Advertisement

އެމެރިކާގެ ހާރިޖީ ސިޔާސަތު ބައްޓަންކުރެއްވި ހެންރީ ކިސިންޖާ އަވަހާރަވެއްޖެ

30 ނޮވެންބަރު 2023 - 11:46 2


އެމެރިކާގެ ހާރިޖީ ސިޔާސަތު ބައްޓަންކުރެއްވި ހެންރީ ކިސިންޖާ އަވަހާރަވެއްޖެ

30 ނޮވެންބަރު 2023 - 11:46 2

ފިނި ހަނގުރާމައިގެ ތެރޭގައި އެމެރިކާގެ ހާރިޖީ ސިޔާސަތު ކުރައްސަވައި، ބައްޓަންކުރައްވައި، ތަންފީޒުކުރެއްވި، އެ ގައުމުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް އަދި ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ހެންރީ ކިސިންޖާ އުމުރުން 100 އަހަރުގައި މިއަދު އަވަހާރަވެއްޖެ އެވެ.

ކިސިންޖާގެ ޖިއޯޕޮލިޓިކަލް ކޮންސަލްޓިން ކުންފުނި ކަމަށްވާ ކިސިންޖާ އެސޯސިއޭޓްސް އިން ނެރުނު ބަޔާނެއްގައި، މާބޮޑު ތަފްސީލުތަކެއް ނުދީ ހަމައެކަނި ބުނީ އޭނާ އަވަހާރަވީ ކަނެޓިކްގައި ހުންނަ އަމިއްލަ ގޭގައި ކަމަށެވެ.

ޖަރުމަނަށް އުފަންވި ހެއިންޒް އަލްފްރެޑް ކިސިންޖާ އަކީ، ޔޫރަޕުން ޔަހޫދީން ނައްތާލުމަށް އެޑޮލްފް ހިޓްލަރުގެ ނާޒީ ޖަރުމަނުން ހިންގި ގަތުލުއާއްމުގެ ކުރިން އާއިލާއާ އެކު 1938 ގައި އެމެރިކާ ދިރިއުޅުން ބަދަލުކުރި މީހެކެވެ. އޭނާ ވަނީ 1943 ގައި އެމެރިކާގެ ރައްޔިތަކަށްވެ، ދެ ވަނަ ބޮޑު ހަނގުރާމައިގައި ގުޅިފައިވާ އިއްތިހާތުގެ އަސްކަރިއްޔާ އަށް ހިދުމަތްކޮށްފަ އެވެ.

އޭގެ ފަހުން އެމެރިކާގެ ހަވާޑް ޔުނިވާސިޓީން ޕީއެޗްޑީ ހާސިލްކުރެއްވުމަށްފަހު އިލްމީ މަސައްކަތްކުރެއްވުމުގައި ގިނަ އަހަރުތަކެއް ހޭދަކުރެއްވި އެވެ. އޭގެ ފަހުން އޭނާ ވެވަޑައިގަތީ އެމެރިކާ ސަރުކާރުގެ އިދާރާތަކަށް ލަފާ ދެއްވާ ކޮންސަލްޓަންޓަކަށެވެ. އެގޮތުން އެމެރިކާ އިން ވިއެޓްނާމުގައި ކުރި ހަނގުރާމައިގައި އޭނާ ވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ މެދުވެރިއެއްގެ ރޯލު ކުޅުއްވައިފަ އެވެ.

އެ ހަނގުރާމަ ނިންމަވާނެ ކަމަށް ކެމްޕެއިން ކުރައްވައި އެމެރިކާގެ ރައީސަކަށް 1968 ގައި އިންތިހާބުވެވަޑައިގެންނެވި ރިޗަޑް ނިކްސަން ވަނީ ކިސިންޖާ އަށް ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމާއި، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ދެއްވައިފަ އެވެ. އެ މަގާމުތަކުގައި ހުންނަވައި، ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ސޯވިއެޓް ޔޫނިއަން އާއި އެމެރިކާއާ ދެމެދު ކުރި ފިނި ހަނގުރާމައިގެ ތެރޭ އެމެރިކާގެ ހާރިޖީ ސިޔާސަތު ފަރުމާކުރެއްވީ އޭނާ އެވެ.

އެމެރިކާ އާއި ވިއެޓްނާމް ސުލްހަކުރެވުނު ޕެރިސް އެކޯޑްގެ ފަހަތުގައި ހުންނެވުމުން ކިސިންޖާ އަށް 1973 ވަނަ އަހަރު ނޯބެލް ސުލްހައިގެ އިނާމު ދީފައިވެ އެވެ. ނަމަވެސް ކެމްބޯޑިއާ އަށް އެމެރިކާ އިން ސިއްރުން ބޮން އަޅާތީވެ، ކިސިންޖާ އަށް އެ އިނާމު ހައްގުނުވާ ކަމަށް ބުނެ ފާޑުކިއުން އަމާޒުވި އެވެ. އިނާމު ކޮމިޓީގެ ދެ މެމްބަރަކު ވެސް އެ ފަހަރު އިސްތިއުފާ ދެއްވި އެވެ. ކިސިންޖާއާ އެކު އެ އިނާމު އެ ފަހަރު އެރުވުނު ވިއެޓްނާމުގެ ލެ ޑުކް ތޯ ވަނީ އެއްކޮށް ސުލްހަ ގާއިމްނުވާ ކަމަށް ވިދާޅުވެ އިނާމު ބަލައިނުގެންފަ އެވެ.

ވޯޓާގޭޓް މައްސަލައާ ގުޅިގެން ނިކްސަން އިސްތިއުފާ ދެއްވި ނަމަވެސް ދެން ވަޑައިގެންނެވި ގެރާލްޑް ފޯޑް ވަނީ ކިސިންޖާ މަގާމުގައި ބަހައްޓަވައިފަ އެވެ.

މިދިޔަ ގަރުނު ދުށް އެންމެ ކުޅަދާނަ ޑިޕްލޮމޭޓުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ ކިސިންޖާ އަކީ، އެމެރިކާ އާއި ޗައިނާ ގުޅުވާލަދިން މޭސްތިރިޔާ ވެސް މެ އެވެ. އޭގެ ބޭނުމަކަށްވީ، ޗައިނާ އަކީ ސޯވިއެޓް ޔޫނިއަން އަށް މަދަދުދޭ ކޮމިއުނިސްޓް ގައުމަކަށްވާތީވެ، ސޯވިއެޓުންގެ ބާރުކުޑަކުރުމެވެ. ކިސިންޖާ އަކީ ސޯވިއެޓުންނާ އެކު އެމެރިކާ އިން ހެދި ހަތިޔާރު ކޮންޓްރޯލްކުރާ އެއްބަސްވުމުގެ ފަހަތުގައި ހުންނެވި ފަރާތް ވެސް މެ އެވެ. އަދި އިޒްރޭލާއި، މެދުއިރުމަތީގެ ގައުމުތަކާ އެކު އެމެރިކާ އިން ގުޅުން ބަދަހިކުރީ ވެސް ކިސިންޖާގެ ދައުރުގަ އެވެ.

ކިސިންޖާ (ވ) އާއި ނިކްސަން.


ކިސިންޖާ އަކީ ހާރިޖީ ޗެމްޕިއަނެއް ނަމަވެސް އޭނާ އަކީ ގިނަ ބަޔަކު ނުރުހޭ މީހެއް ވެސް މެ އެވެ. އެގޮތުން އެއް ބަޔަކު ދެކޭ ގޮތުގައި އޭނާ އަކީ ހަނގުރާމައިގެ ކުށްވެރިއެކެވެ. އެމެރިކާގެ ކެޕިޓަލިސްޓް ސިޔާސަތު ނެގެއްޓުމަށްޓަކައި، އޭނާ ވަނީ އެ ބައްރުން ކޮމިއުނިޒަމް ނައްތާލުމަށް އަޑީ ރޯލުތައް ކުޅުއްވައިފަ އެވެ. އެކަމަށްޓަކައި ހުދުމުހުތާރު ލީޑަރުންނަށް ތާއީދު ވެސް ދެއްވާފައިވެ އެވެ. އެކަންކަމާ ހެދި އެމެރިކާ ބައްރުގެ ބައެއް ގައުމުތަކުން އޭނާ ހައްޔަރުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.

މީގެ އިތުރުން އަރަބި-އިޒްރޭލް ހަނގުރާމަ އަށް ފަހު މިސްރުގެ ސީނާގެ މައްސަލައިގައި މިސްރާއި އިޒްރޭލަށް އެއްބަސްވުމަކަށް ނާދެވުނީ ކިސިންޖާގެ ސަބަބުން ކަމަށް ވެސް ބުނެވެ އެވެ. އަދި ބަންގްލަދޭޝް މިނިވަންކުރަން 1971 ވަނަ އަހަރު އިންޑިއާ އިން ކުރި ހަނގުރާމައިގައި ޕާކިސްތާނާ އެއްކޮޅަށް ކިސިންޖާ އެރުމަކީ ވެސް އޭނާ އަށް ނުރުހުން އަމާޒުވި ސަބަބެކެވެ.

ހުޅަނގުގައި ވާތުވިޔައިގެ ވިސްނުމާއި، ފިކުރު އާލާވިޔަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކިސިންޖާ ސަރުކާރުން ވަކިވެވަޑައިގަތުމަށް ފަހު 1980 ގެ އަހަރުތަކުން ފެށިގެން އަންނަނީ ދުނިޔޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކަށް ލަފާދޭ ކޮންސަލްޓިން ކުންފުންޏެއް ހިންގަވަމުންނެވެ.

އެމެރިކާ އަށް 2001 ގައި ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުކުރުމަށް އެކުލަވާލި ކޮމިޓީގެ ވެރިޔަކަށް އޭރުގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ކިސިންޖާ ހަމަޖެއްސި ނަމަވެސް އެ ކުންފުނީގެ ކްލައިންޓުންގެ ސަބަބުން މަސްލަހަތު ފުށުއަރާނެ ކަމަށް އިދިކޮޅުން ބުނުމުން އޭނާ އިސްތިއުފާ ދެއްވި އެވެ.

އުމުރުން 100 އަހަރު ވިޔަސް ކިސިންޖާ މިހާތަނަށް ވެސް އުޅުއްވީ ވަރަށް ހަރަކާތްތެރިކޮށެވެ. ރަސްމީ ހަފުލާތަކުންނާއި، މީޑިއާ އިވެންޓްތަކުން އޭނާ ގަވާއިދުން ފެނެ އެވެ. އަދި އޭނާގެ ފޮތްތައް ޕްރޮމޮޓްކުރެއްވުމުގެ މަސައްކަތުގައި ވެސް ވަރަށް ހަރަކާތްތެރިކޮށް އުޅުއްވަ އެވެ.

ކިސިންޖާ ވަނީ ހާރިޖީ ސިޔާސަތާއި، މެނޭޖްމަންޓާއި، އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ފޮތްތަކާއި އަމިއްލަ ތަޖުރިބާތަކާ ގުޅޭ ފޮތްތައް ހިމެނޭހެން ވަރަށް ގިނަ އަދަދަކަށް ފޮތް ލިޔުއްވައި ޝާއިއުކުރައްވައިފަ އެވެ.