Advertisement

ވަޒީރަކަށް މިދިޔަ އަހަރު ފޮނުވި ސުވާލުގެ ޖަވާބު އިއްވީ މިއަދު؛ އަސްލަމް ވިދާޅުވީ ދެން އެހެން ނުވާނެ ކަމަށް

28 ނޮވެންބަރު 2023 - 11:18 0

މިންހާ އަބްދުﷲ

މިންހާ އަބްދުﷲ

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް، ސުވާލުތަކުގެ ޖަވާބު އަވަހަށް އިއްވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް


ވަޒީރަކަށް މިދިޔަ އަހަރު ފޮނުވި ސުވާލުގެ ޖަވާބު އިއްވީ މިއަދު؛ އަސްލަމް ވިދާޅުވީ ދެން އެހެން ނުވާނެ ކަމަށް

28 ނޮވެންބަރު 2023 - 11:18 0

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރަށް މިދިޔަ އަހަރު ފޮނުއްވި ސުވާލުތަކުގެ ޖަވާބުތައް މިއަދު މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހު، އާ ރިޔާސަތާއެކު އެގޮތަށް ކަންކަން ނުހިނގާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ދެއްވައިފި އެވެ.

ލިޔުމުން ޖަވާބު ހޯދުމަށް ޒާހިރަށް ފޮނުވާފައިވާ 10 ސުވާލެއްގެ ޖަވާބު މިއަދުގެ ތަޅުމުގައި މަޖިލީހުގެ އަމީންއާންމު އިއްވާފައިވެ އެވެ. އެ ސުވާލުތަކަކީ މިދިޔަ އަހަރު މިނިސްޓަރަށް ފޮނުއްވާފައިވާ ސުވާލުތަކެއް ކަމަށް ސުވާލު ހުށަހެޅުއްވި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ތަކުރާރުކޮށް ވިދާޅުވި އެވެ.

ސުވާލުތަކުގެ ޖަވާބު އިއްވައި ނިމުމުން، ރައީސް އަސްލަމް ވިދާޅުވީ އެބޭފުޅާ މަޖިލީހުގެ ރައީސްކަމާ ހަވާލުވެވަޑައިގެންނެވި އިރު، ލިޔުމުން ޖަވާބު ހޯއްދެވުމަށް 50 ސުވާލު ހުށަހަޅުއްވާފައި އޮތް ކަމަށެވެ.

"މީގެ އެއް އަހަރު ކުރިން މެމްބަރުން ފޮނުއްވި ސުވާލުތަކުގެ ޖަވާބު މަޖިލީހަށް ލިބި، އެހެންނަމަވެސް މަޖިލީހުގައި ޖަވާބުތައް އިއްވިފައި ނުވޭ،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ލިޔުމުން ހުށަހަޅާ ސުވާލުތަކުގެ ޖަވާބު ވީހާވެސް އަވަހަށް، މަޖިލީހުގެ ގަވާއިދު ބުނާ މުއްދަތުގެ ތެރޭގައި އެ ޖަވާބުތައް ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ. މަޖިލީހުގެ އާންމު ޖަލްސާތަކުގެ އިތުރަށް ޖަލްސާތައް ބާއްވައިގެން ވެސް ޖަވާބު ލިބޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މެމްބަރު ރަޝީދު ކުރެއްވި ސުވާލުތަކުގެ ތެރެއިން މިއަދު މަޖިލީހަށް އިއްވި ޖަވާބުތަކުގެ ތެރޭގައި 2019 ވަނަ އަހަރު ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރާއި ކޮވިޑްގެ ތެރޭގައި ހިންގާފައި ހުރި ހަރަދުތަކާ ގުޅޭ ސުވާލުތަކުގެ ޖަވާބުތައް ހިމެނެއެވެ.

ޒަކާތު ފަންޑުން ދަރިވަރުންނަށް ހޭދަ ކުރާ ފައިސާގެ ތަފްސީލް ހޯދުމަށް ކުރި ސުވާލުގެ ޖަވާބުގައި ކުރީގެ މިނިސްޓަރު ވިދާޅުވީ ޒަކާތު ފަންޑުން ކިޔަވާ ދަރިވަރުންނަށް ހޭދަކުރާ ފައިސާ އެ ދަރިވަރުންނާ ހަވާލު ކުރަނީ މިނިސްޓްރީން ކަމަށެވެ. ޒަކާތު ސްކޮލަޝިޕްގެ ދަށުން ކިޔަވާ ދަރިވަރުންނަށް ދޭ ފައިސާ ޖަމާކުރަނީ އެ ދަރިވެއްގެ އެކައުންޓަށް ކަމަށާއި ކޯސް ފީ ޖަމާކުރަނީ ކޮލެޖު ނުވަތަ ޔުނިވާސިޓީގެ އެކައުންޓަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން 2020 ވަނަ އަހަރު 13 ދަރިވަރަކަށް 508،242 (ފައްސަތޭކަ އަށްހާސް ދުއިސައްތަ ސާޅީސް ދޭއް) ރުފިޔާ އަދި 2021 ވަނަ އަހަރު 180 ދަރިވަރަކަށް 11،405،086.96 (އެގާރަ މިލިއަން ހަތަރު ސަތޭކަ ފަސްހާސް އަށްޑިހަ ރުފިޔާ ނުވަދިހަ ހަ ލާރި) ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ކަމަށް މިނިސްޓަރުގެ ޖަވާބުގައިވެ އެވެ.