Advertisement

ކޮޕް ސަމިޓުން ރާއްޖެއަށް އިޔާދަކުރުވަނިވި ހަކަތައިގެ އިތުރު ޕްރޮޖެކްޓުތައް ހޯދާނަން: ތޯރިގް

29 ނޮވެންބަރު 2023 - 14:25 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު, ކޮޕް 28 އަކީ ކާމިޔާބު ސަމިޓަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި --- ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ކޮޕް ސަމިޓުން ރާއްޖެއަށް އިޔާދަކުރުވަނިވި ހަކަތައިގެ އިތުރު ޕްރޮޖެކްޓުތައް ހޯދާނަން: ތޯރިގް

29 ނޮވެންބަރު 2023 - 14:25 0

ޔޫއޭއީގައި މާދަމާ ފަށަން ހަމަޖެހިފައިވާ ތިމާވެއްޓާ ބެހޭ ބައިނަލްއަގުވާމީ ކޮންފަރެންސް، ކޮޕް-28 ގެ ތެރެއިން އިޔާދަކުރުވުނަވި ހަކަތައިގެ އިތުރު ޕްރޮޖެކްޓުތައް ރާއްޖެއަށް ހޯއްދަވާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ކޮޕް ސަމިޓުގައި ބައިވެރިވުމަށް ޔޫއޭއީއަށް ފުރާވަޑައިގެންނެވުމުގެ ކުރިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނޫސްވެރިންނާ ބައްދަލުކޮށް މިނިސްޓަރު ވިދާޅުވީ މި ސަމިޓަކީ ރާއްޖެ ފަދަ ތެލަށް ބަރޯސާވެފައިވާ ޖަޒީރާ ގައުމަކަށް ވަރަށް މުހިންމު ސަމިޓެއް ކަމަށެވެ.

މޫސޫމީ ބަދަލުތަކުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި ކަރަންޓު އުފެެއްދުމަށް ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަކޮށް ރާއްޖޭގެ އިގްތިސޯދު ރަނގަޅުކުރުމަށް ފައިސާ އާއި ރިނިއުބަލް އެނާޖީ ޕްރޮޖެކްޓުތައް ބޭނުންވާ ކަމަށާއި ކޮޕް ސަމިޓުގެ ތެރެއިން އެ ފަދަ ޕްރޮޖެކްޓުތައް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިކޮނޮމިކް ސިޓުއޭޝަނާއި، ރައްޔިތުންނަށް ކަރަންޓު ހަރަދު ކުޑަކުރުމަށް ފައިސާ އެބަ ބޭނުންވޭ އަދި ޕްރޮޖެކްޓު ވެސް ބޭނުންވޭ. އެހެންވީމަ މިކަމަށް ވެސް އަޅުގަނޑުމެން ކޮޕްގެ ތެރެއިން އިތުރަށް ޕްރޮޖެކްޓްސް ލިބޭތޯ މަސައްކަތް ކުރާނަން. ލިބޭނެ އިރާދަކުރެއްވިއްޔާ،" ތޯރިގް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރުގެ ސަމިޓުގައި ރާއްޖެއިން ވަކާލާތު ކުރާނެ ކަންތައްތަކުގެ ތެރޭގައި ކުރިއަރާފައިވާ މުއްސަނދި ގައުމުތަކުން "ލޮސް އެންޑް ޑެމޭޖް ފަންޑަށް" ފައިސާ ލުމަށާއި އެ ފައިސާ ބޭނުންވާ ވަގުތުތަކުގައި ފަސޭހައިން ނެގޭނެ ގޮތްތަކެއް ހަމަޖެއްސުން ހިމެނޭ ކަމަށެވެ.

ލޮސް އެންޑް ޑެމޭޖް ފަންޑަކީ ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ރަށްގިރުމާއި ފެންބޮޑުވުން ފަދަ މޫސުމީ ބަދަލުތަކުން ގައުމުތަކަށް ލިބޭ ގެެއްލުމުން އަރައިގަންނަން ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ ކޮޕް 27 ސަމިޓުގައި އުފެެއްދި ފަންޑެކެވެ.

"އަޅުގަނޑުމެން ވަކާލާތު ކުރާނަން މުޅި ދުނިޔޭގެ މިކަހަލަ މާލީ އޮގަނައިޒޭޝަންތަކުން ފައިސާ ދޫކުރާނެ ގޮތްތަކުގެ އާކިޓެކްޗާ ބަދަލުކުރަން. އެއީ މިހާރު ވަރަށް އުނދަގޫ ކަމަކަށް ވެފަ މި އޮންނަނީ. ދެން ނޭޗާ ބޭސްޑް ސޮލިއުޝަންތަކެއް ހޯދަން ވެސް އަޅުގަނޑުމެން ވަކާލާތު ކުރާނަން،" އޭނާ ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވި ގޮތުގައި ކޮޕް ސަމިޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާ ތަގުރީރުގައި އެ ހުރިހާ ކަމަކަށް އަލި އަޅުއްވައި ވާހަކަ ދައްކަވާނެ އެވެ.

ކޮޕް ސަމިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސްތައް މަދު ކުރުމަށާއި އެޑަޕްޓޭޝަން މަސައްކަތްތައް ފުޅާކުރުމަށާއި ތިމާވެށީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ބޭނުންވާ މާލީ ކަންކަން ފަހިކުރުމަށް މަސައްކަތް ކުރުމަށާއި އެކަމަށް ބާރުއަޅައި މަޝްވަރާ ކުރުމަށް ގައުމުތަކުގެ ލީޑަރުންނާއި އެކި ޖަމިއްޔާތަކާއި ވިޔަފާރިވެރިންނާ އެކު ކޮންމެ އަހަރަކު އެއް ފަހަރު ބާއްވާ ސަމިޓެކެވެ.

މި އަހަރުގެ ކޮޕް ސަމިޓު ކުރިއަށްދާނީ މާދަމާއިން ފެށިގެން ޑިސެމްބަރު 12، ގެ ނިޔަލަށެވެ. މި ސަމިޓުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އ. ދގެ މުއާހަދާ (ޔޫއެންއެފްސީސީސީ) ގެ މެމްބަރު ގައުމުތައް ހިމެނޭ ގޮތަށް 70،000 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވާނެ ކަމަށް ބެލެވެ އެވެ.