Advertisement

މިއީ ހުރިހާ ސިޔާސީ ޕާޓީތަކާ ގުޅުން ރަނގަޅު ކުރަން އިންޑިއާއަށް ލިބޭ ފުރުސަތެއް: ނަޝީދު

28 ނޮވެންބަރު 2023 - 13:21 0

މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު. އިންޑިއާގެ ދިފާއުގައި މިއަދު ވެސް ވާހަކަ ދެއްކެވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މިއީ ހުރިހާ ސިޔާސީ ޕާޓީތަކާ ގުޅުން ރަނގަޅު ކުރަން އިންޑިއާއަށް ލިބޭ ފުރުސަތެއް: ނަޝީދު

28 ނޮވެންބަރު 2023 - 13:21 0

ރާއްޖޭގެ ސިޔާސީ މާހައުލު މިހާރު އޮތް ގޮތުން ޕާޓީތަކާއި އިންޑިއާއާ ދެމެދު ގާތް ގުޅުމެއް ބިނާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ އިންޑިއާގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާ ވެސް ނުކުންނަވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށް ކޮންމެވެސް ވަރަކަށް ވަނީ "ކުނި" ޖެހިފަ އެވެ. ރާއްޖޭގައި ތިބި 77 އިންޑިއާ ސިފައިން ރާއްޖޭން ފޮނުވާލުމަށް ރަސްމީކޮށް ސަރުކާރުން ވަނީ އެދިފަ އެވެ.

އެކަމުގެ އެއްވެސް އިތުރު ތަފްސީލެއް ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 10 ދުވަސްވީ އިރު ވެސް ސަރުކާރުން ހާމަކޮށްފައި ނުވެ އެވެ. ބުނަމުން ދަނީ އެއްބަސްވުންތައް ދިރާސާކޮށް އިތުރު މައުލޫމާތު ދޭނެ ކަމަށެވެ.

އަބަދުވެސް އިންޑިއާގެ ދިފާއުގައި ވާހަކަ ދައްކަވާ މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ނަޝީދު ވަނީ މިއީ ގުޅުން ހީނަރުވިޔަ ނުދީ ރަނގަޅު ކުރުމަށް އިންޑިއާއަށް ރަނގަޅު ފުރުސަތެއް ކަމަށް ވިދާޅުވެފަ އެވެ.

"ރާއްޖޭގެ ސިޔާސީ މަސްރަހު އޮތްގޮތުން މިއީ އެކި ސިޔާސީ ފިކުރުތަކާ އެކު ގުޅުން ބަދަހި ކުރުމަށް އިންޑިއާއަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އެންމެ ޕާޓީއަކާ އެކުއެއް ނޫން, ހުރިހާ ޕާޓީއަކާ އެކު ވެސް," މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވެފައިވެ އެވެ.

އޭގެ އިތުރުން, އިންޑިއާ އާއި ރާއްޖޭގެ ގުޅުމުގެ މުސްތަގުބަލު ފެންނަނީ އުޖާލާކޮށް ކަމަށާއި ދިވެހިންގެ ހިތްތަކުގައި އިންޑިއާއަށް އަދިވެސް ފުރުސަތު އޮތް ކަމަށް ވިދާޅުވެ ނަޝީދު އެ ގައުމަށް ތައުރީފް ކުރެއްވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވައިލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އެ މައްސަލަ އޮމާންކޮށް ގެންދިއުމަށް ތައްޔާރަށް ތިބި ކަމަށާއި ރައްޔިތުންގެ ނިންމުމަށް އިންޑިއާ ސަރުކާރުން އިހުތިރާމު ކުރާނެ ކަމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.