Advertisement

ވަޒީރުކަމާބެހޭ ޤުރުއާނުގެ ބައެއް އިރުޝާދުތައް

1 ޑިސެންބަރު 2023 - 07:51 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ނައިބު ރައީސް އަދި ވަޒީރުން -- ފޮޓޯ: ރައީސް އޮފީސް


ވަޒީރުކަމާބެހޭ ޤުރުއާނުގެ ބައެއް އިރުޝާދުތައް

1 ޑިސެންބަރު 2023 - 07:51 0

އިންސާނަކު އޭނާގެ ފަރުދީ ހައިސިއްޔަތުން ކުރާ ތިމާގެ އަމިއްލަ ފަރުދީ ކަންކަމުގައިވެސް ބުނެދޭ މީހުންގެ ލަފަޔާއި ދަންނަ މީހުންގެ އިރުޝާދާއި އެކުވެރިންގެ އެހީތެރިކަމަށް އޮންނަނީ ބޭނުންޖެހިފަ އެވެ. ފަރުދީ ގޮތުން ވެސް މީހަކު ކާމިޔާބުވެ ކުރިއަރާދިއުމަށް އެކިގޮތްގޮތުން ތިމާއަށް މަދަދު ދޭނޭ މަދަދުގާރުންނާއި ބާރުވެރިކުރުވާނެ ވާގިވެރިންނަށް ބޭނުންވެ އެވެ. މިހެން މިކަން އޮތްއިރު، ޖަމާއަތާ ގުޅިފައި އޮންނަ މަސްއޫލިއްޔަތެއް އަދާކުރުމުގައި އަނެކުންގެ ވާގިވެރިކަމާ ނުލައި ކާމިޔާބުނުވާނެކަމީ ޝައްކެތް އޮތްކަމެއް ނޫނެވެ.

ވެރިކަމުގެ މަސްއޫލިއްޔަތަކީ އިންސާނީ ޖަމާއަތާ ގުޅިފައި އޮންނަ އެންމެ ބޮޑު މަސްއޫލިއްޔަތުކަމަށްވުމާއެކު، އެމަސްއޫލިއްޔަތު އަދާކުރަނީ ރަސްކަލެއް ނަމަވެސް ރައީސެއް ނަމަވެސް އަމީރެއް ނަމަވެސް، އޭނާގެ ދަށުން ވާގިވެރިވާނެ ވާގިވެރިން ތަފާތު ނަންނަމުގައި ކަނޑައެޅި، ވެރީންގެ އެހީތެރިންގެ ގޮތުގައި އިންތިޒާމުވެފައި އޮންނަނީ އެމަސްއޫލިއްޔަތު އެގޮތުގެ މަތީން މެނުވީ އަދާނުކުރެވޭނެކަމަށް މުޅި އިންސާނީ ޖަމާއަތުން ފެށުނީއްސުރެ ދެކެމުން އައިސްފައިވާތީ އެވެ. ކަންމިހެން އޮތުމުން މަސްއޫލިއްޔަތެއް އަދާކުރުމުގައި އެހީތެރިވާ ވަޒީރުންނާއި އެފެންވަރުގެ މަގާމުތަކާއި އެމަގާމުތައް އަދާކުރާ ބޭފުޅުންނަކީ މަސްއޫލިއްޔަތާއި ޒިންމާގެ ގޮތުން ވަކި ކުޑަ ދައުރެއް އަދާކުރާ ބަޔެއް ނޫނެވެ. ވުމާއެކު ވަޒީރުކަމަށް އައްޔަންކުރެވޭ މީހުންގައި ހުންނާންޖެހޭ ސިފަތަކަކީ އެޔާމެދު ވިސްނުން ހިންގާޖެހޭ ކަމެކެވެ. އިލާހީ ވަހީބަސްފުޅުތަކުގައި އެކަމާގުޅޭ އިރުޝާދުތައް ހުރި ނެތް ގޮތް ބަލާލުން މުހިންމު މައުލޫއެކެވެ.

މޫސާގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނުހިނދު، ރަސޫލުކަމުގެ މަސްއޫލިއްޔަތު އަދާކުރުމާމެދު ވިސްނައި ފިކުރު ހިންގަވައި މާތް ﷲ ގެ ހަޒުރަތަށް ކުރެއްވި ދުއާފުޅު ނިކަން ޠާހާ ސޫރަތުން ވިދާޅުވެބައްލަވާށެވެ! ޠާހާ ސޫރަތުގެ 25 ވަނަ އާޔަތުން 32 ވަނަ އާޔަތަށެވެ. "އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސްކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގެ ގޮށް މޮއްސަވައިލައްވާނދޭވެ! (އެބަހީ: ދުލުގައިހުރި ދަތިގޮތް ފިލުއްވައިދެއްވައި، ދޫފަސޭހަކޮށްދެއްވާނދޭވެ! އެއީ ތިމަންކަލޭގެފާނުގެ ބަސް އެމީހުންނަށް ވިސްނި، އެނގުމަށްޓަކައެވެ. އަދި ތިމަންކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވަޒީރަކު ތިމަންކަލޭގެފާނަށް ލައްވާނދޭވެ! އެއީ ތިމަންކަލޭގެފާނުގެ އަޚް ހާރޫން ގެފާނެވެ. އެކަލޭގެފާނުގެ ސަބަބުން ތިމަންކަލޭގެފާނުގެ ބާރުގަދަ ކުރައްވާނދޭވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކުގައި (އެބަހީ ރަސޫލުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި) އެކަލޭގެފާނު ބައިވެރިކުރައްވާނދޭވެ!"

ރަސޫލުކަމައިގެން ފޮނުއްވުމުން އަދާކުރެވޭ މަސްއޫލިއްޔަތަކީ މީސްތަކުންނަށް ދީނަށް ގޮވާލުމުގެ މަސްއޫލިއްޔަތުކަމަށްވުމާއެކު، އެކަމުގައި ބަސްމޮށުންތެރިކަމަށް ނުހަނު ބޭނުންވެއެވެ. ހާއްސަކޮށް އިހުގެ ޒަމާންތަކުގައި ލިޔުންތެރިކަން އޮތްލެއް ނާދިރުކަމާއިމަދުކަމުން ބަސްމޮށުންތެރިކަމަށްވުރެ އެމަސްއޫލިއްޔަތު އަދާކުރުމުގައި މުހިންމު އެހެން ހުނަރެއް ނެތެވެ. ހާރޫންގެފާނު އިހުތިޔާރުކުރެއްވުމުގެ އެންމެ މުހިންމު އެއް ސަބަބަކީ ހާރޫންގެފާނުގެ ބަސްމޮށުންތެރިކަމުގެ މޮޅުކަމެވެ. އޭގެ މާނައަކީ، ބަސްމޮށުންތެރިކަމަށް މޮޅު ކޮންމެ މީހަކު ވަޒީރުކަމުގެ ޝަރުތުހަމަވުމެއް ނޫނެވެ. ރަސޫލުކަމުގެ މަސްއޫލިއްޔަތުއަދާކުރުމުގައި ބަސްމޮށުންތެރިކަމުގެ މުހިންމުކަމަށްޓަކައި އެމަސްއޫލިއްޔަތުގެ ވަޒީރެއްގެ ކޮލިފިކޭޝަންއަށް އެޝަރުތު އާދަޔާ ހިލާފަށް މުހިންމުވަނީ އެވެ.

ވިސްނާށެވެ! ވަޒީރެއްގެ ގޮތުގައި ވާގިވެރިއަކު ދެއްވުމަށް ދުއާކުރެއްވިއިރު، މޫސާގެފާނު ދެންނެވީ، އެކަލޭގެފާނުގެ އަހުލުވެރިންގެ ތެރެއިން ވަޒީރަކު ކަނޑައަޅުއްވައިދެއްވުމަށެވެ. އަހުލުވެރިންގެ ތެރެއިން ވަޒީރަކު ކަނޑައަޅައިދެއްވުމަށް އެދިވަޑައިގަތީ ކީއްވެކަން ސާފެވެ. ވަޒީރަކީ އިތުބާރުކުރެވޭ ފަރާތަކަށްވާންޖެހުމެވެ. އަދި މިދުއާއަށް ވިސްނާއިރު، ވަޒީރުކަމުގެ މަގާމަށް އައްޔަންކުރެވޭ ފަރާތަކީ، މަސްއޫލިއްޔަތު އަދާކުރަންހުރި ފަރާތަށް އިތުރު ބާރުވެރިކަމެއް ދެވޭވަރުގެ މީހަކަށް ވާންޖެހޭކަން ވެސް އެނގެ އެވެ.

މޫސާގެފާނު އެދިވަޑައިގަތީ ދެންނެވުނު ފަދައިންނެވެ. އެދުޢާ މާތް ﷲ އިޖާބަކުރެއްވިއެވެ. ފުރުޤާނު ސޫރަތުގެ 35 ވަނަ އާޔަތުގައިވެއެވެ. "ހަމަކަށަވަރުން، މޫސާގެފާނަށް ތިމަންރަސްކަލާނގެ ފޮތް ދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނާއެކު، އެކަލޭގެފާނުގެ އަޚް ހާރޫންގެފާނު ވަޒީރަކު ކަމުގައި ލެއްވީމެވެ."

ޔޫސުފް ސޫރަތުގައި ބަޔާންކޮށްދެއްވާފައިވާ ޔޫސުފްގެފާނުގެ ވާހަކައަކީ ވެސް މިމައުލޫގައި މުހިންމު ވާހަކައެކެވެ. މިސްރުގެ ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅު ތައުބީރުކޮށްދެއްވުމާއެކު ޔޫސުފްގެފާނު ޖަލުން މިނިވަންކުރެއްވުނެވެ. އެއަށްފަހު ރަސްގެފާނުގެ ވިދާޅުބަސްފުޅާއި އެޔާ ގުޅިގެން ޔޫސުފްގެފާނު ދެއްވި ޖަވާބު ޔޫސުފް ސޫރަތުގެ 55 ވަނަ އާޔަތާއި ވިދިގެން އޮތް އާޔަތުގައިވެއެވެ. "ރަސްގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ތިމަންގެ ހިދުމަތަށް ހާއްސަކުރުމަށްޓަކައި، އެކަލޭގެފާނު ތިމަންގެ ގާތަށް ގެންނާށެވެ! ފަހެ، އެކަލޭގެފާނާ ވާހަކަ ދައްކަވާފައި، އެ ރަސްގެފާނު ވިދާޅުވި އެވެ. ހަމަކަށަވަރުން، ކަލޭގެފާނީ، މިއަދު ތިމަންގެ ގާތުގައި މަގާމުއުފުލިގެންވާ އަމާނާތްތެރިޔަކީމެވެ. އެކަލޭގެފާނު ވިދާޅުވި އެވެ. ބިމުގެ ހަޒާނާތްތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން، ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ."

ޔޫސުފްގެފާނަކީ މަގާމުއުފުލިގެންވާ ބޭކަލެއްގެ ގޮތުގައި ވެގެންދިޔަ ސަބަބަކީ އެކަލޭގެފާނުގެ އިލްމުވެރިކަންކަމާމެދަކު ޝައްކެތް ނެތެވެ. ޔޫސުފްގެފާނަށް ވަޒީރުކަން ލިބިވަޑައިގަތީ، އެ އިލްމުވެރިކަމުގެ ސަބަބުން މަގާމު އުފުލިގެންދިއުމުންނެވެ. މަގުބޫލުވެގެންވާ "މީހެއް" ކަމުގައިވެފައިވާތީ އެވެ. ވަޒީރުކަން ލިބުމުން މަގާމު އުފުލިގެންދިއުމާއި، މަގާމު އުފުލިގެންދިއުމުގެ ސަބަބުން ވަޒީރުކަން ލިބުމަކީ ތަފާތު ދެކަމެކެވެ. ވަޒީރުކަމަކީ ނުމީހުން މީހުންނަށް ހަދަން އޮތް ވަސީލަތެއް ކަމުގައި ބަލައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި ވަޒީރުކަން ވާންވީ "މީހުން" ކަމުގައިވާ މީހުންނަށް ހަވާލުކުރެވޭ ކަމެއްކަމުގައެވެ.

މިހާދިސާއިން އިރުޝާދު ލިބޭ އަނެއް ކަމަކީ، ވަޒީރުކަން ހަވާލުކުރެވޭ މީހަކީ އޭނާގެ މަސައްކަތުގެ ދާއިރާގައި މަސްއޫލިއްޔަތަށް އަމާނާތްތެރިވާނެ މީހެއްކަމުގެ ޔަގީންކަން ވެރިމީހާއަށް އޮތް މީހެއްކަމުގައި ވާންޖެހޭކަމެވެ. ހަގީގަތުގައި މީހަކީ އަމާނާތްތެރިއެއްތޯ ނުވަތަ ނޫންތޯ އެނގޭނީވެސް އެމީހަކީ އިހުގެ މާޒީގައި ކަމެއް ކޮށްފައި ހުރި މީހެއް ނަމައެވެ. އެހެންކަމާއެކު މިކޮންމެ ސިފައަކީ ނުވަތަ ޝަރުތަކީ އެއްކަންތައް އަނެއްކަންތަކާ ގުޅިލާމެހޭނެހެން ވަޒަންކުރެވެންޖެހޭ ކަންކަމެވެ.

ތިންވަނަ ކަމަކަށް ފާހަގަކޮށްލަންޖެހެނީ، ބިމުގެ ހަޒާނާގެ ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަމާނާތްތެރިވާނެކަމުގެ ޔަގީންކަން ޔޫސުފްގެފާނު ރަސްގެފާނަށް ދެއްވުމުގެ ގޮތުން ހުށަހަޅުއްވާ ސަބަބެވެ. "...ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ." އާދޭހެވެ! ވުޒާރާއެއްގެ ގޮތުން މަސްއޫލިއްޔަތު އަދާކުރަންޖެހޭ ކަންކަމުގެ އިލްމެއް ނެތި އެކަން އަދާކުރުމުގައި އަމާނާތްތެރިވެ އެކަމަށް ރައްކާތެރިވެވޭނެ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ކުރުކޮށް ހުލާސާކޮށް ދަންނަވާނަމަ، ވަޒީރެއްގެ ގޮތުގައި އައްޔަންކުރެވޭ ފަރާތަކީ، ކަމެއް ކުރުމުގެ ސަބަބުން އާންމުންގެ ތެރޭގައި މަގާމު އުފުލިފައިވާ، އެހެން އިބާރާތަކުން ދަންނަވާނަމަ، މަގުބޫލުކަން ލިބިފައިވާ މީހަކަށްވާންޖެހެ އެވެ. އަދި ވެރިމީހާއަށް އެމީހަކަށް އިތުބާރުކުރެވޭ މީހަކަށްވާންޖެހެ އެވެ. އަދި މަސްއޫލިއްޔަތަށް އަމާނާތްތެރިވާނެކަން ކަށަވަރުވާ މީހަކަށްވާންޖެހެ އެވެ. ހަވާލުކުރެވޭ ދާއިރާގެ އިލްމުހުރިކަންވެސް ޔަގީންކުރެވެންޖެހެ އެވެ.