1 ޑިސެންބަރު 2023 - 13:51 0
1 ޑިސެންބަރު 2023 - 13:51 0
ރޯމް (ޑިސެމްބަރު 1) - ލޯން އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭއެސް ރޯމާ އަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫގެ އެއްބަސްވުން ދާއިމީ ކުރަން ވިސްނަމުން އަންނަ ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ.
ލުކާކޫ އަކީ ޗެލްސީގެ ކޮންޓްރެކްޓެއްގައި ހުރި ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި އިންޓަ މިލާނަށް ލޯނެއްގެ ދަށުން ކުޅުނު ނަމަވެސް އެ ޓީމުން އޭނާގެ އެއްބަސްވުން ދާއިމީ ނުކުރި އެވެ. މި ސީޒަނަށް ލުކާކޫ ރޯމާއާ ގުޅުނުއިރު، އޭނާގެ އެއްބަސްވުން ދާއިމީ ކުރެވޭނެ މާއްދާއެއް ކޮންޓްރެކްޓްގައި ނުހިމަނަ އެވެ. އެ ޑީލަށް ރޯމާ އިން ޖެހޭނީ ޗެލްސީއާ މަޝްވަރާ ކުރާށެވެ.
މި ސީޒަނުގައި މިހާތަނަށް ކުޅުނު 16 މެޗުން ލުކާކޫ ވަނީ ރޯމާ އަށް 10 ގޯލު ޖަހައިދީފަ އެވެ. އޭނާގެ ފޯމާ މެދު ހިތްހަމަޖެހޭތީ ރޯމާގެ ކޯޗު ހޯސޭ މޮރީނިއޯ ވެސް ވަނީ އެ ވާހަކަ ދައްކައިފަ އެވެ. އެކަމަކު، ލުކާކޫއާ މެދު ގޮތެއް ނިންމުން އޮތީ ކްލަބްގެ ވެރިންގެ އަތްމަތީގައި ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.
ރޯމާގެ ޗީފް ޓިއާގޯ ޕިންޓޯ ބުނީ، ލުކާކޫގެ ދާއިމީ ޑީލެއްގެ ވާހަކަ ދައްކަން އަދި އަވަސް ކަަމަށާއި އެހެން ނަމަވެސް އެ ކްލަބުން އެ ވިސްނުން ގެންގުޅޭ ކަމަށެވެ.
ލުކާކޫ އަށް ކޮންޓްރެކްޓެއް ހުށަހެޅުމުގައި ކަންކަން ކުރަން ރޯމާ އިން ގެންގުޅޭ ވިސްނުމަކީ ސީޒަން ކުރިއަށްދާ ވަރަކަށް އެ މަޝްވަރާތައް ބޭއްވުމަށެވެ. އަދި އަވަސް އަރުވާލައިގެން ނިންމުންތަކެއް ނިންމަން ރޯމާ އިން ބޭނުމެއް ނުވާ ކަމަށް ޕިންޓޯ ވަނީ ބުނެފަ އެވެ.
Comment