫޒުތަކުގެ ސަބަބުން ވެސް ކުޅަނދުރުތަކުގެ މުއާސަލާތީ ގޮތްތަކަށް ފަރަގު އާދެ އެވެ. މީގެ ތެރޭގައި ހަތާ ހުންނަ ސަރަހައްދުތަކަށް އިންސާނުން ގެންނަ ބަދަލާއި ދޭ ގެއްލުންތަކާއި ތަފާތު ކެމިކަލް ބޭސްތައް ޖެހުން ފަދަ ކަންކަން ހިމެނެ އެވެ. ކުޅަނދުރުތަކަކީ ހިއްސުތައް ވަރުގަދަ އެއްޗެތިކަމުން މިފަދަ ކޮންމެ ބަދަލެއް ވެސް ވަރަށް އަވަހަށް ނަގައިގަނެ އެވެ. އަދި ކޮންމެ ބަދަލަކާ އެކު މުއާސަލާތުގެ އުސޫލުތަކަށް ނޭދެވޭ އަސަރުކޮށްފާނެ އެވެ. ނަތީޖާއަކަށް ވަނީ ކާނާ ހޯދުމާއި ދަރިފަސްކޮޅު އާލާކުރުން ފަދަ ކަންކަމަށް ބުރޫއަރާ މުޖުތަމައުގެ ބާރު ދަށްވުމެވެ.

ނިންމުން

އެތަކެތީގެ އަތްލުމާއި، ނެށުމާއި، އަދި އެ ނޫނަސް އެތައް މުއްސަނދި މުއާސަލާތީ އުސޫލުތަކުން، ކުދިކުދި ކުޅަނދުރުތައް ހަނދާންކޮށްދެނީ ދުނިޔެއާއި ގުދުރަތުގެ އަޖައިބުތެކެވެ. އެމީހުންގެ ކުޑަކުޑަ އެހެނަސް ވަރުގަދަ ދުނިޔެއިން ހުދު އިންސާނުންނަށް ވެސް މުއާސަލާތީ، އަދި މުޖުތައުއާއި ޓެކްނޮލޮޖީގެ ދާއިރާއިން އެތައް ފިލާވަޅެއް ލިބެ އެވެ. ހަތާގައި ގުގުމާލާ އަޖައިބުތަކުން އަހަރުމެން ހައިރާންކޮށްލާއިރު، މި ބުރަ މަސައްކަތެރިން ފޯރުކޮށްދޭ ފުން ހިކުމަތަށް ފަރުވާކުޑަ ނުކުރަމާ ހިނގާށެވެ.