ބައްތެއްޔަކާއި ލަވަފޮށްޓެއް ފެންނަ ކުރެހުމެއް. -- އާޓްވޯކް: ރައްޔާން މުހައްމަދު (ރައިޑޭ)/ އަދަދު
ކާޑު ދުވަސްވަރު ރައްޔިތުން ލޮނު މަހަށް ގޮސް ލިބުނު މަސް ހިފައިގެން މާލެ ދިޔަ އެވެ. އެ ޒަމާނުގައި މަސް ކިރަން ގޮސް އުޅުނީ ބުންބާ ފިހާރަތަކުގެ ތެރެއިން ނަގަރިޔާ ފިހާރައަށެވެ. މި ފިހާރައަށް ދިޔައިރު އެހެންޏާ ނުފެންނަ ޒާތުގެ އާދަޔާއި ހިލާފު އެއްޗެއް ފިހާރައިން ފެނުނެވެ. އެ އެއްޗެއްގެ ތެރެއިން ރާގުރާގަށް ރީތި ލަވަތަކާއި މިއުޒިކު އާދެ އެވެ. އެހެން ކަމުން މިކަމާ ވަރަށް ހައިރާންވާން ޖެހުނެވެ.
ދަތުރު ނިންމާލުމަށް ފަހު ރަށަށް އަތުވެއްޖެ އެވެ. ބައްތެލީން މާލެ އައި މީހުންގެ އެންމެ އިސް ކަމަކަށްވީ ރަށުގެ ވެރީންނާ ބައްދަލު ކުރުމެވެ. އެއީ މި ފަހަރު ނަގަރިޔާ ފިހާރައިން ފެނުނު އާދަޔާ ހިލާފު އެއްޗެއްގެ ވާހަކަ ނަންގަތުމަށެވެ. ވާހަކަ ކިޔައިދިނުމުން މި އެއްޗާމެދު ކަތީބު ވެސް ވަރަށް ބޮޑަށް ހިތްހަމަ ޖެހިލެއްވި އެވެ.
އާދައިގެ މަތިން ދިރިއުޅުމަށްޓަކައި އެ ދުވަސްވަރު ރަށު މީހުން (ކަނޑިތީމު) ކޮށްއުޅުނީ ރޮދު އެޅުމުގެ މަސައްކަތެވެ. ހަމަ ޖެހިފައިވާ ގޮތުން މި ފަހަރު ރޮދު އެޅުން ކުރިޔަށް ދިޔައީ މަކުނުދޫ ފަރުގަ އެވެ. އެ ވާހަކަ "އުނުފޭރާން ހޯދުމަށް މަކުނުދޫ ފަރަށް ރޮދު އަޅަން..." މި ސުރުހީގެ ދަށުން ގެނެސްދޭނަމެވެ.
ޖެހިގެން އައި ދަތުރު ޚަޠީބު ވެސް މާލެ ދުރުވި އެވެ. މަސް ކިރުވައި ނިމިގެން ހިސާބު ކިތާބު ބެލިއިރު ހިތްހަމަޖެހޭވަރުގެ ނަފާއެއް އޮތީ ލިބިފަ އެވެ. ލިބުނު ފައިސާއިން ރަށުގެ ރައްޔިތުންނަށް ބޭނުންވާ ވަރަށް އަންނައުނާއި ދެން ވެސް ބޭނުންވާނެ ސާމާނު ހޯދުމަށް ފަހު ވެސް ބާކީ ފައިސާ ހުއްޓެވެ.
ދަތުރުގެ ކަންތައްތައް ނިމުމުން، ކަތީބު ރަނގަޅަށް ލަވަފޮށި ބައްލަވާ މައުލޫމާތު ހޯއްދެވުމަށް ފަހު ލަވަފޮށި ބައްލަވައިގެންފި އެވެ. އަދި އެއާވާނެ ލަވަހޮޅި ވެސް ބައްލަވައިގަތެވެ. ބައްތެލީގައި ދަތުރުގެ ވާހަކައަކަށް އޮތީ މި ލަވަފޮށީގެ ވާހަކަ އެވެ.
ދަތުރު ކުރަމުން އައިސް ބައްތެއްޔަށް ރަށާހަމައަށް ފޯރީ އިޝާ ނަމާދަށް ގޮވަން ކައިރިވެފައި ވަނިކޮށެވެ. ބައްތެލި ރަށާއި ކައިރި ކުރުމަށް ފަހު ލަވަފޮށީގެ ދުންމާރި ރަށާއި ދިމާކޮށްލުމަށް ފަހު ބައްތެލި އައިސް އޮތް ވާހަކަ ދުންމާރިން ގޮވާލި އެވެ. މި އަޑު ވެގެން ދިޔައީ ރައްޔިތުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި އަޑަކަށެވެ. އެ މީހަކު ހުރި ގޮތަކަށް އެ މީހަކު ހުރި ތަނަކުން މަގު މައްޗަށް ނުކުތެވެ. ހައިރާންވެފައި ތިބި މީހުންނަށް އެއީ ކާކުގެ އަޑެއް ކަން އޮޅިގެން އުޅޭކަށް ނުޖެހުނެވެ. އެއަށްވުރެ މާ ސާފެވެ. އަވަސް އަވަހަށް ފައިއިނދޭ ފުރައިން އަތިރި މައްޗަށް ނުކުތެވެ. އެކަކު އަނެކަކަށް ބުނެ އެވެ. ކޮންމެވެސް ވަރުގަދަ އެއްޗެއް ބައްތެލީގައި މިފަހަރު ވެއްޖެއެވެ. އެއީ އާދައިގެ އެއްޗެއް ނޫނެވެ.
އަނެއް ދުވަހު ލަވަހޮޅި "އުޖާލާ ވިދުވަރު" (ފަހުން ރަށު އޮފީސް) އަށް ގެނެސް އެންމެންނަށް ފެންނަ ހިސާބަށް ނެރެ ލަވައެއް ޖަހައިލި އެވެ. ފުރަތަމަ ޖަހައިލި ލަވަޔަކީ "ލާރި ލައްޕާ ލާރީ ލައްޕާ" އެވެ. އޭރު ރަށުގެ އެންމެން ތިބީ އުޖާލާ ވިދުވަރު ދޮށަށް ޖަމާވެފަ އެވެ. އެއްބަޔަކު ބުނަނީ އޭގެ ތެރޭގައި މީހަކު ވާނެކަމަށެވެ. މީހަކު ނެތިއްޔާ އެ ގޮތަކަށް އަޑެއް ނީވޭނެ އެވެ. ތަފާތު އެކިގޮތް ގޮތަށް އެ މީހަކަށް ހީވާ އެއްޗެއް ކިޔަ އެވެ. ކޮންމެއަކަސް ލަވަފޮށިން ލަވަ އަޑުއެހުމުގެ އިންތިޒާރުގައި ރަށުގެ ކުދިބޮޑު އެންމެން ގޮސް ތިބެނީ އުޖާލާ ވިދުވަރު ކައިރީގައި އެވެ.
ދުނިޔެއަށް އައި ބޮޑުތަދު ނިމުމަކަށް އައުމުން ކާބޯ ތަކެތި ރާއްޖެއަށް އެތެރެ ކުރެވޭ ގޮތް ވެއްޖެ އެވެ. މިހާ ހިސާބުން ކުރާހާ މަސައްކަތެއް ކާޑުގެއަށް ދިނުމުން، ކާޑުގެއިން ކާންދޭ އުސޫލު ދޫކޮށްލަން ބޭނުންވި އެވެ. ކޮންމެ މީހަކުވެސް އެ މީހަކު އަމިއްލަ މަސައްކަތުން ދިރިއުޅެން ބޭނުންވި އެވެ. ރައްޔިތުން ކުރަމުން އައި ވިޔަފާރީގެ ބަދަލުގައި އަމިއްލަ މީހުން އެ މީހުންގެ ވިޔަފާރި ކުރަން ބޭނުންވި އެވެ.
މިކަންތައްތަކުގެ ސަބަބުން އެންމެ ފަހުން ރައްޔިތުންގެ ތަކެތި ނީލަން ކިޔަން މަޖުބޫރުވި އެވެ. މި ތަކެތީގެ ތެރޭގައި ރަށަށް ފުރަތަމަ ގެނައި ލަވަފޮށި ވެސް ނީލަން ކިޔެވެ. އަތޮޅަށް ހުޅުވާލައިގެން ބޭއްވި މި ނީލަމުން ލަވަފޮށި ނެގީ ބިލެއްފަހީ ރީހުއްޞަބާ މުހައްމަދު ރަޝާދެވެ.
ދެހާސް އެއް ވަނަ އަހަރު ބިލެއްފައްސަށް ކުރި ދަތުރެއްގައި މި ލަވަފޮށި ފެނޭތޯ ބެލީމެވެ. ނަމަވެސް އޭރަކު އެ ލަވަ ފޮށްޓެއް ނެތެވެ. ބޭނުން ކެނޑުމަށް ފަހު ވެސް ގޭ މަތީގައި ބާއްވައިގެން ގެންގުޅެވުނީ ގޭގެ އާބާތުރަ ފިލުވަންދެންކަމުގައިވި އެވެ.
މިފަދަ ކަންތައްތަކުން އެނގިގެން ދަނީ ކޮންމެ ޒަމާނެއްގައިވެސް ކޮންމެ ފަދަ ހާލެއްގައި އުޅުނުކަމުގައި ވިޔަސް އަހަރުމެންގެ ކިބައިގައި މަސައްކަތްތެރިކަމުގެ ރޫހު ހުރިފަދައިން މުނިފޫހި ފިލުވުމުގެ ރޫހާއި ފޯރި ހުންނަކަމެވެ. އެކަންކަން ހުންނަން ޖެހޭކަމެވެ.
Comment