30 ނޮވެންބަރު 2023 - 13:14 0
ގައުމީ ހޭންޑްބޯޅަ މުބާރާތުގައި ކުލަބު ޒެފްރޯލް އާއި ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން/އަދަދު
30 ނޮވެންބަރު 2023 - 13:14 0
ގައުމީ ހޭންޑްބޯޅަ މުބާރާތަށް ވަރުގަދަ އަށް ތައްޔާރުވި ކުލަބު ޒެފްރޯލް އިން އެންމެ ފަހުގެ ޗެމްޕިއަން ފިއުޗާ ސްޕޯޓްސް ކުލަބު އެކަޑެމީ ބަލިކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
މިމަހުގެ 25 ވަނަ ދުވަހު ފެށި ގައުމީ ހޭންޑްބޯޅަ މުބާރާތުގައި މިއަހަރު 30 ޓީމަކުން ވާދަކުރެ އެވެ. ވިއްސާރައިގެ ސަބަބުން ދެ ދުވަހަށް މުބާރާތުގެ ކުޅުން މެދު ކަނޑާލުމަށްފަހު އިއްޔެ ވަނީ ދެ މެޗެއް ކުޅެފަ އެވެ.
މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ފިއުޗާ ސްޕޯޓްސް ކުލަބު އަތުން ޒެފްރޯލް ވަނީ އިއްޔެ މޮޅުވެފަ އެވެ. މި މެޗު ޒެފްރޯލް އިން ކާމިޔާބުކުރީ 30-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޒެފްރޯލްގެ މުހައްމަދު ފިރުނާޝް އަބްދުﷲ އެވެ.
ތިން ޓީމް ވާދަކުރާ ފިރިހެން ބައިގެ ފުރަތަމަ ޑިވިޝަންގެ ދެ ވަނަ މެޗުގައި ފިއުޗާ އިން ނުކުންނާނީ ވެލިދޫ ޔުނައިޓެޑާ ދެކޮޅަށެވެ. މި މެޗުން ފިއުޗާ ބަލިވެއްޖެނަމަ އެ ޓީމު ކަޓާނެ އެވެ.
ގައުމީ މުބާރާތުގައި އިއްޔެ ކުޅުނު އަނެއް ދެ މެޗަކީ ދެ ވަނަ ޑިވިޝަންގެ ދެ މެޗެވެ. މި ގޮތުން ދެ ވަނަ ޑިވިޝަންގެ ފިރިހެން ބައިގައި ޓެންޓް ސްޕޯޓްސް ކުލަބާއި ބޮންތި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 24-33 އިން ކާމިޔާބުކުރީ ޓެންޓް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކީ ޓެންޓްގެ އަހުމަދު ފިރާޝް އެވެ.
ދެ ވަނަ ޑިވިޝަންގެ އަންހެން ބައިގައި ރޭ ކުޅުނު މެޗު ކާމިޔާބުކުރީ ޔޫތު ސްޕޯޓްސް ކުލަބެވެ. މި މެޗުން ޔޫތު މޮޅުވީ ބޮންތި އާ ވާދަކޮށް 40-8 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކީ ޔޫތުގެ ފާތިމަތު ނިއުޝާ އެވެ.
މުބާރާތުގައި މިއަދު ވެސް ތިން މެޗެއް ކުޅޭނެ އެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ސުޕަ ޖެނެރޭޝަން ކުލަބު ނުކުންނާނީ ނައިސް ސްޕޯޓްސް އެކަޑެމީއާ ދެކޮޅަށެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ހޯކެޓްސް ސްޕޯޓްސް ކުލަބާއި، ތުޅާދޫ ޔަންގް އީގަލްސް ވާދަކުރާއިރު، މިރޭގެ ފަހު މެޗުގައި ކުލަބު ޒެފްރޯލް ނުކުންނާނީ ރެޑްވިންގްސްއާ ދެކޮޅަށެވެ.
Comment