28 ނޮވެންބަރު 2023 - 11:20 1
ގައުމީ ހޭންޑްބޯޅަ މުބާރާތުގައި އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
28 ނޮވެންބަރު 2023 - 11:20 1
ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އެންމެ ފަހުގެ އަންހެން ޗެމްޕިއަން، އޮރިކްސް ހޭންޑްބޯޅަ ކުލަބު ބަލިކޮށް ރެޑްހޯކްސް އިން ފެށުން ރަނގަޅުކޮށްފި އެވެ.
ޖުމްލަ އެކު 30 ބައިވެރިވާ ގައުމީ ހޭންޑްބޯޅަ މުބާރާތް ފަށާފައިވަނީ މި މަހުގެ 25ގަ އެވެ. ދެ ޑިވިޝަނަށް ބަހާލައިގެން ކުރިއަށްދާ މުބާރާތުގައި މިހާތަނަށް ވަނީ ހަ މެޗެއް ކުޅެފަ އެވެ. މި މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވުނީ ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގައި އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗެވެ.
މިދިޔަ އަހަރުގެ ޗެމްޕިއަން އޮރިކްސް އާއި ރެޑްހޯކްސް ވާދަކުރި މެޗުން އޮރިކްސް ބަލިވީ 23-16 އިންނެވެ. މެޗު ފަށައިގެން ހަމަހަމަކޮށް ކުޅުން ފެނުނު ނަމަވެސް ރެޑްހޯކްސްގެ މަރިޔަމް ޔަޝްފާ އާއި ފިރުޝާނާ ނަސީރުގެ މޮޅު ކުޅުމާ އެކު އެޓީމުން ލީޑު ނެގި އެވެ. ފުރަތަމަ ހާފު ނިމުނުއިރު ރެޑްހޯކްސް އޮތީ ހަތަރު ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު ރެޑް ހޯކްސްގެ ޔަޝްފާ އަށް އަނިޔާވެ މެޗުން ވަކިވާން ޖެހުމުގެ ފައިދާ ނަގަން އޮރިކްސް އިން މަސައްކަތްކުރި އެވެ. ނަމަވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ރެޑްހޯކްސްގެ ގޯލްކީޕަރު އާލާ ވަނީ މޮޅު ސޭވްތަކެއްކޮށްފަ އެވެ.
މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބާއި އާއި ސްޕޯޓްސް ކުލަބު ވާދަކުރި މެޗު 16-04 އިން ކާމިޔާބުކުރީ އާއި ސްޕޯޓްސް ކުލަބެވެ. ދެ ވަނަ މެޗުގައި ޒެނިތުން ވަނީ 17-16 އިން ގެލެކްޓިކޯ ބަލިކޮށްފަ އެވެ. ތިން ވަނަ މެޗުގައި ޕްރޯ ސްޕޯޓްސް އެކަޑެމީ އާއި ފޭސް 2 ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް ވާދަކޮށް 20-17 އިން ކުރި ހޯދީ ޕްރޯ އެކަޑެމީ އެވެ.
މުބާރާތުގެ ފިރިހެން ބައިގައި ރޭވަންސް އާއި އޮސްޕްރޭ ވާދަކުރި މެޗު 29-27 އިން ކާމިޔާބުކުރީ އޮސްޕްރޭ އެވެ. ދެ ވަނަ ޑިވިޝަންގެ އަންހެން ބައިގައި އަޝްދިގާ ސްޕޯޓްސް ކުލަބުވެސް ފެށީ މޮޅަކުންނެވެ. އެޓީމުން ވަނީ 22-09 އިން ޕާލް ސްޕޯޓްސް ކުލަބު ބަލިކޮށްފަ އެވެ.
Comment